މާފަންނު މެދު ދާއިރާގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދާއި އޭނާގެ ކޮއްކޮ އަހްމަދު އާމިރުގެ ކެމްޕޭން ޕޯސްޓަރުތައް (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

މާފަންނު މެދުން ތަފާތު މަންޒަރެއް: ދެބެއިން އެކަކު އަނެކަކާ ވާދައަށް

މާދަމާ އޮންނަ މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑިއަށް މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާއިރު، އޭނާގެ ކޮއްކޮ އަހްމަދު އާމިރު ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން

"މިއީ އެއްވެސް ކަމެއް ނޫން،" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މާދަމާ އޮންނަ މަޖިލިސް އިންތިހާބުގައި އޭނާއަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ. މިއީ އެމްޑީޕީ ނޫން ޕާޓީއަކުން މަޖިލިސް އިންތިހާބަށް އޭނާ ނުކުންނަވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މާފަންނު މެދު ދާއިރާއަށް ޑިމޮކްރެޓްސްއިން ވާދަކުރައްވާ އިބްރާހިމް ރަޝީދުގެ ޕޯސްޓަރެއް (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އޭނާއާ އެކު ޖުމްލަ އަށް ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރައްވަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ނުކުންނަވާ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަހްމަދު އާމިރު ވެސް ހިމެނެ އެވެ. އެކަމަކު ކޮއްކޮއާ ވާދަކުރެއްވުމަކީ އިބްރާހިމް ރަޝީދަށް ޗެލެންޖަކަށް ނުވެ އެވެ.

"މި ކަމުގައި ރައްޔިތުން ބަލަނީ ކޮއްކޮ ނޫނީ ބޭބެއަކަށް ނޫން. ވަކި ކުލައަކަށް ވެސް ނޫން. ރައްޔިތުން ހޮވާނީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭ މީހެއް،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ އަހްމަދު އާމިރުގެ ޕޯސްޓަރެއް (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

މާފަންނު މެދު ދާއިރާގެ ކަންމަތިތަކާއި ހޮޅިދަނޑިތަކުގައި ބައިބަޔަށް މި ދެބެއިންގެ ކެމްޕޭން ޕޯސްޓަރުތަކެވެ. އެ ކަމުގައި ވެސް ދެބެއިންގެ ވާދަވެރިކަން ވަރަށް ބޮޑެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއާ ވާދަކުރަން ޖެހުނު ނަމަވެސް، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ އާއިލާގެ ވޯޓު ވެސް ބައިބައިވެގެން ދާނެ ކަމެއް ނޫނެވެ.

"ވޯޓު ބައިބައެއް ނުވާނެ. ކަންކަން ކުރަނީ ކާކުކަން އާއިލާއަށް ވެސް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އާމިރަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވުމަކީ، ދާއިރާގެ އެހެން ކެންޑިޑޭޓުންނަށް ވެސް އޮންނާނެ ޗެލެންޖެކެވެ. މިހާތަނަށް އެ ދާއިރާގެ ގޮނޑި، އެމްޑީޕީ އާއި ޕީޕީއެމް ނޫން ޕާޓީއަކަށް ލިބިފައެއް ނުވެ އެވެ. ޕީޕީއެމް އިން އެ ގޮނޑި، 2014 އިން 2019އަށް ފުރުއްވި އަސްމާ ރަޝީދަކީ މިފަހަރު ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓެވެ.

މާފަންނު މެދު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަސްމާ ރަޝީދުގެ ކެމްޕެއިންގައި ރައީސް މުހައްމަދު މުއިއްޒު އެ ސަރަހައްދުގެ ގެއަކަށް ކުރެއްވި ޒިޔާރަތް

ދަ ޑިމޮކްރެޓްސްގެ ފަަރާތުން އިބްރާހިމް ރަޝީދު ނުކުންނެވީ ކުރިއަށް އޮތް ދައުރުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފައި އޮއްވަ އެވެ. 

"ވެރިކަން ރަނގަޅު ނުވީމަ ވާދަކުރަން ނިންމީ. ދެން އަޅުގަނޑު ބުނީ އެމްޑީޕީން ނުލާނަމޭ،" ކުރިން ވިދާޅުވި ގޮތާ ހިލާފަށް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ސަބަބުތައް އޮޅުންފިލުވައިދެއްވި އެވެ.

 

މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވާ މެމްބަރު އިބްރާހިމް ރަޝީދާއި އޭނާގެ ކޮއްކޮ އަހްމަދު އާމިރުގެ ކެމްޕޭން ޕޯސްޓަރުތައް. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އެއްބަނޑު އެއްބަފާކަމުގެ ގުޅުމަކީ ސިޔާސީ ކަންކަމަށް އޮންނަ ހުރަހެއް ނޫނެވެ. އަދި ގިނަ އާއިލާތަކުން އެ ވާދަވެރިކަން އާއިލީ ބޮޑު މައްސަލައަކަށް ވެސް ނުހަދަ އެވެ. މިފަހަރުގެ އިންތިހާބުގައި ލޭގެ ގުޅުމާއި ސިޔާސީ ވާދަވެރިކަން އެންމެ ސާފުކޮށް ފެންނަން މި އޮތީ މާފަންނު މެދު ދާއިރާއިންނެވެ.

ކޮމެންޓް (1)

profile-image-placeholder

ކިންދް

20 އޭޕްރީލު 2024
ބޮންޑޭއަށް އޮތީ. އާމިރު ނުދަންނަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް