މާދަމާގެ ވޯޓަކީ މިނިވަންކަން ކަށަވަރުކުރުމަށް ދޭ ވޯޓަކަށް ހަދަން ރައީސް އެދިވަޑައިގެންފި

ރައީސް ވިދާޅުވީ ސަރުކާރުގެެ ކެންޑިޑޭޓުންނާ އެކު ނަތީޖާ ނެރެދެއްވާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް

މާދަމާ އޮންނަ މަޖިލިސް އިންތިހާބުގައި ދޭ ވޯޓުގެ ފާހަގައަކީ ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ދޭ ވޯޓަކަށް ހަދަން ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ކޯލިޝަނުގެ ފަރާތުން މަޖިލިސް އިންތިހާބު ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ނިންމުމަށް މިއަދު މާލޭގައި ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ ކަންކަން ބައްޓަން ކުރުމަށް ވަރަށް މުހިއްމުތަކެއް ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީ އޮންނަ ގޮތުން މަޖިލީހާ ނުލާ ގައުމުގެ ކަންކަން ނުނިންމޭނެ ކަމަށެވެ.

ތަފްސީލް - ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިގްތިސޯދު އޮޔާ ދަނިކޮށް އެ ގޮތް ކަމުނުދާ ކަމަށް ބުނެ ގައުމު ދެކެ ލޯބިވާ ރައްޔިތުން ނިންމީ އެކަން ބަދަލުކުރަން ކަމަށެވެ.

އެގޮތް ބޭނުންވާ ރައްޔިތުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިން ކަމަށާއި ދިވެހިން ބޭނުންވާ ދިވެހިންގެ ރާއްޖެއަށް ދިޔުމަށް ކުރާ ދަތުރުގައި އަދި އެއް މަރުހަލާ އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ދިވެހިންގެ ރާއްޖޭގެ މި މާތް މަގުސަދު ހާސިލް ކުރުމަށްޓަކައި މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެގޭ ވޯޓަކީ ވަރަށް މުހިއްމު ވޯޓެއް. އަޅުގަނޑުމެންގެ ގައުމުގެ ކަންކަން އަޅުގަނޑުމެންނަށްޓަކައި އަދި އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަދި ދަރިންގެ ދަރިންނަށްޓަކައި ހެޔޮ ގޮތުގައި ނިންމުމަށްޓަކައި މާދަމާގެ ވޯޓަކީ ވަރަށް ޒިންމާދާރުކަމާ އެކީ ގައުމު ދެކެ ލޯބިވާ ރައްޔިތުން ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމާ ނިންމުމަކަށް ހަދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ކޮންގްރެސް ކޯލިޝަނުގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ގައުމުގެ ކަންކަން ނިންމުމުގެ ބާރު އޮތީ ޖަހާ ފާހަގައެއްގެ މައްޗަށް ކަމަށެވެ.

"އެ ފާހަގަ ހައްދަވާ ދެއްވަންވީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީންކޮށް އަޅުގަނޑުމެންގެ ގައުމުގެ ރައްކާތެރިކަން ހުރިހާ މާނައެއްގައި ކަށަވަރު ކުރުމަށް ދެވޭ ވޯޓަކަށް [ހަދައިދެއްވާ]،" ރައީސް ވިދާޅުވި އެވެ.

ގައުމުގެ މިނިވަންކަން ނުބައި މިސްރާބަކަށް ދަނިކޮށް އެންމެން ކުރި މަސައްކަތުން އެ ކަން ހަމަ މަގަށް އެޅުވިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން؛

  •  ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަކުރެއްވި

  • އެކަން ކާމިޔާބު ކުރުމުގެ ފަހު މަރުހަލާގެ ދަށުން އަންނަ މަހުގެ 10 ވަނަ ދުވަހަށް އަލިވިލޭނީ ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ފޮނުވާލައިގެން ކަމަށް ވިދާޅުވި

"އެއީ ރަނގަޅު މިސްރާބަކީ. އެއީ ދިވެހިންގެ ރާއްޖޭގެ މިސްރާބު. މި މިސްރާބުގައި އަޅުގަނޑުމެން ކުރިއަށް ދިޔައިމާ އަޅުގަނޑުމެންނަށް އެ ހާސިލްވެގެން ދަނީ ފަހުރުވެރިކަމުގެ އިހުސާސް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ކަންކަން ދިވެހިން ނިންމާ ހިސާބަށް ދިޔުމުން މިނިވަންކަން ޔަގީންވެގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންކަމުގައި އަޅުގަނޑުމެން ފަރުވާކުޑަކޮށްފި ނަމަ ހިތާމަ ކުރަން ޖެހޭނެ. އަޅުގަނޑަށް މުހިއްމީ ނަތީޖާ ނެރެދިނުން،" ރިޔާސީ އިންތިހާބުގައި ވައުދުތައް ވެވަޑައިގަތީ އެ އަޒުމުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުގައި ވީ ވައުދުތައް ފުއްދަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މުހިއްމު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހުއްޓުމަކަށް ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮޮވާ މެންބަރުންނަކީ ސަރުކާރު ފިކުރުގައި ނެތް ބަޔަކަށް ވާ ނަމަ، އެ ބަޔަކު އެ ނިސްބަތްވާ ޕާޓީއަކުން ބޭނުންވާ ގޮތަށް ވޯޓުލައިގެން ރައްޔިތުން ބިކަވާތަން ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ދެން ވިދާޅުވީ ސަރުކާރުގެ 93 ކެންޑިޑޭޓުން މަސައްކަތް ކުރާނީ ގައުމަށްޓަކައި ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް