އާދިއްޔަ ދުވަހު ބޭއަްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އަލުން ގުނަން ޝަކުވާ ލިބުނީ އެންމެ ފޮއްޓެއް؛ އެކަމަށް މަގްބޫލު ސަބަބެއް ނެތް: އީސީ

އަލުން ގުނުމަށް ޝަކުވާ ހުށަހެޅީ ތިނަދޫ ދެކުނު ދާއިރާގެ ފޮއްޓެއް؛ ކޮމިޝަނުން ނިންމީ އަލުން ނުގުނުމަށް

އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަލުން ގުނުމަށް ޝަކުވާ އައިސްފައި ވަނީ އެންމެ ފޮއްޓަކުން ކަމަށާއި ނަމަވެސް އެއީވެސް އަލުން ގުނަން ޖެހޭ ވަރު މަގުބޫލު ސަބަބެއް ނެތި ހުށަހަޅާފައިވާ ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް އެރަށުގައި ބެހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށް ކެންޑިޑޭޓެއްގެ ފަރާތުން ވަނީ އެދިފަ އެވެ. 

ތަފްސީލު - ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ 'ދައުރު'އަށް ވިދާޅުވީ، އެ ފޮށި އަލުން ނުގުނުމަށް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. އެއީ، އެގޮތަށް އެދި ހުށަހަޅާފައިވަނީ މަގުބޫލު ސަބަބެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެއްވެސް ފޮއްޓެއް ގުނަން ޖެހޭ ވަރުގެ ޝަކުވާއެއް އައިސްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި:

  • ތިނަދޫ ދެކުނު ދާއިރާގެ ފޮށި ގުނުމަށް އެދުނީ، ވޯޓު ކަރުދާސްތައް މޭޒުމަތީގައި ޖަހާފައި ހުރި އިރު، ކެންޑިޑޭޓަކަށް މާ ގިނަ ވޯޓު ލިބޭނެ ކަމަށް ފެންނަ ފެނުމަށް ހުރި ނަމަވެސް އެ ވޯޓުތައް ގުނި އިރު، މާ މަދުން ވޯޓު ލިބިފައިވާ ކަމަށް ބުނެ

"އެހެންވީމަ އެއީ، މަގުބޫލު ސަބަބެއް ނޫން. މޭޒުމަތީގައި އެގޮތަށް ބައިބަޔަށް އަޅާފައި ހުންނަ އިރު އެގޮތަށް ހީވުމަކީ އަލުން ގުނަން ޖެހޭ ސަބަބެއް ނޫން، އެންމެ ކުރިމަތީގައި މި ގުނަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން:

  •  އެ ދާއިރާގެ ގޮނޑި 870 ވޯޓުން ކާމިޔާބު ކުރައްވާފައި ވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި، މުހައްމަދު އަލްސަން އަހްމަދު 

  • އޭނާއާ އެންމެ ކައިރިން 799 ވޯޓު ލިބިފައި ވަނީ، ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރެއްވި އަބްދުﷲ ޝަރީފް (ޝަރީ)

  • އެ ދެކެންޑީޑޭޓުންގެ ފަރަގީ، 71 ވޯޓު

  • އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވި ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން އަށް ލިބިވަޑައިގެންނެވީ، 519 ވޯޓު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް