އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ވަޒީފާގެ ބިރު ދައްކާ ކަމަަށް ބުނާ ވީޑިއޯއަކާ އެކު ފައްޔާޒުގެ ނުރުހުން

ފައްޔާޒު ވިދާޅުވީ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރުން ގާނޫނީ ކުށަކަށް ހައްދަވާނެ ކަމަށް

އާރުޑީސީގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކާކަމަށް ބުނާ ވީޑިއޯއަކާ އެކު، ސަރުކާރުން ވަޒީފާ ހަތިޔާރަކަށް ހަދައި ބިރު ދައްކާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ފައްޔާޒު އޭނާގެ ޝުއޫރުތައް 'އެކްސް'އަށް ބަންޑުންކޮށްލެއްވީ، އާރުޑީސީގެ އަންހެން މުވައްޒަފަކު ކޮންމެވެސް ތަނަކަށް ދާން މަޖުބޫރު ކުރުވައި، އެކަން ނުކޮށްފި ނަމަ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނާ ވީޑިއޯއަކާ އެކު އެވެ.

އެ ވީޑިއޯގައި އަންހެން މުވައްޒަފު ބުނާގޮތުން 'އެތަނަށް ދާނަންތޯ ނުދާނަންތޯ' އަހައި އިންޒާރު ދެ އެވެ. ދެން އެއަށް ފަހު، 'ތިމަންނަ ކުރަން ޖެހޭނީ އެންމެ ކޯލެއް ކަމަށާއި އެ ކޯލުން ވަޒީފާއިން ކެނޑޭނެ' ކަމަށް ބުނެ އިންޒާރު ދޭ ކަމަށް ވެސް އަންހެން މީހާ ބުންޏެވެ.

"ދެން މަށާ ދިމާއަށް ބުނަނީ ދެން ތިބެން ޖެހޭނީ ނުކައޭ. ތިމަންނަ ބުނިން ކުރިން ވެސް އާރުޑީސީއަށް ގޮސްގެންނެއް ނޫނޭ ކެއީކީ،" އެ ވީޑިއޯގައި އަންހެން މީހާ ބުންޏެވެ.

އޭނާގެ ވާހަކައިން، ދާން މަޖުބޫރުކުރުވަނީ ސިޔާސީ ކަމަކާ ގުޅުން ހުރި ތަނަކަށް ކަން އެނގެ އެވެ. އެކަމަކު ކޮންތަނެއްކަން ސާފެއް ނުވެ އެވެ.

ތަފްސީލު- އެ ވީޑިއޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޓެގް ކުރައްވައި ފައްޔާޒު ވިދާޅުވީ

އެމްޑީޕީ އަށް ތާއީދުކުރާ މީހުންނަކީ، ދައްކާހާ ބިރަކަށް ސިހޭނެ ބައެއް ނޫން ކަމަށެވެ. އަދި އެކަން ރައީސަށް އެނގިވަޑައިނުގަންނަވާތީ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އެމްޑީޕީއިން ހޯދައިދިން މިނިވަންކަމަކީ ބިރު ފަހަނައަޅާ ގޮސް ހޯދި މިނިވަންކަމެެއް

  • އަދި ސަރުކާރުން ވަޒީފާ ހަތިޔާރަކަށް ހަދާ ބިރުދެއްކުމަކީ ވަރަށް ފިނޑި، ހުތުރު ކަމެެއް ކަމަށް ވިދާޅުވި

ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ، ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާ ފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ކަށަވަރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

އަންނި

18 އޭޕްރީލު 2024
ތިއީމޑޕ އިން ކުޅެފައި އޮތް ޑްރާމާއެއް . އަބަދުވެސް މީހުންގެ އެޓެންޝަން މިކަހަލަ ކަންތަށް ކުރާބައެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް