މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި ބޭއްވި ޕެރޭޑްގައި ކުރީގެ ރައީސް ސޯލިހް ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ދެން އެވެރިން ބުނާނީ ކައުންސިލާއި 2028ގެ ރިޔާސީ އިންތިހާބު ދޭން: ސޯލިހް

ސޯލިހް އެދިވަޑައިގެންނެވީ ރައްޔިތުން 'ނަމަނަމަ އެ މަޅީގައި' ނުޖެހުމަށް

މި ސަރުކާރުގެ ވެރިން މަޖިލިސް އިންތިހާބަށް ފަހު ދެން ބުނާނީ ކައުންސިލް އިންތިހާބާއި 2028ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކޮށްދިނުމަށް ކަމަށާއި މިވަގުތު  ހުރިހާ ކަމެއް ކުރަމުން ގެންދަނީ މި ވޯޓަށްޓަކައި އެކަނި ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ޕެރޭޑަށް ފަހު އާޓިފިޝަލް ބީޗްގައި ވާހަކަ ދައްކަމުންނެެވެ.

ބުނީ ކީކޭ؟- "ރައްޔިތުންގެ މަޖިލިސް ނިމުނީމަ ދެން ދައްކަވާނެ ވާހަކަ އަޅުގަނޑުމެންނަށް އެނގޭ. [ދެން ބުނާނީ] ކައުންސިލްގެ މެޖޯރިޓީ ދޭށޭ. އެ ނިމުނީމަ ދެން ބުނާނީ 2028ގެ ރިޔާސީ އިންތިހާބު ކަށަވަރުނުވަނީސް ތިމަންނައަަކަށް [ރައީސް މުހައްމަދު މުއިއްޒަށް] އެއް ކަމެއް ވެސް ކުރެވޭކަށް ނެތޭ،" ރާއްޖެއަށް ތަރައްގީ ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކަރަށް ލިބިގެން ކަމަށް ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ސޯލިހް ވިދާޅުވި އެވެ.

"ނަމަނަމަ، ތިބޭފުޅުން މި މަޅީގައި ނުޖެހޭތި!"

  •  މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި ބޭއްވި ޕެރޭޑް (ފޮޓޯ/ އެމްޑީޕީ)
  •  މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި ބޭއްވި ޕެރޭޑް (ފޮޓޯ/ އެމްޑީޕީ)
  •  މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި ބޭއްވި ޕެރޭޑް (ފޮޓޯ/ އެމްޑީޕީ)

ތަފްސީލު - މި ކެމްޕެއިންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރެވިއްޖެކަން ފާހަގަކުރައްވައި، ސޯލިހް ވިދާޅުވި ރައްޔިތުން ތިބީ ވަރަށް ބޮޑަށް "މާޔޫސްވެފައި" ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ރައީސް މުއިއްޒު "ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދެވުން" ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޮޑު ތަނުން އެމްޑީޕީއަށް ކާމިޔާބުވާތަން އަޅުގަނޑަށް ފެނޭ،" ސޯލިހް ވިދާޅުވި އެވެ.

މިއީ، މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދޫކުރި ގޯތިތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް. މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ދިން ފްލެޓްތަކުގެ ރަޖިސްޓްރީ ހޯދުމަށް ދެވޭ ވޯޓެއް [އަދި] ހުއްޓާލާފައިވާ ތަރައްގީގެ މަޝްރޫއުތައް ފެއްޓުމަށްޓަކައި ދެވޭ ވޯޓެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ސޯލިހް ވިދާޅުވީ، އެމްޑީޕީން މިފަހަރު ނުކުމެ އޮތީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ކަމަށެވެ. މިސްރާބު އޮތީ ހަމަމަގުން ކައްސާލާފައި ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބުމާ އެކު، އިރާދަކުރެއްވިއްޔާ މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން. ޒިންމާދާރު ކުރުވާނަން، ހަމަމަމަގަށް އަޅުވާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ހަރަކާތުގައި ސޯލިހް ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އެތައް ދޮގެއް ހައްދަވައިގެން" ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރައްވައި ސޯލިހް ވިދާޅުވީ "މިއަދު ވެސް ދަނީ ދޮގު ހައްދަވަމުން" ކަމަށާއި އެކަންކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

'ކެމްޕެއިނަށް ދައުލަތުގެ 100 މިލިއަން ރުފިޔާ ހަރަދުކޮށްފި'

ޑިމޮކްރެޓިކް ވެރިކަމަށް އަންނަ ބަޔަކު ވެރިކަން ކުރަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށްކަން ފާހަގަކުރައްވައި، ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއާ މުޅިން އިދިކޮޅެވެެ.

އެއާއެކު ވިދާޅުވީ، ސަރުކާރު ހިންގަމުންދަނީ ހާމަކަން ކުޑަކޮށް، މައުލޫމާތުތައް ސިއްރުކޮށްގެން ކަމަށެވެ. އެގޮތުން ވިދާޅުވީ:

  • ދައުލަތުގެ ބަޖެޓު ހަރަދު ކުރަނީ ކިހިނެއް ކަމެއް ނޭނގެ؛ މިދިޔަ ތިން ހަފްތާގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ

  • ސިޔާސީ މަގާމުުތައް އިންތިހާއަށް އިތުރުކޮށްފި؛ ތިން ހަފްތާ ކުރިން ހާމަ ކުރި މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މުސާރައަށް ކުރާ ހަރަދަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ކޮށްފި

"ރިކަރަންޓް ހަރަދު އިންތިހާއަށް ބޮޑު. ސަރުކާރުގެ މާލިއްޔަތު ބޭނުންކޮށްގެން ކެމްޕެއިން ކުރުމަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ބޭފުޅުން ހަރަދުކޮށްފި،" އޭގެ މާބޮޑު ތަފްސީލެއް ނުދެއްވައި ސޯލިހް ވިދާޅުވި އެވެ.

އެޕްރީލް 19، 2024: މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި ބޭއްވި ޕެރޭޑް (ފޮޓޯ/އެމްޑީޕީ)

އެމަނިކުފާނު ވިދާޅުވީ އެކަންކަމާ ގުޅޭ ގޮތުން "ސުވާލު ކުރިޔަސް ޖަވާބެއް ނުލިބޭ" ކަމަށެވެ.

"މިކަން ހަމައަކަށް އެޅުވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން. އެހެންވެ އަޅުގަނޑުމެން ނުކުމެ މިތިބީ،" އެމްޑީޕީ ކެންޑީޑޭޓުން އެކަން ކުރާނެކަން ފާހަގަކުރައްވައި ސޯލިހް ވިދާޅުވި އެވެ.

އެއާއެކު އެމަނިކުފާނު އެދިވަޑައިގެންނެވީ އާދީއްތަ ދުވަހުގެ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓުލުމަށް ނުކުމެ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.

"މިއީ، މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދޫކުރި ގޯތިތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް. މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ދިން ފްލެޓްތަކުގެ ރަޖިސްޓްރީ ހޯދުމަށް ދެވޭ ވޯޓެއް [އަދި] ހުއްޓާލާފައިވާ ތަރައްގީގެ މަޝްރޫއުތައް ފެއްޓުމަށްޓަކައި ދެވޭ ވޯޓެއް،" ސޯލިހް ވިދާޅުވި އެވެ.

 މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް އެމްޑީޕީން މާލޭގައި ބޭއްވި ހަރަކާތުގައި ސޯލިހް ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ސޯލިހް ސިފަ ކުރެއްވީ، "ތަރައްގީއާ އިދިކޮޅަށް ދެވޭ ވޯޓެއް"ގެ ގޮތުގަ އެވެ. އަދި ގޯއްޗާއި ފްލެޓް ލިސްޓު ސަރުކާރު "ބޭނުންހާ ގޮތަކަށް" ބަދަލު ކުރުމަށް ދެވޭ ވޯޓެއްގެ ގޮތުގަ އެވެ.

"މާލޭގެ ރައްޔިތުންނާއި މާލޭގައި ދިއިރުޅުއްވާ ރައްޔިތުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ ބޭފުޅުން މިކަމާ ފުންކޮށް ވިސްނަން ޖެހޭ،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވަހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ، މި ސަރުކާރުގައި އޮތީ "ކުދި ރަށްތައް ބާކީ ކުރުމުގެ ވިސްނުން" ކަމަށެވެ. އަދި މާލެއަށް ވެސް "ދައްކަނީ ދަޅަ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް (6)

profile-image-placeholder

މލކ މީނާޒު

20 އޭޕްރީލު 2024
އިބުރާހީމާ ކަލޯ ބުނެދީފާނަންތަ އެއްކަލަ ވެންޓިލޭޓަރު ތަކަށް ހެދިގޮތެއް އަދިހަމަ ރޮއެހޭރިފަ އަލިކާ ފުޓުބޯޅަ ކޭމްޕައް ޔޫކޭ އަށް ފޮނުވިގޮތުގެ ހަޤީގައް.

ސައިމާ

20 އޭޕްރީލު 2024
ތިޔާއީ މިހާރު މިގައުމުގެ ސިޔާސީ މައިދާނުގައި ރިލަވަންޓް މީހެއްނޫން. ރައީސްކަން، މަޖިލިސްވެސް ދިނީމާ ވީކަމެއް ހަމަ ހަރާން. ސޯ ޕްލީޒް، ވީ ޑޯންޓް ވޯންޓް ރިޖެކްޓްސް. ގޯ ހޯމް.

ހިތަދޫ ހުސެން

20 އޭޕްރީލު 2024
އިބޫ އަށް ފަހަރެއްގަ އަދި ރިއަލައިޒް ނުވެދާނެ އެކަމަކު މިހާރު އިބޫ ގެ ވަގުތުވެސް އައިސް ނިމުނީ ދެން ވެރިކަމާ ނޫޅުން ރަނގަޅުވާނީ، ނަސީދު މަގުފަހިކޮއްދީގެން ވެރިކަން ލިބުނީ މަޖުބޫރީ ހާލަތަކުން، އެ ފުރުސަތު ބޭނުން ނިހިފި ރައްޔިތުން ފަހުން ނޯ ޖަހައިފަ ބޭލީ. ދެން ހަމަ އެ ސިނާރިއޯ ތަކުރާރު މިވަނީ މިހާރު މުއިޒްއަށް، އަދި 5 އަހަރަށް ވުރެ ކުރިން ރައްޔިތުން އަޑު އިއްވާނެ މި މަޖިލިސް އިނތިހާބުގަ، ބަލަން ތިބެމާ

ަނބާހ

20 އޭޕްރީލު 2024
ތިޔަ ހުރިހާ އެއްޗެއް ތިޔަ ދޮލަނގު ބައިގަނޑަށް ހިބައިން ދިނީމަވެސް، މުޅި ދިވެހި ފަސްގަނޑު ބޭރުގައުމަކަށް ވިއްކާލީ، މުޅި ދިވެހި ރައުސުލްމާލުވެސް ފޭރިގަނެ، ދިވެހި ރާއްޖެ 50 އަހަރަށް އިނދަ ޖައްސާލީ، ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަ ތި ބޭކާރު ވަހަކައެއް ނުދައްކާނެ.

ާއަހުމަދު

19 އޭޕްރީލު 2024
މިދިޔަ ދައުރުވެސް އިބްރާހިމް ބުނެގެން ވެރިކަން ދިނީ. ދެން ބުނީ މަޖްލިސް ދޭށޭ، އެވެސް ދިނީ. ދެން ބުނީ ކައުންސިލްވެސްދޭށޭ . އެވެސް ދިން. އެކަމަކު ރައްޔިތުންނަށް އިބްރާހިމް އެއްވެސްކަމެއް ނުކޮށްދިން.

މެކޭ

19 އޭޕްރީލު 2024
ކަލޭ ވެސް ކީ ހަމަ ތިހެން. މިހާރު މީހުން ގުނބޯ ހައްދާނެ ކަމެއް ނެތް. ކަލޭގެ 5 އަހަރަކީ ރާއްޖެ 25 އަހަރު ފަހަތަށް ސޮއްސާލި 5 އަހަރު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް