ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްސަސާތައް ހިންގާ ވެލާނާގެ (ދައުރު ފައިލް ފޮޓޯ)

ސިވިލް ސާވިސް އިން ވަކިވި މުވައްޒަފުންނަށް އަލުން ފުރުސަތު ދެނީ

ރައީސް އޮފީހުން ބުނީ، ސިވިލް ސާވިސްގައި މުވައްޒަފުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކާއި ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުގުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ނިންމާފައިވާ ކަމަށް

ސިވިލް ސާވިސްގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ވަޒީފާ ދޫކޮށްލާފައި ތިބި މީހުންނަށް އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ، އެކި ސަބަބުތަކާ ހުރެ ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށްް އަލުން ސިވިލް ސާވިސްގެ ވަޒީފާ އަދާކުރުމުގެ މަގު ފަހުކޮށްދިނުމަށް ރައީސް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އޮފީހުން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ތަފްސީލް - މި ނިންމުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ސިވިލް ސާވިސްގައި މުވައްޒަފުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކާއި ވަގުތީ ގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުގުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ނިންމާފައިވާ ކަމަށެވެ.

  • މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސުމަށް ނިންމާފައިވޭ

  • އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށް އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަށް ހާއްސަ ޕޭ ސްޓްރަކްޗާއެއް އެކުލަވާލަން ވެސް އިއްޔެ ނިންމާފައިވޭ

 މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން މަދުވެގެން %5 ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ހާއްސަ ކުރަން ވެސް އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ވަޒީފާ އިން ވަކިވެފައިވާ މީހުންގެ ތެރޭ ހިމެނޭ އަލުން މަސައްކަތަށް ނިކުންނަށް ބޭނުން މުވައްޒަފުންނަށް ވަޒީފާ ދޭން ނިންމެވީ؛

  • ސިވިލް ސާވިސް އަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތްތައްހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައި މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާތީ 

  •  ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ދަތިކަން ހުރުމުން 

ރައީސް އޮފީހުން ބުނީ، ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި ސިވިލް ސާވިސް އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި އެކަންކަމަށް ހައްލު ހޯދުމަށް ވެސް އިއްޔެގެ ކެބިނެޓުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ގުޅުން ހުރި -ނަރުހުން ހިމެނޭ ގޮތަށް، ސިއްހީ ދާއިރާ އިން އެކި ސަބަބުތަކާ ހުރެ ވަކިވެފައިވާ މުވައްޒަފުންނާއި ހިދުމަތުން ރިޔަޓަޔާ ކޮށްފައި ތިބި މީހުން އަލުން ހިދުމަތަށް ގެނައުމަށް ނިންމާ އެއާ ގުޅޭ އުސޫލެއްގެ ދަށުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް