ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވެ ވަޑައިގެން (ކ-ވ) ޑރ. އަނާރާ ނައީމް އާއި ފާތުމަތު ސައުދާ އަދި އަސްމާ ރަޝީދު

މަޖިލީހަށް 43 އަންހެނުން ކުރިމަތިލި، ކާމިޔާބު ކުރެވުނީ ތިން ބޭފުޅުންނަށް

މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީއިން ހަ ކެންޑިޑޭޓުން ކުރިމަތިލި ނަމަވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުން ތާއިދު ކުރައްވާ ތިން މެމްބަރުން ހޮވިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟- މި ފަހަރުގެ އިންތިހާބުގައި 43 އަންހެން ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ:

  • ޕީއެންސީގެ ދެ ކެންޑިޑޭޓުން

  • އެމްޑީޕީގެ ހަ ކެންޑިޑޭޓުން

  • އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން 37 ކެންޑިޑޭޓުން

އިންތިހާބުގައި ކާމިޔާބީއާ ހަމައަށް ދެވުނީ ސަރުކާރުން ތާއީދު ކުރާ ތިން ކެންޑިޑޭޓެވެ. އެއީ:

  • މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު

  • ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ފާތުމަތު ސައުދާ

  • އަމިއްލަ ގޮތުން ހުރާ ދާއިރާއަށް ވާދަކުރެއްވި ޑރ. އަނާރާ ނައީމް

މަޖިލީހުގައި މާފަންނު މެދު ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވި އަސްމާއަކީ، ޕީއެންސީގެ ޕްރައިމަރީ އިން ކުރި ހޯއްދެވި ހަމައެކަނި އަންހެން މެމްބަރެވެ. އޭނާއަކީ، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް މި ސަރުކާރުން ކަނޑައެޅި މުހައްމަދު ހުސެން ޝަރީފް (މުންދު)ގެ މަންމަ އެވެ.

ނިލަންދޫ ދާއިރާ ކާމިޔާބު ކުރެއްވި ސައުދާއަށް ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާ ނުލަ އެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ.

ކުރިން މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަނާރާ، މި ފަހަރު ހުރާ ދާއިރާއަށް ފުރަތަމަ ކުރިމަތިލެއްވީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވެ ވަޑައިގަތުމުން، ދެން ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ސަރުކާރުގެ އިސްބޭފުޅުން ތާއިދު ކުރެއްވުމުން، އޭނާ ކެމްޕޭން ކުރެއްވީ ސަރުކާރު ކެންޑިޑޭޓުގެ ގޮތުގަ އެވެ.

އެމްޑީޕީ އިން ފަސް މެމްބަރުން ވާދަކުރެއްވި އެވެ. އެއީ:

  • ހިންނަވަރު ދާއިރާއަށް ޖީހާން މަހްމޫދު

  • ދަނގެތީ ދާއިރާއަށް ރުގިއްޔާ މުހައްމަދު

  • ތިނަދޫ ދެކުނު ދާއިރާއަށް ޒިފްލީނާ ހަސަން

  • ފުވައްމުލަކު ދެކުނު ދާއިރާއަށް ނަޒްރާ ނަސީމް

  • މާފަންނު އުތުރު ދާއިރާއަށް އިފްހާމް ހުސެން

  • ހުޅުމާލޭ މެދު ދާއިރާއަށް ސަފާތު އަހުމަދު ޒާހިރު

މިހާރު މަޖިލީހުގައި ތިއްބަވަނީ އަންހެން ފަސް މެމްބަރުންނެވެ. އޭގެތެރެއިން ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް ކާމިޔާބެއް ނުކުރެވުނެވެ.

ކޮމެންޓް (1)

profile-image-placeholder

ޢަބްދުﷲ

22 އޭޕްރީލު 2024
ވޯޓުދެނީ ޖިންސަށް ބަލައިގެންނެއްނޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް