މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި އިއްޔެ ބޭއްވި ޕެރޭޑް (ފޮޓޯ/ އެމްޑީޕީ)

މާދަމާގެ ފާހަގައަކީ ޑިމޮކްރަސީއަށް ދޭ ވޯޓަކަށް ހަދާ: ސޯލިހް

އެމަނިކުފާނު އެދިވަޑައިގެންނެވީ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް

މާދަމާ ބާއްވާ މަޖިލިސް އިންތިހާބުގައި ލާ ވޯޓަކީ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ކަށަވަރުކުރުމަށް ދޭ ވޯޓަކަށް ހެދުން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުގެ ކެމްޕެއިން މިއަދު އިރުއޮއްސި 6:00އަށް ނިމޭއިރު، ސޯލިހް މިގޮތަށް އެދިވަޑައިގެންނެވީ، އެކްސްގައި ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "މާދަމާ އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ހެނދުނާ ނުކުމެވަޑައިގެން، ކަސިޔާރުވެފައިވާ މި ޤައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވާ،" އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ސޯލިހް ވިދާޅުވި އެވެ.

"މާދަމާގެ ވޯޓަކީ އަޅުގަނޑުމެން އެންމެން ކުރި ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި މި ރާއްޖޭގެ ކުރިމަގަށް ދޭ ވޯޓެއް."

އިއްޔެ އެމްޑީޕީއިން ކެމްޕެއިން ނިންމާލެއްވުމަށް މާލޭގައި ބޭވި ކެމްޕޭން ޕެރޭޑުގެ ތެރެއިން (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)
އިއްޔެ އެމްޑީޕީއިން ކެމްޕެއިން ނިންމާލެއްވުމަށް މާލޭގައި ބޭވި ކެމްޕޭން ޕެރޭޑުގެ ތެރެއިން (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ގުޅުން ހުރި- އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރު އައި ފަހުން ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މި ފެނުނީ ހައްގުތައް ހަނިވަމުންދާތަން ކަމަށެވެ. 

އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިހާރު ވަނީ ގެއްލިފަ އެވެ. އަދި ގައުމުގެ ފެންނަނީ "ބިރުވެރިކަން އިތުރުވަމުންދާ މަންޒަރު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާދަމާ ދިވެހި ރައްޔިތުން ނުކުމެވަޑައިގެން މިކަންކަމާ ދެކޮޅަށް މި ޤައުމުގެ މިސްރާބު ހަމަ މަގަށް އަޅުވަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ،" ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް