ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ/އަޒްމީ)

ޓޫރިޒަމް

ވޯލްޑް ބޭންކުގެ ރިޕޯޓް މަޓާޓޯއަކަށް ގަބޫލެއް ނުކުރެވުނު

މަޓާޓޯއިން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑު ދަށްވުމުގައި އެހެނިހެން ސަބަބުތައް ވެސް އެބަހުރި

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ރިސޯޓުތަކުން ގެސްޓުހައުސްތަކަށް ފުރޮޅެމުން އަންނާތީ، އުފެއްދުންތެރިކަމުގެ މިންގަނޑު ދަށްވެފައިވާ ކަމަށް ބުނެ ވޯލްޑް ބޭންކުން ނެރުނު ރިޕޯޓާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ)އިން ދެކޮޅު ހަދައިފި އެވެ.

ވީ ކިހިނެއް؟- ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވާ ގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރަނީ %4.7 ގަ އެވެ. މިއީ ކުރިން ވޯލްޑް ބޭންކުން ލަފާކުރި ވަރަށް ވުރެ %0.5 ދަށް މިންވަރެކެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ގިނަ ޓޫރިސްޓްތަކުން މިހާރު، އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓުހައުސްތަކަށް އައުމެވެ.

ތަފްސީލު- ވޯލްޑް ބޭންކުގެ މި ރިޕޯޓަށް ގޮންޖަހަމުން މަޓާޓޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީޑީޕީ ދަށްވެފައިވަނީ ހަމައެކަނި އެ ބަދަލާ ގުޅިގެން ނޫން ކަމަށެވެ. 

އެތަނުން ބުނިގޮތުގައި:

  • މި ބަދަލު ގުޅިފައިވަނީ ޓޫރިޒަމް ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑާ ދެމެދު އޮންނަ ބޮޑު ތަފާތު

  • އަދި މުޅި ސިނާއަތުގައި 'އެވްރެޖް ޑެއިލީ ރޭޓްސް' (އޭޑީއާރު) ދަށްވުން

  • އިތުރުވެފައިވާ ސަޕްލައިއަށް ހައްލެއް ހޯދަން ވިސްނުންތެރި މާކެޓިން މަސައްކަތްތަކެއް ނުކުރެވޭ

މަޓާޓޯއިން ބުނާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އެގޮތުން:

  • 40 ބިލިއަން ރުފިޔާ މި މުއްދަތުގެ ތެރޭގައި ދަށްވި އިރު، އޭގެ ކުރީ އަހަރު ދަށްވީ 2.5 ބިލިއަން ރުފިޔާ

  • މިއީ ކުރީ އަހަރާ ބަލާއިރު %5 ގެ ދަށްވުމެއް

  • އެތަނުން ބުނިގޮތުގައި މިދިޔަ އަހަރު ގިނަ ޓޫރިސްޓުންތަކެއް އައި ނަމަވެސް، އާމްދަނީ ދަށްވީ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި 'ލިވްއަބޯޑު'ތަކުގެ ރޫމް ރޭޓު ވަރަށް ބޮޑަށް ދަށްވުމުން

  • އަދި ޓޫރިސްޓުން ރާއްޖެ އައިސް ތިބޭ މުއްދަތާއި އޮކިއުޕެންސީ ރޭޓު ދަށްވުމުގެ ސަަބަބުން ޓޫރިޒަމްގެ ދާއިރާއަށް އިތުރަށް ނޭދެވޭ އަސަރު ކުރި

މަޓާޓޯއިން ބުނިގޮތުގައި ވޯލްޑް ބޭންކުގެ ރިޕޯޓުގައި ހިމަނާފައިވަނީ ހަމައެކަނި މިދިޔަ އަހަރުގެ ތިން ކުއާޓަރުގެ މައުލޫމާތެވެ. އަދި ޓޫރިޒަމް ދާއިރާގެ ފަހުގެ ކުރިއެރުންތަކަށް ބެލިފައި ނުވާ ކަމަށް ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް