ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަމޫނާއެއް މީހަކު ދައްކާލަނީ (ފޮޓޯ/އައިޝަތު ނަޖް)

65 އަހަރުން މަތީގެ މީހުންނަށް މުއްދަތު ހަމަނުވާ އަޑީ ކާޑެއް ދެނީ

ކެބިނެޓުން މިިކަމުގައި ގޮތެއް ނިމުނުހާ އަވަހަކަށް އެ ނިންމުން ތަންފީޒު ކުރާނެ ކަމަށް ޑީއެންއާރުން ބުނޭ

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް، މުދައްތު ހަމަނުވާ ގޮތަށް، ދާއިމީ އައިޑީ ކާޑެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޑީއެންއާރުން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އިން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ކޮމިޓީއަށް ޑީއެންއާރުގެ ވެރިން ހާޒިރު ކުރީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބޭނުން ކުރެވޭ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި ޑީއެންއާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ގަފޫރު ވަނީ ކާޑު ހެދުމުގައި މިހާރު އަމަލު ކުރަމުންދާ މުއްދަތުތައް ހާމަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ކުއްޖަކު އުފަންވުމަށް ފަހު 10 އަހަރު ވަންދެން ފުރަތަމަ އައިޑީ ކާޑު ބޭނުން ކުރެވޭނެ

  • 10 އަހަރުން މަތީގެ އުމުރުފުރާތަކަށް އޮންނަނީ ކޮންމެ ފަސް އަހަރަކުން އައިޑީ ކާޑު އާ ކުރާ ގޮތަށް

  • އަދި 40 އަހަރުން މަތީގެ މީހުންނަށް ދޫކުރާ އައިޑީ ކާޑުތައް 10 އަހަރުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ

"މި ކާޑުގެ މުއްދަތު މިގޮތަށް އޮތީމަ، ކޮންމެވެސް ވަރަކަށް ދޮށީ އުމުރުގެ މީހުންނަށް ދަތިވާކަން ޑިޕާޓްމަންޓަށް ފާހަގަވާތީވެ، އަޅުގަނޑުމެން މިދަނީ 65 އަހަރުން މަތީގެ އުމުރުގެ މީހުންގެ ކާޑުގެ މުއްދަތު ހަމަނުވާ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތުގެ ތެރޭގައި މިހާރު އަޅުގަނޑުމެން މި ތިބީ."

ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ގަފޫރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގައި މިއަދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ކޮމީޓީގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ޑީއެންއާރުގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ނަސީމް އެއްސެވީ އެ ނިންމުން ތަންފީޒު ކުރެވޭނީ ކޮން އިރަކުތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޔޫސުފް ވިދާޅުވީ:

  • ޑީއެންއާރުން މިހާރު އެކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ބެލުންތައް ބަލާ ނިންމާފައިވާ ކަމަށް

  • އެކަމާ ގުޅިގެން ކަރުދާހެއް ތައްޔާރުކޮށް، މިހާރު ވަނީ ކެބިނެޓަށް ފޮނުވާފައި

"ކެބިނެޓުން އެއަށް ގޮތެއް ނިމުނުހާ އަވަހަކަށް، އަޅުގަނޑުމެން އަމަލުކުރާ ގޮތެއް އިއުލާން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް