17/4/2023؛ އަބްދުއްރަހީމް އަބްދުއްލަތީފް ރިޓަޔާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން(ފޮޓޯ/ޑިފެންސް މިނިސްޓްރީ)

އެމްއެންޑީއެފް

39 އަހަރުގެ ހިދުމަތަށް ފަހު ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

ރޭ އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ، ސިފައިންގެ ގާނޫނުގައި ބުނާގޮތުން އުމުރުން 60 އަހަރު ފުރުމުން

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 39 އަހަރުގެ ހިދުމަތަށް ފަހު، ރޭ ރިޓަޔާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރޭ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ، ސިފައިންގެ ގާނޫނުގައި ބުނާގޮތުން އުމުރުން 60 އަހަރު ފުރުމުންނެވެ. އެކަމަށްޓަކައި ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް، އަބްދުއްރަހީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަ ގާޑެއް އަރުވައިފަ އެވެ.

ތަފްސީލް - އެ ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅު އަދި އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު އަބްދުއްރަހީމާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދެއްވާ ސިޓީ އާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު، އަބްދުއްރަހީމާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. 

އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 18 ފެބުރުއަރީ 1985ގަ އެވެ. ރޭގެ ރަސްމިއްޔާތުގައި އޭނާގެ ދިގު މުއްދަތުގެ ހިދުމަތާ ގުޅޭގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. ޑިފެންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ސިފައިންގެ ހިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އަދި ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ އިރު، އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވައިފަ އެވެ.

މީގެ ތެރޭގައި:

  • ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު 

  • ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާ، ކޯ ކޮމަޑާންޓް، އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން 

  • ސިފައިންގެ ތަރުޖަމާންގެ މަގާމު 

  • އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާ 

  • 3 ނޮވެންބަރު 1988ގައި ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއަށް ފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަތް

  • 26 ޑިސެންބަރު 2004ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގެ ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި 

  • 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނުގެ ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވި 

  • ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި 

  • ކޮވިޑް-19ގައި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި 

  • އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިހުލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވޭ 

  • 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާ އެކު ދިވެހި ދައުލަތަށް ހިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައިވޭ

އެނގުން މުހިންމު - ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވަނިކޮށް، އަބްދުއްރަހީމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަރުވާފައިވަނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް