އެޕްރީލް 22، 2024: މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި 'ދިވެހިންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ' ހަރަކާތް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރައީސް ވަޒީރުންނާއި މެމްބަރުންނަށް: 'އަދި މި ފެށީ؛ ދެން ތިބެން ވާނީ 24 ގަޑިއިރު ހޭލާ މަސައްކަތުގައި'

ރައީސް ވިދާޅުވީ، މިއަދު އަޒުމް އާކުރަންވީ މަޖިލިސް އިންތިހާބުގެ ކާމިޔާބީއާއެކު، އެ "ނިއުމަތުގެ" މަތީގައި އިހުލާސްތެރިކަމާއެކު ކުރިއަށް ދިއުމުގެ އަޒުމުކަމަށް

ރައްޔިތުން ސަރުކާރަށް ދިން އިތުބާރާއެކު، ދެން އޮތީ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށާއި އެ މަަސައްކަތުގައި 24 ގަޑިއިރު ނުނިދާ ތިއްބަވަން ވަޒީރުންނާއި އަލަށް އިންތިހާބުވި މަޖިލިސް މެމްބަރުންގެ ކިބައިން ރައީސް މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް އެދިވަޑައިގެންނެވީ، އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ވިދާޅުވީ، މިއަދު އަޒުމް އާކުރަންވީ މަޖިލިސް އިންތިހާބުގެ ކާމިޔާބީއާ އެކު، އެ "ނިއުމަތުގެ" މަތީގައި އިހުލާސްތެރިކަމާއެކު ކުރިއަށް ދިއުމުގެ އަޒުމު ކަމަށެވެ.

ރައީސް ވިދާޅުވީ:

  • މިއަދު ޔަގީންވެގެން މިދިޔައީ ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން

  • ރައްޔިތުން ސާބިތު މިކޮށްދިނީ ރާއްޖެއަކީ އިސްލާމީ ނޫރުގެ މަތީގައި މިނިވަންކަމާއެކު، ތަރައްގީވެ އޮވެ، ހަމަޖެހުން ގާއިމުވެފައި އޮންނަންޖެހޭނެ ތަނެއްކަން

އެޔަށްފަހު ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން މުޅި ގައުމު ދިން މެސެޖަކީ މާގިނަ ވާހަކަތައް ނުދައްކާ އަމަލުން ކަންކަން ކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށެވެ. އެހެންކަމުން ދެން އޮތީ ރައްޔިތުން ދިން އިތުބާރުގެ މައްޗަށް މަސައްކަތުގެ ދުވެލި ހަލުވިކުރުން ކަމަށް ވިދާޅުވި އެވެ.

އެޕްރީލް 22، 2024: މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި 'ދިވެހިންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ' ހަރަކާތް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އެޔަށްފަހު ސަރުކާރުގެ އެކި މިނިސްޓްރީ ތަކުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ދެން އޮތީ މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތް ދެގުނަކޮށް ހަލުވިކުރުމާއެކު، ނިދި އެއްފަރާތްކޮށް މަސައްކަތުގައި މަޝްއޫލުވެ ނަތީޖާ ނެރެން ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ ދުވަސްތަކެއް ކަމަށެވެ.

"އަޅުގަނޑުގެ ކެބިނެޓުގެ ވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށް އަދި މަޖިލިސް މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ ފަސް މަސް ދުވަސް އަދި އެއީ އެއްވެސް އެއްޗެއް ނޫނޭ، ތިބޭފުޅުން ދެން އުޅެންޖެހޭނީ 24 ގަޑިއިރު ހޭލައޭ." މި ސަރުކާރަކީ ބަހަނާ ދައްކާ ބައެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

"ހަމަ ސީރިއަސްކޮށް މިދަންނަވަނީ އަޅުގަނޑު ބޭނުންވަނީ މި ގައުމަށް ތަރައްގީ އަޅުގަނޑު ވައުދުވީ ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރުވެރިވަން،"

އެޕްރީލް 22، 2024: މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި 'ދިވެހިންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ' ހަރަކާތް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރައީސް އިތުރަށް ވިދާޅުވީ:

  • ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއާބަަދަށް މާޒީއަށް ދޫކޮށްލާ، އެ މައްސަލަ އަބަދަށް ހައްލުކޮށްދިނުމުގެ ވައުދު ދެން އިރާދަކުރެއްވިއްޔާ ފުއްދާނަން

  • ހަލާކުވަމުންދިޔަ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް މަޖިލީހުގެ ތެރެއިން ކުރަން ހުރި މަސައްކަތްތައް ކޮށް ކޮންމެ ރައްޔިތަކު މުއްސަދިކުރުމަށް ކުރާ މަސައްކަތް ކުރާނަން

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޓީމަކީ ބަހަނާ ދައްކާ ބައެއް ނޫން ކަމަށާއި، އެ ޓީމުން ބޭނުންވަނީ ސީިރިއަސް މަސައްކަތްތަކެއް ކުރަން ކަމަށެވެ. އަދި ތަރައްގީގެ އަމަލީ މަސައްކަތް ފެށިގެންދާތަން ދެން ފެންނާނެ ކަމަށާއި އަދި އެ މަަސައްކަތުގައި އެ މަނިކުފާނުގެ ޓީމު ތިއްބަވާނީ ނުނިދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ޓީމު ނުނިދާނެ. މިދެންނެވީ އަމަލީގޮތުން ނުނިދާ ވާހަކައެއް ނޫން. މަސައްކަތުގައި ދެން ތިބޭނީ. ހަމަ ރައްޔިތުން އެދޭ ގިޔަރުގައި އެ މަތީ ސްޕީޑުގައި މަސައްކަތް ކުރުމުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ގައުމުގެ ހަމަޖެހުން ހުރިހާ މާނައެއްގައި ގާއިމުކޮށް، ރައްޔިތުން އެދޭ ތަރައްގީ ހުރިހާ މާނައެއްގައި ދެން ދާނީ ބާރު ސްޕީޑުގައި،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް