ޑރ. އައިމިނަތު ރަމްޝާ: ގިނަ ބަޔަކާ ރަހުމަތްތެރި ގާތް ބޭފުޅެއް

ކެންސަރު

ޑޮކްޓަރު ރަމްޝާ ކެންސަރު ބަލީގައި އަވަހާރަވެއްޖެ

ޑރ. ރަމްޝާއަކީ ރާއްޖޭގައި އުފެދުނު އަންހެން މޮޅު އެތުލީޓުންގެ ތެރެއިން އެކެއް. އޭނާ ވަނީ ބޭރުގައި ވެސް ރާއްޖެ ތަމްސީލްކުރައްވާފައި

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ، އައިޖީއެމްއެޗުގެ ޑރ. އައިމިނަތު ރަމްޝާ މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟- ޑރ. ރަމްޝާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ކެންސަރު ޖެހުނުކަން އެނގިވަޑައިގަތުމާ އެކު އޭނާ ގެންދެވީ ތައިލެންޑަށް ދިރިއުޅުން ބަދަލުކުރައްވައި، ފަރުވާ ހޯއްދަވަމުންނެވެ. އަވަހާރަވީ ވެސް ތައިލެންޑްގަ އެވެ.

ރަމްޝާއަކީ ރާއްޖޭގައި އުފެދުނު އަންހެން މޮޅު ދުވުންތެރިންގެ ތެރެއިން އެކެކެވެ. ދުވުމުގައި އޭނާ ހާއްސަވީ 800 މީޓަރާއި 1500 މީޓަރުގަ އެވެ. އޭނާ ވަނީ ބޭރުގެ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކުރައްވައިފަ އެވެ.

ދުވުމުގެ އިތުރުން ރަމްޝާ ވަނީ ނެޓްބޯޅަ ވެސް ގައުމީ ފެންވަރުގައި ކުޅުއްވައިފަ އެވެ.

އޭނާގެ ގާތް އެކުވެރިޔާ އަދި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދު ބުނީ ރަމްޝާ ކަހަލަ އެތުލީޓުން މަދުވާނެ ކަމަށެވެ.

"ގައުމީ ޓީމުގައި އޭރު އެފަދަ ކުޅުންތެރިން މަދުވާނެ. ޓްރެކްގައި ވަރަށް ގިނަ ވަގުތު ހޭދަކުރި. ވަރަށް ރަނގަޅު އެކުވެރިއެއް އެއީ،" ސަމްހާ ބުންޏެވެ.

ކޮވިޑް-19ގައި ދުނިޔެ ބަންދުކޮށްލި ވަގުތު، އޮންލައިންކޮށް ޑރ. ރަމްޝާގެ އެހީތެރިކަން ގިނަ ބަޔަކަށް ލިބުނެވެ. އެގޮތުން ކްލަބް ހައުސް މެދުވެރިކޮށް ވެސް ގިނަ ބަޔަކާ ވާހަކަދައްކަވައި، ކަންކަމާ ގުޅޭ ގޮތުން ނަސޭހަތް ދެއްވި އެވެ.

ރަމްޝާގެ މަންމަ ވެސް ދުނިޔެ ދޫކުރެއްވީ ކެންސަރު ބަލީގަ އެވެ. އެ ތަޖުރިބާތައް ހިއްސާކުރައްވަމުން އޭނާ ވަނީ ކެންސަރުގެ ބަލި މީހުންނަށް ހިތްވަރު ހޯއްދަވައިދެއްވައިފަ އެވެ.

ޑރ. ރަމްޝާއަކީ ލޯފަން ކުދިންނާއި މީހުންނާ ވެސް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.

"ލޯފަން ކުދިންނަށް ނަސޭހަތްތެރިވެ އިރުޝާދު ދެމުން ގެންދިޔަ މިތުރެއް އެއީ. ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ނަމޫނާ ޝަހްސިއްޔަތެއް،" ރަމްޝާ އަވަހާރަވި ހަބަރު ލިބުމާ އެކު، އޭނާއާ ބައްދަލުވި އަހުމަދު ރަޝީދު ފޭސްބުކްގައި ލިޔުނެވެ.

ކޮމެންޓް (1)

profile-image-placeholder

ފާތީ

2 މޭ 2024
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين

އިތުރު އާޓިކަލް

އިތުރު އާޓިކަލް