15 ޖޫން 2023 - ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ މަސައްކަތް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ކުރީ ސަރުކާރުގެ ފްލެޓްތައް އެއްކޮށް ނިންމަން އިތުރު 454 މިލިއަން ރުފިޔާ ބޭނުންވޭ: އެފްޑީސީ

އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓު މަޝްރޫއަށް ކަނޑައެޅި ސްކޯޕުގައި މުހިންމު ބައެއް ހިދުމަތްތައް ހިމަނާފައިނުވާތީ އެކަމަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށް

ކުރީ ސަރުކާރުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ފްލެޓުތައް ނިންމޭނީ އަދި އިތުރަށް 454.5 މިލިއަން ރުފިޔާ ލިބިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހަމްދާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ވަނީ ހިއްސާކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ކުރީ ސަރުކާޜުން 22 މަހުގެ ތެރޭގައި ޖުމްލަ 216 ފަންގިފިލާގެ މަސައްކަތް ވަނީ ކޮށްފައި

  • ފާއިތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި 192 ފަންގިފިލާގެ މަސައްކަތް ކޮށްފައިވޭ

  • މަސައްކަތް އަވަސްކުރަން ކުރި މަސައްކަތުން މަހެއްގެ ތެރޭގައި މަސައްކަތް ނިންމޭ ފަންގިފިލާގެ އަދަދު 10 އިން 48 ވަނަ އިތުރުކުރެވިފައި

ބުނީ ކީކޭ؟ - އެހެން ނަމަވެސް، ހަމްދާން ވިދާޅުވީ މުޅި މަޝްރޫއު ނިންމޭނީ އިތުރަށް ފައިސާ ލިބިގެން ކަމަށެވެ.

"ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި މަޝްރޫއަށް ކަނޑައެޅި ސްކޯޕުގައި ޓަވަރުތައް ޕަވާ ގްރިޑާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޖީޕީއޯއެން ނެޓްވޯކާ ގުޅުވުމާއި ކުނި އުކާނެ ސިސްޓަމްތަކާއި ލޭންޑްސްކޭޕިން ފަދަ މުހިންމު ހިދުމަތްތަކާއި ފެސިލިޓީތައް ހިމަނާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ނުހިމަނައި ދޫކޮށްލި މި މަސައްކަތްތައް ނިންމޭނީ އަދި އިތުރަށް 454.5 މިލިއަން ރުފިޔާ ލިބިގެން."

ހަމްދާން ވިދާޅުވީ ސަރުކާރާ ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް އެފްޑީސީއިން ކުރަމުން އަންނަ ކަމަށެވެ.

އެފްޑީސީ ފްލެޓުތައް

ކުރީ ސަރުކާރުގެ ދުވަސްވަރު އެފްޑީސީން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 32 ޓަވަރު އެޅުމުގެ މަސައްކަތް ފެށި އެވެ. އެއީ ޖުމްލަ 4،000 އެޕާޓްމެންޓެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޖޭއެމްސީއާ ހަވާލުކުރި 2،000 ފްލެޓް އަދި އެންބީސީސީ މަޝްރޫއުގައި 2،000 ފްލެޓް

  • ޓަވަރުތަކުގައި ހުންނާނީ 17 ނުވަތަ 18 ފަންގިފިލާ

  • ކޮންމެ ޓަވަރެއްގެ އެންމެ ތިރީ ބުރި އާއި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ކޮމާޝަލް ޔުނިޓުތަކަށް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ 'އަމާން' ހައުސިން މަޝްރޫއުގެ މަސައްކަތް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު 'އަމާން'ގައި ހިމެނޭ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ. (ފޮޓޯ/ދައުރު)

ގުޅުންހުރި ކަމެއް - އެ މަޝްރޫއުގެ މަސައްކަތް ތާވަލަށް ވުރެ ކުރިން ނިންމޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ހަމްދާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ވަތުކިބަ

17 އޭޕްރީލު 2024
އެއްވެސް މައްސަލައެއް ނޫން. ފައިސާ ޗާޕު ނުކޮއް، ލޯނު ނުނަގައި، 2000 ސިޔާސީ ވަޒީފާ އިތުރައް އުފެއްދުމައް ފަހުވެސް ތިވަރަށް ފައިސާ ހަމަ ޖައްސާނެ އަޅުގަނޑުމެންގެ رَئيس !

އިތުރު އާޓިކަލް

އިތުރު އާޓިކަލް