ޖަރުމަންގެ ބުންޑަސްލީގާ ފުރަތަަމަ ފަހަރަށް ކާމިޔާބުކުރި ބަޔާ ލެވަކޫސަންގެ ދަނޑު ސަޕޯޓަރުންތަކުން ފުރާލާފައި

ބުންޑެސްލީގާ

މިއީ ފުޓްބޯޅައިގެ ވެސް އާދަޔާ ހިލާފު ކަމެއް، އަލޮންސޯއަކީ މޭސްތިރި

ޖަރުމަން ލީގު ފުރަތަމަ ފަހަރަށް ބަޔާ ލެވަކޫސަން ރޭ ހޯދުމަކީ ވަރަށް މަދުން ނޫނީ ނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް. އޭގެ އަސްލަކީ ކުރީގެ ކުޅުންތެރިޔާ ޒާބީ އަލޮންސޯގެ މޮޅު ކޯޗުކަން
15 އޭޕްރީލު 2024

މިދިއަ ސީޒަންގައި ބަޔާ ލެވަކޫސަންގެ ކޯޗުކަމާ ޒަބީ އަލޮންސޯ ހަވާލުވި އިރު ޓީމު އޮތީ ތާވަލްގެ ފުލުން ދެވަނައިގަ އެވެ. އެކަމަކު ލީގު ނިންމާލިއިރު ހަވަނައަށް އެރުވި އެވެ.

ރޭ އަމިއްލަ ދަނޑުގައި ވާޑާ ބްރެމަން 5-0 އިން ބަލިކުރުމާ އެކު ލެވަކޫސަންގެ ސަޕޯޓަރުން ދަނޑު މައްޗަށް އަރައި ފުރާލީ، ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކުރުމުގެ އުފުލަގަ އެވެ.

ޖަރުމަންގެ ބުންޑަސްލީގާ ފުރަތަަމަ ފަހަރަށް ކާމިޔާބުކުރި ބަޔާ ލެވަކޫސަން، ލީގު ތައްޓާ އެކު
ޒާބީ އަލޮންސޯ އުފާވެފައި

މިއީ ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ ބޮޑެތި ލީގުތައް ކާމިޔާބުކޮށްފައި ހުރި އަލޮންސޯގެ މޭސްތިރިކަމުގައި ބަދަލުކުރި ތާރީހެކެވެ. ލެވަކޫސަންގައި މަދީ އެކަހަލަ ކޯޗެއްކަން ސާބިތުކޮށްދިން ކާމިޔާބީއެއް ވެސް މެ އެވެ.

ލެވަކޫސަން ޗެމްޕިއަންކަން މި ހޯދީ ލީގުގައި އަދި ބާކީ ފަސް މެޗު އޮއްވަ އެވެ. މި ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން އަދި އެ ޓީމު ބައްޔެއް ނުވެ އެވެ. އެހެންކަމުން އަލޮންސޯއަކީ ކުރިމަގުގެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭނެ މީހެއްކަން ސާބިތުވެ އެވެ.

ލެވަކޫސަންގެ މިޑްފީލްޑް ކުޅުންތެރިޔާ އަދި ކުރިން އާސެނަލްއަށް ކުޅުނު ގްރެނިޓް ޒަކާ، މެޗަށް ފަހު އުފާ ފާޅުކުރަނީ
ޖަރުމަންގެ ބުންޑަސްލީގާ ފުރަތަަމަ ފަހަރަށް ކާމިޔާބުކުރި ބަޔާ ލެވަކޫސަންގެ ޓީމު ރޭގެ މެޗަށް ފަހު އުފާ ފާޅުކުރަނީ

ބަޔާން މިޔުނިކްގައި ކުޅެމުން ރިޓަޔަކުރުމާ އެކު އޭނާގެ ކުރީގެ ކޯޗު އަދި މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށް ބެލެވޭ ޕެޕް ގާޑިއޯލާ ބުނީ "އެއީ އަހަންނަށް ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑް ކުޅުންތެރިޔާ" ކަމަށެވެ.

"އޭނާ ވަރަށް އަވަހަށް އެނބުރި އަންނާނެ މެނޭޖަރެއްގެ ގޮތުގައި. ކޮންމެ ތަނަކަށް އޭނާ ދިޔަސް އެއީ މޮޅު މީހަކަށް ވާނެ،" އަލޮންސޯއާ ބެހޭ ގޮތުން ގާޑިއޯލާ އޭރު ބުންޏެވެ.

ލެވަކޫސަންގައި އަލޮންސޯ ކުރަމުން އަންނަ މަސައްކަތާ މެދުޗމި ފަހުން ގާޑިއޯލާއާ ސުވާލުކުރި އެވެ. ހިނިތުންވެލާފައި އޭނާއަށް ބުނެވުނީ 'ވާއު' އެވެ.

ލެވަކޫސަންގެ ޓީމު ސިޑިބަރީގައި ތިބެ ސަޕޯޓަރުންނާ އެކު އުފާ ފާޅުކުރަނީ

"މިއީ އަހަރެމެންގެ އާއިލާ އާއި ރަހުމަތްތެރިންނާއި ސަޕޯޓަރުންނާ އެކު އުފާ ފާޅުކުރަންވީ ދުވަސް،" ރޭގެ މެޗަށް ދފަހު އަލޮންސޯ ބުންޏެވެ.

"މިއީ ކޯޗެއްގެ ގޮތުން އަހަރެންގެ ފުލް ފުރަތަމަ ސީޒަން. ގަބޫލުކުރަން ވެސް ދަތި."

ލެވަކޫސަންގެ ކާމިޔާބު މި އައީ މިދިއަ 11 އަހަރުގެ ޗެމްޕިއަން ބަޔާން މިޔުނިކް އަތުން އެ މަގާމު އަތުލައިފަ އެވެ. ބަޔާން އޮތީ ތާވަލްގެ ދެ ވަނާގައި 16 ޕޮއިންޓް ފަހަތުގަ އެވެ.

ސީޒަން އަދި ނުނިމެ އެވެ. ޖަރުމަން ކަޕާއި ޔޫރޮޕާ ލީގުގައި ވެސް ލެވަކޫސަންއަށް ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ލެވަކޫސަންގެ ކޯޗު ޒާބީ އަލޮންސޯ މެޗަށް ފަހު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް