ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ޕީޕިއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް). (ފޮޓޯ/ މަޖިލިސް)

ސުޕަ މެޖޯރީގައި ބިރެއް ނުދައްކާނަން؛ މައިނޯރިޓީއަށް އިހުތިރާމް ކުރާނަން: ސަލީމް

އާދިައްތަ ދުވަހުގެ އިންތިހާބުން ބުނެދިން އެއް ހަގީގަތަކީ، ސަލީމް ފާހަގަކުރެއްވި ގޮތުގައި، އާރާއި ބާރު އަބަދު ދެމިނޯންނާނެކަން

އިދިކޮޅު އެމްޑީޕީގެ ސަރުކާރަށް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން މަސައްކަތް ކުރީ ބިރު ދެއްކުމާ އެކު ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން ކަމަށާއި މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން އަމަލުކުރާނީ އެއާ ހިލާފަށް މައިނޯރިޓީއަށް އިހްތިރާމްކޮށްގެން ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އިރު މިދިޔަ ފަސް އަހަރު މައިނޯރިޓީ ލީޑަރަކަށް ހުންނެވި ސަލީމް މިގޮތަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ފަހު، މިއަދު ބާއްވަމުންދާ މަޖިލިސް ޖަލްސާގަ އެވެ.

ބުނީ ކީކޭ؟ - "ވޭތުވެދިޔަ ތަނުގައި ކަން ހިނގައިދިޔަ ގޮތުން، މި މަޖިލީހުން ވަރަށް ބޮޑަށް އިބުރަތް ހާސިލުކުރަން ޖެހޭ. އާރާއި ބާރާއި ނުފޫޒު މިއީ، އެއްވެސް ބައެއްގެ އަތްމަތީގައި އަބަދު އޮންނާނެ އެއްޗެއް ނޫންކަން [އެނގިއްޖެ] އަދި އެ އާރާއިިބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް ނަފްސާނީ ގޮތުން ގެއްލުންދީ ހެދުމުގެ ނަތީޖާއަކީ އާހިރުގައި އޭތި އަނެއްކޮޅަށް އެނބުރޭނެ އެއްޗެއްކަން އަޅުގަނޑުމެންނަށް މިދަނީ ވަރަށް ބޮޑަށް ސާފުވެގެން،" ހަތަރު ވަނަ ދައުރަކަށް އޭދަފުށި ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ސަލީމް ވިދާޅުވި އެވެ.

ތަފްސީލު - ސަލީމް ވިދާޅުވީ މަޖިލިސް ތެރެއިން މިދިޔަ ފަސް އަހަރު ފެނުނީ އެމްޑިޕީގެ މެންބަރުން "ހަތަރު ފަސް ކުންފުނި ހަދައިގެން، އެމީހުންގެ ނާޖާއިޒް ފައިދާ ހޯދުމަށް ބުރަ މަސައްކަތް ކުރި ތަން" ކަމަށެވެ.

"އެހެންވީމަ، މަދު ބައެއްގެ މައްޗަށް ބެހިގެން ދިޔުމުގެ ސަބަބުން އެކަމުގެ ނަތީޖާއަކީ ނިކަމެތިން ނިކަމެތިވުން. އެހެންވީމަ އޭގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ކަންތައްތަކެއްވޭ،" ސަރުކާރުން ހުށަހަޅާފައިވާ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި އެވެ.

އެ ބިލާ ސަލީމް ދައްކަވާ ވާހަކައާ ގުޅުވާލަމުން އޭނާ ވިދާޅުވީ، "ޕީޕީއެމް-ޕީއެންސީގެ ހައެއްކަ މެންބަރުންނަށް" ކުރިމަތިވީ ފުރައްސާރަ އާއި ދަތިކުރުން ކަމަށާއި މަގުސަދަކަށް ވީ އެ މެންބަރުން ނަފްސާނީ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މި އިއްޒަތްތެރި މަޖިލީހުގައި އެންމެ ހައެއްކަ މީހުން ތިބެގެން އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އެޅި އެޅުން، އެއީ އަޅުގަނޑުމެންނަށް ވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑެތި ކަންތައްތަކެއް [ކުރިމަތިވި ކަމެއް]. އެ ހައެއްކަ މެންބަރުންނަށް ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ނުދީ، އެ ފުރުސަތުތަކަށް އައީ ނިޒާމީ ނުކުތާތަކުގެ ތެރެއިން ހުރަސް އަޅަމުން. [އަދި] މަދު މީސްކޮޅެއް ތިބީތީ ދިޔައީ ފުރައްސާރަ ކުރަމުން،" ސަލީމް ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކީ، އެހެން ނަމަވެސް އަޅުގަނޑުމެން ތެރޭގައި ތިބި މީހުން އަޅުގަނޑުމެންގެ ހިތްވަރު ގަދަކަމުން އެ ނަފްސާނީ މައްސަލަތަކުން އަޅުގަނޑުމެން އަރައިގަނެ މި ހިސާބަށް އައީ."

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ޕީޕިއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް). (ފޮޓޯ/ މަޖިލިސް)

ސަލީމް ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވަޑައިގަތުމާ އެކު ވެސް މަޖިލިސް ތެރެއިން އެމްޑީޕީން މަސައްކަތް ކުރީ ކުރެވެން އޮތް އުނދަގުލަކާއި ޖެއްސުމެއްކޮށް، އެމަނިކުފާނު ވެސް ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށެވެ.

"އޭގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން އަބަދުވެސް ވިސްނަން ޖެހޭ ގޮތަކީ ހަގީގަތުގައި އާރާއި ބާރަކީ، އެއްވެސް ބައެއްގެ އަތުގައި އަބަދު އޮންނާނެ އެއްޗެއް ނޫން. އެއީ، ބަދަލުވަމުންދާ އެއްޗެއް، އެއީ، ﷲގެ ސުންނަތް. އެ ދާނީ ބަދަލުވަމުން، އެއަށް އެއްވެސް މީހަކަށް ކިތަންމެ ވަރަކަށް ބާރު ފޯރުވަން އުޅުނަސް ނުފޯރުވޭނެ،" ސަމީމް ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑުމެން އިޒައްތެރި ރައީސް [މުހައްމަދު އަސްލަމް]އަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އިބުރަތް ލިބިގަންނަންވީ ވޭތުވެތިޔަ ތަނުން. އާރާއި ބާރަކީ، އެއް ފަހަރު އައިސް ގެއްލި [އަދި] ތަނަވަސްކަމާއި މުއްސަނދިކަމަކީ، އައިސް ގެއްލި ﷲ އިރާދަކުރެއްވި އަޅަކަށް އެކަންކަން ކޮށްދެއްވާ އަދި ﷲ އިރާދަކުރެއްވި އަޅަކަށް."

ސަލީމް ދެއްވި ޔަގީންކަމަކީ ޕީއެންސީއަށް ލިބުނު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތާ އެކު، އެ ޕާޓީން އެމްޑީޕީން ކަންކުރި ގޮތަށް ކަން ނުކުރާނެ ކަމަށެވެ.

"އިރާދަކުރައްވިއްޔާ މާތްﷲގެ ރަހުމަތްފުޅާ އެކު އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީގައި އެއްވެސް ބަޔަކަށް ބިރު ދައްކައި، އެއްވެސް ބަޔަކަށް ގެއްލުންދީ އަދި މިތާގައި އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް، އެމީހުން ނަފްސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތް ނުކުރާނަން،"ސަލީމް ވިދާޅުވި އެވެ.

ރައިސް މުއިއްޒުގެ ވިސްނުފުޅަކީ ވެސް އެއީކަން ފާހަގަކުރައްވައި ސަލީމް ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ބަޔަކަށް އުނދަގޫ ނުކޮށް ހުރިހާ ރައްޔިތުން ވެސް ބައިވެރިކޮށްގެން ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ 13 ގޮނޑި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުގެ ވާހަކަ ސަލީމް އެގޮތަށް ދެއްކެވި އިރު ސަލީމް ވެސް ހިމެނިވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމަށް މެޖޯރިޓީ އޮތް މަޖިލިހަކީ މިހާތަނަށް މެމްބަރުންނަށް އެންމެ ބޮޑު ހުރަހެއް އެޅި މަޖިލިހެވެ. އެގޮތުން އޭރުގެ އިދިކޮޅު މެމްބަރުންނަށް މަޖިލިހުގެ އިދާރާއަށް ވެންނެވުމުގެ ފުރުސަތު ނުދީ، ސިފައިންނާއި ފުލުހުން ލައްވާ މަޖިލިސް ހިސޯރު ވެސް ކުރި އެވެ.

އޭގެ އިތުރުން ގާނޫނުއަސާސީގައި މަޖިލިހުގެ މެމްބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް އެއްވެސް ޝަރުތަކަށް ނުފެތޭ ސަބަބެއް ދައްކައި، އޭރުގެ ސުޕްރީމް ކޯޓުން 10 މެމްބަރެއްގެ ގޮނޑި ގެއްލުވާލި އިރު ވެސް ޕީޕީއެމްގެ މެޖޯރިޓީން ތިބީ އެކަމަށް ތާއީދުކޮށްނެވެ. ސަބަބަކީ އެ 10 މެމްބަރުން މަޖިލިހަށް ވަންނަވައިފި ނަމަ  ސަރުކާރަށް މެޖޯރިޓީ ގެއްލެނޭތީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް