މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާ(ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

ރައީސް، ކާމިޔާބަށް ފަހު އިދިކޮޅަށް ދެއްވީ ސުލްހައިގެ ދައުވަތެއް؛ 'އެކުގައި މަސައްކަތްކުރަން އާދޭ'

ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެމްބަރުން މިއަދު އިސްކުރަންވީ ގައުމީ މަސްލަހަތު ކަމަށާއި، އޭރުން އަންނަން އޮތް ޖީލުތައް އެކަމަށްޓަކައި ފަހުރުވެރިވާނެ ކަމަށް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މި ސަރުކާރާ ރައްޔިތުން ހަވާލުކުރީ މަސައްކަތްކޮށް ނަތީޖާ ނެރެ ދެއްކުމުގައި އިދިކޮޅު ސިޔާސީ ވިސްނުމުގެ ފަރާތްތަކުން ވެސް އެމަނިކުފާނާ އެކު މަސައްކަތްކޮށްދެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފި އެވެ. 

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ވަނީ އާޓިފިޝަލް ބީޗުގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ:

  • މިރޭ މާ ގިނަ ވާހަކަދައްކަވަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ވާހަކަ މަދުކޮށް އަމަލުން ކަންކުރާތަން ދެއްކުމަށް ކަމަށް 

  • މަޖިލިސް އިންތިހާބުގައި ދިވެހީން ދިން މެސެޖަކީ އެއީ ކަމަށް ވިދާޅުވި

"މުޅި ގައުމު އެކައްޗެއް ކިޔާ މިދިން މެސެޖަކީ ތިމަންނަމެން ދެން ބޭނުންވަނީ ވާހަކަދެއްކުމެއް ނޫނޭ، އަމަލުން ކަންކުރާށޭ. ދެން ފެންނާނީ އަމަލުން ކަންކުރާތަން އިރާދަކުރެއްވިއްޔާ،" ތަރައްގީ އަދި ކިރިޔާ ފެށުނީކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ރައްޔިތުން ދިން ބޮޑު ތާއީދަށް ފަހު ބޭރުގައި ރާއްޖޭގެ ކަންކަން ބަލަންތިބި މީހުންނަށާއި ރާއްޖޭގައި ތިއްބެވި ސިޔާސީ އިދިކޮޅު މީހުންނަށް ވެސް ދިވެހީން ބޭނުންވާގޮތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ.

އެޔަށްފަހު ރައީސް އިދިކޮޅަށް ގޮވާލެއްވީ ދެކޮޅުވެރިކަމާއި ހިޔާލު ތަފާތުވުން ދޫކޮށްލުމަށެވެ.

"އެހެންވީމާ އަޅުގަނޑު އެދެނީ މިހާރު ދެން ހިޔާލު ތަފާތުވުން ދޫކޮށްލަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކުގައި އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހިންގަވާށޭ ކުރިއަށްދާން،" ރައީސް ވިދާޅުވި އެވެ.

"މިގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު، ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމު، އެހެންވީމާ ހުރިހާ އެންމެން އެކުވެރިކަމާއެކީގައި އަތުކުރި އޮޅާލައިގެން އެކީގައި ހިގާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޭގެން ލިބޭނީ އުފާވެރިކަން."

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެއިން ކޮންމެ މީހަކީ ވެސް މުހިންމު، ހަމަހަމަ މީހެއް ކަމަށާއި އެއިން ކޮންމެ ރައްޔިތެއް ދެކެ ލޯތްބާއި ގަދަރު ހިތްޕުޅުގައި އޮންނަ ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށްވުމުން ތަފާތު ނުކުރައްވާނެ ކަމަށާއި، ސިޔާސީ ވެގެން ފިޔަވަޅެއް ވެސް ނާޅާނެ ކަމަށެވެ.

އަޅުގަނޑު އެދެނީ މިހާރު ދެން ހިޔާލު ތަފާތުވުން ދޫކޮށްލަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކުގައި އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހިންގަވާށޭ ކުރިއަށްދާން

ރައީސް މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެމްބަރުން މިއަދު އިސްކުރަންވީ ގައުމީ މަސްލަހަތު ކަމަށާއި، އޭރުން އަންނަން އޮތް ޖީލުތައް އެކަމަށްޓަކައި ފަހުރުވެރިވާނެ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި އިތުބާރު ކުރައްވާ ދިން ތާއީދަށްޓަކައި ޝުކުރު ދަންވަމުން ރައީސް ވިދާޅުވީ، އެ އިތުބާރުގެ މައްޗަށް ދެން އޮތީ މަސައްކަތުގެ ދުވެލި ހަލުވި ކުރުން ކަމަށެވެ. އަދި، އެކުރެއްވި އިތުބާރުން ރައްޔިތުން މާޔޫސްކޮށް ނުލާނެ ކަމުގެ ޔަގީންކަން ރައީސް މިރޭ ދެއްވި އެވެ.

މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާ(ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

އެޔަށްފަހު ސަރުކާރުގެ އެކި މިނިސްޓްރީ ތަކުގެ ވަޒީރުންނަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ދެން އޮތީ މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތް ދެގުނަކޮށް ހަލުވިކުރުމާއެކު، ނިދި އެއްފަރާތްކޮށް މަސައްކަތުގައި މަޝްއޫލުވެ ނަތީޖާ ނެރެން ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ ދުވަސްތަކެއް ކަމަށެވެ.

"އަޅުގަނޑުގެ ކެބިނެޓުގެ ވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށް އަދި މަޖިލިސް މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ ފަސް މަސް ދުވަސް އަދި އެއީ އެއްވެސް އެއްޗެއް ނޫނޭ، ތިބޭފުޅުން ދެން އުޅެންޖެހޭނީ 24 ގަޑިއިރު ހޭލައޭ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (2)

profile-image-placeholder

ތަކުރުފާނު

23 އޭޕްރީލު 2024
މިއީ ވިރާސީ ވެރިކަމެއްތަ؟ އިދިކޮޅެއް ނެތި ވެރިކަން މުތުލަގަށް ކުރަން ބޭނުން ނަމަ ތިޔައީ ރަނގަޅު ގޮތެއްް. ގައުމިއްޔަތު ކިޔައިގެން މަސައްކަތް ކުރާ ގިނަ މީހުން ދައްކާ ވާހަކައެއް ތިޔައީ.

އަސްމާ އަހްމަދު

22 އޭޕްރީލު 2024
އުފާކުރަން ދިވެހިން ހިތްތިރި މަސައްކަތްތެރި، އިހްލާސްތެރި ވާނެކަމަށް ގަބޫލު ކުރެވޭ (މިހާތަނަށް އެންމެ ބޮޑަށް ހަމަ ގައިމު ވެސް އަހަންނަށް ފެނުނު)، ތައުލީމީ ބޭފުޅަކަށް ފުރުސަތު ދިނީތީ، ގޮތް ބަލާލަން ނަމަވެސް. ހިންގަވާ އެންމެން އެކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސްތަގްބަލް އުޖާލާކުރަން. އިރާދު ކުރެއްވިއްޔާ ރަނގަޅުވާނެ އެކުގައި އުޅެންޏާ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް