އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާއެއްގައި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ (ދިލް ފޮޓޯ/ ހުސައިން ސުނޭން)

އެމްޑީޕީ

ބޮޑު ދެ ބައްޔަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލިސް ފުރަތަމަ ފަހަރަށް މިރޭ އެއްވަނީ

ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި އެމްޑީޕީގެ ކުރިމަގާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިރޭ 9:00 ޖަހާއިރު ގ. ނިއުޝާގައި ހުންނަ އެމްޑީޕީގެ އޮފީހުގައި އޮންނަ މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.

ތަފްސީލު - ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު 'ދައުރު'އަށް ވިދާޅުވީ އެ ބައްދަލުވުމުގައި 'ނިމިދިޔަ އިންތިހާބުތަކާ ގުޅޭ ގޮތުން' މަޝްވަރާ ކުރުމަށް އެޖެންޑާގައި ހިމަނާފައިވާ ކަމަށެވެ.

އިއްޔެ 'އަދަދު' ނޫހަށް ދެއްވި އިންޓަވިއުގެއްގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭގެ ބައްދަލުވުމާ ގުޅޭ ގޮތުން ވިދާޅުވީ:

  • އިންތިހާބު ނާކާމިޔާވުމަށް ދިމާވި ސަބަބުތަކާ ގޫޅޭ ގޮތުން މަޝްވަރާ ކުރާނެ

  • ކުރިމަގުގައި ޕާޓީގެ ކަންކަން ބައްޓަން ކުރާނެ ގޮތާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: މިރޭގެ ބައްދަލުވުން ސިއްރު (ފޮޓޯ/ ހުސެއިން ސުނެއިން)

ގުޅުން ހުރި - މި ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން މީޑީއާތަކަށް ފޮނުވި މެސެޖްގައި ވާ ގޮތުން ބައްދަލުވުން ބާއްވަނީ ހުޅުވާލައިގެންނެއް ނޫނެވެ. އެހެންކަމުން މިއީ މީޑިއާތަކަށް ވެސް ނުވަދެވޭ ސިއްރު ބައްދަލުވުމެކެވެ.

އެކަމަކު ގައުމީ މަޖިލިހުގެ ޖަލްސާއަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑީއާގައި ގޮވާލައިފަ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ. ވާދަވެރި އަދި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް