ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު، އިބްރާހިމް ޝުޖާއު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބާރަށު އާ އެމްޕީ ވިދާޅުވީ ކުރީގެ މެމްބަރުންގެ އިނާޔަތް އުވާލަން މަސައްކަތް ކުރާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް، އުމުރު ދުވަހަށް ދޭ އިނާޔަތްތައް ކަނޑާލަން މަަސައްކަތް ކުރައްވާނެ ކަމަށް، ބާރަށު ދާއިރާއަށް މި ފަހަރު ހޮވިވަޑައިގެންނެވި މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދެއްވުމަށް ގާނޫނުން ލާޒިމް ކުރެ އެވެ. އެގޮތުން:

  • އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ %30 ލިބޭ، އެއީ މަހަކު 18،000 ރުފިޔާ

  • ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ %45 ލިބޭ، އެއީ މަހަކު 27،000 ރުފިޔާއަށް ވުރެ ގިނަ

  • މެމްބަރުންނަށް މި މުސާރަ ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުގައި

މީގެ އިތުރުން މަޖިލިސް މެމްބަރުންނަށް އޮންނަ ހެލްތު ސްކީމްގެ ފުރުސަތުތައް ކުރީގެ މެމްބަރުންނަށް ވެސް އޮވެ އެވެ.

މިދުވަސްވަރު ދަނީ، ކުރީގެ މެމްބަރުންނަށް ދޭ މި އިނާޔަތްތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑުއުފުލަމުންނެވެ. އެ މީހުން ދެކޭ ގޮތުގައި މިއީ ދައުލަތުން އުފުލަން ޖެހިފައިވާ ވަރަށް ބޮޑު ބުރައެކެވެ. އަދި އެންމެ ފަސް އަހަރު މަސައްކަތްކޮށްގެން، އެތައް މިލިޔަން ރުފިޔާގެ ފައިދާ މުޅި އުމުރަށް ކުރުމަކީ، ބުރަކޮށް މަސައްކަތް ކުރާ އެހެން ދާއިރާތަކުގެ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށް އެ މީހުން ބުނެ އެވެ.

މި މައްސަލައިގެ އަޑު ސޯޝަލް މީޑިއާގައި ގަދަވުމާއެކު، ބާރަށު ދާއިރާގެ މެމްބަރުކަން މި ފަހަރު ހޯއްދެވި ޝުޖާއު ވަނީ މިއީ އޭނާ ވެސް ތާއީދު ކުރައްވާކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ މެމްބަރުންގެ އިނާޔަތްތައް ކަނޑާލުމަކީ، މަޖިލިސްއަށް ކެމްޕޭން ކުރެއްވި އިރު ވެސް ޝުޖާއު ދެއްކެވި ވާހަކަ އެކެވެ. ދާއިރާގެ މެމްބަރުންގެ މެދުގައި ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި:

  • މެމްބަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، މަޖިލިސް މެމްބަރުކަން އެއް ދައުރު އަދާކުރުމުން ލިބެން ޖެހޭ އިނާޔަތްތައް ކަނޑާލުމަށް ވަކާލާތު ކުރައްވާނެ 

  • އަދި މެމްބަރުކަމަށް ފަހު ދެން އޭނާއަށް ލިބޭ އިންޝުއަރެންސްއަކީ ލިބެން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް؛ އެ ބޭފުޅުންނަށް ވެސް އެ އިނާޔަތް ލިބެން ޖެހޭނީ އާއްމުންނާ އެއްވަރަށް ކަމަށާއި އެކަމަށް ވަކާލާތު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި

  • އޭނާ ހޮވިވަޑައިގެންފި ނަމަ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރައްވާނެ ކަމަށް ވެސް ވިދާޅުވި

"އަޅުގަނޑުގެ ފުރިހަމަ ތާއީދު މި ކަމަށް ލިބޭނެ. އަޅުގަނޑު ތާއީދު ކުރާގޮތް ވާނީ ދާއިރާގެ ރައްޔިތުންނަށް ސާފުކޮށް ކިޔާދެއްވާފައި،" ބަހުސްގައި ދެއްކެވި އެ ވާހަކަތަކުގެ ވީޑިއޯ ކްލިޕެއް އާއްމު ކުރައްވަމުން، އެކްސްގައި އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވަނީ، ރައީސްކަން ކުރެއްވި ބޭފުޅުންނާއި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް ވެސް ކަނޑާލުމަށް ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ތިން މަގާމު އަދާ ކުރި ފަރާތްތަކުގެ ތެރެއިން ވަކި މަގާމެއް ތަފާތު ކުރުމަކީ އިންސާފެއް ނޫން،" ތިން މަގާމަށް ވެސް ލިބޭ އިނާޔަތްތައް އުނިކުރުމަށް އަޑުއުފުލުމަށް އެދިވަޑައިގަންނަވަމުން ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

ށަވިޔަނި

24 އޭޕްރީލު 2024
ބަހުސްގައި ބުނިއެއްޗަކާ މިހާރު ބުނާއެއްޗާވެސް މިހާރު ތަފާތުވެއްޖެއެވެ. ހުވާކުރުމުން ވާހަކަ ދައްކާނީ އަދި މާތަފާތުކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް