ޗީފް އިންސްޕެކްޓަރު ޒިޔާދު: އޭނާ އަވަހާރަވީ ކުއްލި ގޮތަކަށް

ފުލުހުން

ފުލުހުންގެ 'ޒިޔާދު ސޯ' އަވަހާރަވެއްޖެ

އޭނާ ވަނީ އެތައް ހާސް ފުލުހުންނަކަށް ތަމްރީނު ދެއްވާފައި

ފުލުހުންގެ އެކި ތަމްރީނުތަކުގައި ކިޔަވައިދެއްވައި، 'ޒިޔާދު ސޯ'ގެ ނަމުން ގިނަ މީހުން ދަންނަ، ޗީފް އިންސްޕެކްޓަރު މުހައްމަދު ޒިއާދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި، ފުލުހުންގެ ހިދުމަތުގައި 26 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ ޒިއާދު އަވާހަރަވީ ކުއްލި ގޮތަކަށެވެ. 

ޒިއާދަކީ އަލަށް ފުލުހުންގެ ތެރެއަށް ވަންނަ މީހުން ތަމްރީނުކުރާ އަދި އެކި އޮޕަރޭޝަންތަކަށް ވެސް ފުލުހުން ތަމްރީންކުރާ ތަޖުރިބާކާރެކެވެ. ހާއްސަކޮށް މޫދާ ގުޅުން ހުރި ތަމްރީނުތަކުގައި، 44 އަހަރުގެ ޒިއާދުގެ ދައުރު ބޮޑެވެ. އޭނާއަކީ ޑައިވް އިންސްޓްރަކްޓަރެކެވެ.

"މިއީ ފުލުހުންގެ ހިދުމަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް. މިވީ އަހަރުތަކުގައި ޒިއާދު ވަނީ އެތައް ފުލުހުންނަކަށް ތަމްރީނު ދީފައި،" ޒިއާދާ ގާތް، ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒިއާދު އަވަހާރަވީ ބަލިވެ އުޅެފައެއް ނޫނެވެ. އަދި އޭނާއަކީ ސިއްހަތު ރަނގަޅު މީހެއް ކަމަށް ވެސް ސިފަކުރެއްވި އެވެ.

"ކޮންމެ ދުވަހަކު ބަރާބަރަށް ޖިމަށް ގޮސް، މޫދަށް ވެސް ގޮސް އުޅޭނެ. ހަމަ ކުއްލި ގޮތަކަށް ނިޔާވީ،" އޭނާ ވިދާޅުވި އެވެ.

ދިވެހި ފުލުހުން އުފެދުނު އިރު ދެވަނައަށް އެންމެ މަތީ މަގާމުގައި ހުންނެވި އަދި މިހާރު ރައީސް އޮފީހުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހިމް ލަތީފު ސިފަކުރެއްވި ގޮތުގައި ޒިއާދަކީ އޭނާގެ ޒިންމާއަށް ވުރެ 'މަތިން އަދި ދުރަށް' މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.

"އެއީ އިހުތިރާމް ލިބިގެންވާ އަދި މަސައްކަތަށް އެހާމެ ލޯބިކުރެއްވި ބޭފުޅެކެވެ،" ލަތީފުގެ ފޭސްބުކް ޕޯސްޓްގައި ލިއުއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް