ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުމަށް މީހަކު އެއާޕޯޓުގައި: މި ރޯދަ މަހު އުމްރާއަށް ދިޔަ ދިވެހިންގެ ބަޔަކު ވަނީ މައްކާގައި ތާށިވެފައި (ދައުރު ފޮޓޯ)

އުމްރާ

މަޝްއަރު ގުރޫޕުން އުމްރާއަށް ދިޔަ މީހުން މައްކާގައި ތާށިވެއްޖެ؛ މައްސަލަ ޕޮލިހަށް

މި ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ ގަވައިދާ ހިލާފަށް ފައިސާ ނަގައިގެން

މަޝްއަރު ޓުއާސްގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ މީހުންނަށް އެނބުރި ރާއްޖެ ނާދެވި، މައްކާގައި ތާށިވެއްޖެ އެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފަ އެވެ.

ވީ ކިހިނެއް؟- 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އުމްރާގެ އަޅުކަމަށް ފަހު އެ މީހުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އިއްޔެ އެވެ. އެކަމަކު ފުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، މައްސަލައެއް ދިމާވެ ޓިކެޓް ކެންސަލްވެފައިވާ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފޮށި ތަންމަތި ހިފައިގެން އަޅުގަނޑުމެން ފުރަން ދާން ނުކުތްތަނުން ގުރޫޕުން އެގޮތަށް އެންގީ،" މަޝްއަރު ގުރޫޕުން އުމްރާއަށް ދިޔަ މީހަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި ގުރޫޕުން އެދުނީ އުމްރާއަށް ދިޔަ 50 މީހުން، އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިޔުމަށެވެ. އަދި އެ ފައިސާ ފަހުން ދޭނެ ކަމަށް ބުނި ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ފެންމަތިވުމާ އެކު، އުމްރާއަށް ގެންދިޔުމަށް ގަވައިދާ ހިލާފަށް މީހުންގެ އަތުން ފައިސާ ނަގައި، އެއަށް އިހުމާލުވަމުން ދިޔަ ޖަމާއަތެއްގެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާ ކަަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ގުރޫޕުގެ ނަން މިނިސްޓަރު ވިދާޅުނުވި ނަމަވެސް، 'ދައުރު'އަށް ޔަގީންވެފައިވާ ގޮތުގައި އެއީ މަޝްއަރު ގުރޫޕުގެ މައްސަލަ އެވެ.

ތަފްސީލު- މިނިސްޓަރު މިއަދު އެކްސްގައި ވިދާޅުވި ގޮތުގައި:

  • އެ ގުރޫޕުން ދިޔައީ އުސޫލުތަކާ ހިލާފަށް މީހުންގެ އަތުން ފައިސާ ނަގަމުން

  • އަދި އެ ފައިސާއަށް ދިޔައީ އިހުމާލުވަމުން

  • މި ޖަމާއަތުގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މިއަދު ފުލުހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި

އުމްރާއަށް ގެންދިޔުމަށް ހުއްދަ ނެތި ފައިސާ ނަގަމުންދާތީ، މަޝްއަރު ގުރޫޕާއި އިތުރު ޖަމާއަތަކާ މެދު ސަމާލުވާން މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ.

މި ގުރޫޕުގެ މި ފަދަ މައްސަލައެއް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ފެންމަތިވި އެވެ. އެ ފަހަރު ވެސް ޓިކެޓް ފައިސާ ނުދައްކައި ފަހުން ޗެކް ބައުންސްވުމުން، ގުރޫޕުގެ ހުއްދަ މިނިސްްޓްރީން ބާތިލް ކުރަން ޖެހުނެވެ. މި ފަހަރު އެ ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ ޖަމާއަތުގެ ނަން ބަދަލުކޮށްގެން، 'މަޝްއަރު ޓުއާސް'ގެ ނަމުގަ އެވެ.

ކޮމެންޓް (1)

ޙަސަނާ

17 އޭޕްރީލު 2024
އަހަރެން ދެކުނިން ދައުރު ނޫހުން މި މީހުން އިސްތިހާރު ކޮށްފަ ލިޔެދިން އާޓިކަލް އެއް. މަށަށް ކިރިޔާ ނުދެވުނީ އެކިޔާފަ! އެހާވެސް ރަގަޅު ވާހަކަ ލިޔެފަ އޮތީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް