ޕީއެންސީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ސުޕަ މެޖޯރިޓީގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަވާއެރުވުން: ފަސް މިނެޓްގެ ހަވާއަރުވަން 66،000ރ އަށް ވުރެ ބޮޑު އެއްޗެއް ހޭދަކުރި

ހަވާ އެރުވުންތަކަށް 8 ލައްކަ ރުފިޔާ ހަރަދުކޮށްފި

އެކަމަކު މިއީ ސަރުކާރުން ކުރާ ހަރަދެއް ނޫން. ހޭދަކުރަނީ ކެންޑިޑޭޓުން އަމިއްލައަށް ކަމަށް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން އުފާފާޅުކުމުގެ ގޮތުން މިހާތަނަށް މަދުވެގެން 800،000ރ. އަށް ވުރެ ބޮޑު ހޭދައެއް ކޮށްފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ވިޔަފާރި އުސޫލުން ރާއްޖޭގައި ހަވާއަރުވަނީ، އެމްއެންޑީއެފްގެ ވިޔަފާރި ކުންފުނި ސިފްކޯއިންނެވެ.

ސިފްކޯގެ ބައެއް މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއާ އެކު ރެއާ ހަމައަށް ރާއްޖޭގެ ވިއްސަކަށް ދާއިރާގެ ކެންޑިޑޭޓުން ވަނީ ހަވާއަރުވައިފަ އެވެ.

ތަފްސީލު - ސިފްކޯއިން އާންމު ގޮތެއްގައި ހަވާއަރުވައިދެނީ މިނިޓެކަށް 1،000 ޑޮލަރު (15،420ރ.) އަށެވެ. އެ ކުންފުނިން ދޫކުރާ ޕެކޭޖު ނެގެނީ މަދުވެގެން ތިން މިނިޓަށެވެ.

އެނގިފައިވާ ގޮތުގައި މިފަހަރު ސިފްކޯއިން ވަނީ ކެންޑިޑޭޓުންނަށް ހާއްސަ ރޭޓެއްގައި ހަވާއެރުވުމުގެ ޕެކޭޖް ވިއްކައިފަ އެވެ. އެއީ:

  • މިނެޓަކަށް 800 ޑޮލަރު (12،336ރ.)

  • ޑިސްކައުންޓަށް ދީފައި ވަނީ، 200 ޑޮލަަރު (3،084ރ.)

 މި މައުލޫމާތުތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތަަަށް އެކަނި 66،600 ރުފިޔާ

އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން އުފާ ފާޅުކުރުމަށް މިފަހަރު ހަވާއެރުވުން ފެށުނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ލިބުނު ސުޕަ މެޖޯރިޓީ ފާހަގަކުރަން މިދިޔަ ހޯމަދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ހަރަކާތާ އެކު އެވެ. އެ ހަރަކާތުގައި ހަވާއެރުވީ ފަސް މިނެޓަށެވެ. އެހެންކަމުން ޖީއެސްޓީ %8އާ އެކު، އެރޭގެ ހަރަކާތަށް 800 ޑޮލަރުގެ ރޭޓުން ހަރަދުވާނީ، 4،320 ޑޮލަރު (66،614ރ.) އެވެ.

އޭގެ ފަހުން ހުޅުމާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ހަވާއެރުވި އެވެ. ގިނަ ރަށްތަކުގައި ހަވާއެރުވީ ތިން މިނެޓަށެވެ.

އެ ހުރިހާ ރަށްތަކެއްގައި ހަވާއަރުވާފައި ވަނީ މަދުވެގެން ތިން މިނެޓަށް ކަމަށް ބަލާ ނަމަ، އެ ވިއްސަކަށް ސަރަހައްދުގައި އެކަމަށް މަދުވެގެން 826،000ރ. ހަރަދުވާނެ އެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަވާއަރުވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ކެންޑިޑޭޓުން މި ކުރާ ހަރަދުތަކާ އެކު ސަރުކާރަށް ވެސް ފާޑުކުޔުން ވަނީ އަމާޒުވެފަ އެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެކަމަށް ހަރަދު ކުރަނީ ސަރުކާރުން ނޫން ކަމަށެވެ.

"އެއީ އެބޭފުޅުންގެ ޓީމުތަކާއި އެ ކެންޑިޑޭޓުންގެ އުފާފާޅުކުރުމަށްޓަކައި ކުރަމުންދާ ކަމެއް. އެއީ ސަރުކާރުގެ އެއްވެސް އަނެއްހެން ބައިވެރިވުމެއް އޮވެގެން ކުރާ ކަމެއް ނޫން،" ހަވާއަރުވަނީ ސަރުކާރުން ހަރަދުކޮށްގެންތޯ ނުވަތަ އެ ކެންޑިޑޭޓުން އަމިއްލައަށް ކުރާ ހަރަދެއްތޯ އެހުމުން ހީނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

profile-image-placeholder

ކެން ކާއު ބެނާނީ

29 އޭޕްރީލު 2024
ހާދަ މުށްސަދި އެމްޕީސްއޭ ދޯ މިއުޅެނީ. ވާވް

ސަންތި މަރީ

29 އޭޕްރީލު 2024
ފުވައްމުލަކު ދެކުނު ދާއިރާއިން ހޮވިވަޑައިގެންނެވި އިއްޒަތްތެރި އިންތިޚާބީ މެމްބަރުގެ އާއިލާ ބޭކަލަކާއި މީގެ 3 ދުވަހެއް ކުރިން ދިމާވެގެން ދެކެވުނު ވާހަކައެއްގައި ވިދާޅުވި ކެމްޕޭނަށް އެބޭކަލުންގެ ވިޔަފާރިންވެސް ބައިވަރެއް ޚަރަދުކުރެވިއްޖެކަމަށާއި އެ ހުރިހާ ޚަރަދެއް "ރިކަވާ" ކުރާނެކަމަށާއި ބައިވަރު ޕްރޮޖެކްޓްވެސް ނަގާނެކަމަށް. އެހެންވީމާ ހަވާ އަރުވަން މި ކުރާ ޚަރަދުވެސް ވަންނާނީ މިގޮތަށް "ރިކަވާ" ކުރާ ބައިގެ ތެރެއަށްތާ؟؟ މައްސަލައެއް ނެތެއްނު؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް