ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ގުޅިފަޅަށް ޒިޔާރަތް ކުރެއްވުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ގިރާވަރުފަޅުގެ މަސައްކަތް އަވަސްކުރަން އެދޭނަން: ރައީސް

ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނުނިމުނަސް އެތަންތަނުން މާލޭ ރައްޔިތުންނަށް ވަނީ އެތައް ސަތޭކަ ގޯއްޗެއް ދޫކޮށްފައި

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް ޑްރެޖަރެއް އިތުރުކޮށް މަސައްކަތް އަވަސް ކުރުމަށް އެދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ރައީސް މިއަދު ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދުތަކަށް ވަޑައިގެންފަ އެވެ. 

ތަފްސީލް - މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ބައެއް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގިރާވަރު ފަޅުން ބާކީ ހިއްކަން އޮތް 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ.

"މިހާރު އެންމެ ޑްރެޖަރަކުން މި ފެށެނީ. އަދި ޑްރެޖަރެއް އިތުރު ކުރަން އަޅުގަނޑު ވާނީ [ކޮންޓްރެކްޓަރު އަރިހު] ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއް ޑްރެޖަރުން މަސައްކަތް ކުރާނަމަ 10 މަސް ތެރޭ ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ގެންގުޅުނު ވިސްނުމަކީ ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް 2،000 ގޯތި ދިނުމެވެ.

މި ސަރުކާރުން ވަނީ ގިރާވަރު ފަޅުން އިތުރު ބިން ހިއްކަން ނިންމައިފަ އެވެ. 

ރައީސް ވިދާޅުވީ މިހާރު ހިއްކާފައި އޮތް ބިމުން، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ބިން ހިއްކާ ނިމުނީމާ ދެން އޮތް ސަރަހައްދު ވެސް ބިންގަނޑު ހަމަޖެހުނީމާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތިި ހަވާލުކޮށް ނިންމާނަން." ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޖުލައި މަހުގެ ފަހުން ގުޅިފަޅަށް ބޭނުންވާ އެހެން އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

 ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ފަހު ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އެ ސަރަހައްދުން އެންމެ ފުން ހިސާބު ވެސް ހިއްކުން ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކުރި 150 ހެކްޓަރުގެ ބިން ހިއްކުން މިހާރު ވަނީ ނިންމާލައިފަ އެވެ. މިހާރު ކުރިއަށް ދަނީ އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.

"މިހާރު މި ހިއްކާފައި އޮތް ސަރަހައްދުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަސް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ގުޅިފަޅަށް ޒިޔާރަތް ކުރެއްވުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ގުޅިފަޅަށް ޒިޔާރަތް ކުރެއްވުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު:

  • އަމަލީ މަސައްކަތް ފެށީ މިދިޔަ އަަހަރުގެ 2 ޖުލައިގައި

  • އަގު: 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)

  • މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ބޮސްކާލިސްއާ

  • އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން މި ސަރުކާރުން ވަނީ ނިންމާފައި

ގުޅުން ހުރި - ރައީސް މުއިއްޒު މިއަދު ވަނީ ހުޅުމާލެ ފޭސް 3 އިން ހިއްކާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ މަސައްކަތް ވެސް ބައްލަވާލައްވައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް