ސިފައިންގެ އަސާސީ ތަމްރީން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ހަމްނާ ރަޝީދަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވޯޑް ހަވާލުކުރައްވަނީ

އެމްއެންޑީއެފް

ކުރީ ބެޗުގައި އަންހެން ސިފައިން ދެއްކި ހިތްވަރު މި ފަހަރު ވެސް

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން މި ފަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ހަމްނާ ރަޝީދު

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން މި ފަހަރު ވެސް އަންހެނަކު އެއްވަނަ ހޯދައިފި އެވެ.

ވީ ކިހިނެއް؟- އެމްއެންޑީއެފްއަށް ވަންނަ ސިފައިން ތަމްރީންކުރާ މި ކޯހުން، މިދިޔަ އަހަރު ވެސް ހުރިހާ ގޮތަކުން އެއް ވަނަ ހޯދީ އަންހެނެކެވެ. ސިފައިންގެ މި ފަދަ ކޯސްތަކުން އަންހެން ސިފައިން ވަނަ ހޯދުމަކީ އާއްމު ކަމެއް ނޫން ނަމަވެސް، މި ފަހުން އަންނަނީ މި ތަފާތު ދައްކަމުންނެވެ.

ތަފްސީލު- މިއަދު ހަވީރު ގިރިފުށީގައި ބޭއްވި ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގައި، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޒުވާން، ހަމްނާ ރަޝީދެވެ. ފަސް މަސް ދުވަހުގެ މި ކޯހުގައި ހަމްނާ ވަނީ، ކަށިން ހިތްވަރު ނެރެ، ދެން އޭނާއާ އެކު މި ކޯހުގައި ބައިވެރިވި 89 ފިރިހެނުންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މިއަދު އޮތީ މިދިއަ އޮކްޓޯބަރުގައި ފަށައިގެން ފަސް މަސް ދުވަހަށް ކުރިއަށް ގެންދިޔަ ކޯހުން ފާސްވި ސިފައިންގެ ގްރެޖުއޭޝަން

މި ކޯހުގައި ދެން އެންމެ ޝަރަފްވެރި އެވޯޑުތައް ކަމަށްވާ، ހަށިހެޔޮކަމާއި އަމާޒަށް ބަޑިޖެހުމާއި ހެވިކަމާއި މަޒްމޫނު ލިޔުމުން މަތީ ވަނަތައް ހޯދީ ހުސް ފިރިހެނުންނެވެ.

އެނގުން މުހިއްމު- ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމާއި ތަމްރީން ދޭން ހިންގާ ކޯހެކެވެ.

ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ:

  • ގައުމިއްޔަތަށް ލޯބިކުރާ ސިފަވަންތަ މީހަކަށް ހެދުން

  • އަހުލާގު ރަނގަޅު، އަމުރަށް ކިޔަމަންތެރިވާ މީހަކަށް ހެދުން

  • ހަށިހެޔޮ މީހަކަށް ހެދުމާއި، ސިފައިންގެ މީހަކަށް އެނގެން ޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައިދިނުން

މި ކޯހުގައި ސިފައިންގެ ގަވައިދާއި ސިފައިންގެ މީހުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އަހުލާގާއި ހެވިކަމާއި ފިޒިކަލް ޓްރެއިނިންގެ އިތުރުން ހަތިޔާރު ގެންގުޅޭނެ ގޮތާއި ވޯޓަމަންޝިޕާއި 'ފީލްޑް ކްރާފްޓް އެންޑް ޓެކްޓިކްސް'ގެ ބައިތައް ވެސް ކިޔަވައިދެ އެވެ.

އަލަށް ސިފައިންގެއަށް ވަންނަ ސިފައިން ތަމްރީންކުރާ ކޯސް ފުރިހަމަކުރި ދަރިވަރުންގެ ގްރެޖުއޭޝަން މިއަދު ގިރިފުށީގައި ކުރިއަށް ދަނީ

ސިފައިންގެ އަސާސީ ތަމްރީން ކޯހުގައި މިފަހަރު ބައިވެރިވި އަންހެނުންގެ އަދަދު ކުރީގެ ކޯހަށް ވުރެ މަދެވެ. އެގޮތުން ތަމްރީނު ފުރިހަމަކޮށް، މިދިޔަ އަހަރު 12 އަންހެނަކު އެމްއެންޑީއެފްއާ ގުޅުނުއިރު މި ފަހަރުގެ ކޯސް ފުރިހަމަކުރީ ނުވަ އަންހެނެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް