މި ކެންޑިޑޭޓަށް ފެންނަނީ އޭނާ އެކަނި، އިންތިހާބު އުނދަގުލެއް ނުވާނެ

ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރުގެ ތާއީދު އޮވެގެން ވާދަކުރަައްވާ އާމިނަތު މިޔާދާ (އާނަ) ވިދާޅުވަނީ އިންތިހާބު އުނދަގޫވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް
15 އޭޕްރީލު 2024
4

ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓުންނަށް ބަލާ ނަމަ ސިޔާސީ ގޮތުން ބާރުގަދަ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން އެބަ ތިއްބެވި އެވެ. ނަމަވެސް އަމިއްލަ ގޮތުން ނުކުމެ ހުންނެވި އާމިނަތު މިޔާދާ (އާނަ) ވިދާޅުވަނީ 'އެހެން ކެންޑިޑޭޓެއް އަޅުގަނޑަކަށް ނުފެނޭ' ކަމަށެވެ.

ވީ ކިހިނެއް؟ - ކުރީގެ ޓީޗަރު އަދި ސްކޫލް ހިންގުމުގެ ދާއިރާގައި ވެސް އުޅުއްވި މިޔާދާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުމެވަޑައިގަންނަވަން ފުރަތަމަ އުޅުއްވީ ޕީއެންސީންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ބަލިވީ އެވެ. އެކަމަކު އޭނާ ނިންމެވީ އަމިއްލަ ގޮތުން ނުކުންނަވާށެވެ. މިހާރު ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ތާއީދު އޮތީ ވެސް މިޔާދާއަށެވެ.

ތަފްސީލް - ގަލޮޅު އުތުރު ދާއިރާއަކީ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހުންނެވި އެންމެ ތަޖުރިބާކާރު އަންހެން މެމްބަރު އީވާ އަބްދުﷲ، މިދިއަ ތިން ދައުރު ތަމްސީލްކުރައްވަމުން ގެންދަވާ ދާއިރާ ވެސް މެ އެވެ. މިފަހަރު އޭނާ ނުކުމެވަޑައިގަންނަވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ.

އީވާގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް މި ދާއިރާގައި ވާދަކުރައްވަ އެވެ.

އެކަމަކު މިއިން އެއްވެސް ކެންޑިޑޭޓަކީ، މިޔާދާގެ ވާހަކަތަކަށް ބަލާއިރު، އޭނާއަށް އޮތް ހުރަހެއް ނޫނެވެ.

"އަޅުގަނޑު އެއްވެސް ވަރަކަށް ހިތަކަށް ނާރާ އުނދަގުލެކޭ. އަޅުގަނޑަކަށް ނުފެނޭ އެހެން ކެންޑިޑޭޓެއް،" 'ދައުރު'ގެ 'މަޖިލިސް 24' ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިޔާދާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ އަޅުގަނޑު. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ދާއިރާގެ ވަރަށް ސަޕޯޓް އެބަ އޮތް."

މިދިއަ އަހަރުގެ އޮކްޓޯބަރުގެ ކުރިން ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުޑަ ވެސް ހިޔާލެއް އޭނާގެ ނެތެވެ. 

"އޮކްޓޯބަރު ފަހުކޮޅަށް އެޅިތަނާ ހަމަ ކުއްލިއަކަށް އެތަނަށް [ރައްޔިތުންގެ މަޖިލިހަށް] ދާން ހިތަށްއެރީ. އެގޮތުން ހިތަށްއެރީ މިއީ ރަނގަޅު ތަނެކޭ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން،" މިޔާދާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ތާއީދު މިހާރު އޮތީ ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓް އާމިނަތު މިޔާދާ (އާނަ) އަށް

ގަލޮޅު އުތުރަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓް އަބަދުވެސް ދައްކަވާ ވާހަކައަކީ މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދޭން އޮތް ނަމަ އެކަން ނުކުރައްވާ އެހެން ކަމަކަށް މޫނު އަނބުރާ ނުލައްވާނެ ކަމެވެ. އޭގެ މިސާލެއް ދައްކަވަމުން ވިދާޅުވީ އޭނާގެ ކުދިންނަށް ކިޔަވައިދޭން ސްރީ ލަންކާގައި ހުންނެވި އިރު ދެ ހޮސްޕިޓަލެއްގައި އަދާކުރެއްވި ވަޒީފާގައި އޭރު އެތައް ސަތޭކަ ދިވެހިންނަށް ފޯރުކޮށްދެއްވުނު ހިދުމަތެވެ.

މިޔާދާ ވަނީ ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާއި އާސަރީ ހޮސްޕިޓަލްގައި އިންޓަނޭޝަނަލް މާކެޓިންއާ ބެހޭ އިސް މަގާމެއް ހަ އަހަރަށް ވުރެ ގިނަ ދުވަހު ފުރުއްވައިފަ އެވެ.

އެ މަގާމުގައި ހުރެ "ވަރަށް ގިނަ ދިވެހިންނަށް ހިދުމަތް ދެވުނީތީ ވަރަށް އުފާވޭ،" އޭނާ ވިދާޅުވި އެވެ.

ކެމްޕެއިންގެ ފޯރި ގަދަވެފައި އޮތް އިރު މިޔާދާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް މުއިއްޒު އާއި ސަރުކާރުގެ ސަޕޯޓެވެ. ޕީއެންސީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓަށް ރައީސްގެ ސަޕޯޓެއް މިހާރަކު ނެތެވެ.

މިޔާދާ ގަބޫލުކުރައްވަނީ އެ ނިންމެވުން ރައީސް ނިންމެވީ ވަރަށް ގިނަ ކަންކަމަށް ބައްލަވާފައި ކަމެވެ.

އާމިނަތު މިޔާދާ 'ދައުރު'އަށް އިންޓަވިއު ދެއްވަނީ

"ދާއިރާގެ ހުރިހާ އެންމެންނާ ވަކިވަކިން ގުޅައިގެން މަސައްކަތް ކުރަމުން ދާއިރު އަޅުގަނޑަށް ފާހަގަކުރެވޭ ވަރަށް ބޮޑު ސަޕޯޓެއް އެބަ އޮތްކަން. އަޅުގަނޑަށް ވެސް ހީވަނީ ސަރުކާރުން ވެސް، ރައީސް ވެސް މި ހުރިހާ ޑެސިޝަނެއް މޭކްކުރެއްވުމުގެ ކުރިން ދާއިރާގެ އެކިއެކި ފަރާތްތަކާ ވާހަކަ ދައްކަވާނެ ހެން ކާކަށްތޯ އެންމެ ބޮޑު ތާއީދެއް އޮތީ،" މިޔާދާ ވިދާޅުވި އެވެ.

"އެ ގޮތްގޮތަށް ބައްލަވާފައި ނޫނީ އަޅުގަނޑަށް ތާއީދެއް ނުކުރައްވާނެ ކަންނޭނގެ."

އޭނާ ވަނީ އެ ނިންމެވުން ނިންމެވީތީ ރައީސް މުއިއްޒުއަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އެނގުން މުހިންމު - މިޔާދާއަކީ 2000ގެ އަހަރުތަކުގައި ޓީވީއެމްގެ ވަރަށް މަޝްހޫރު ކުޑަކުދިންގެ ޝޯ 'ކޮއްކޮމެންގެ' އެއް ހުށައެޅުންތެރިޔާ އެވެ. އެދުވަސްވަރު އޭނާ އާންމުންގެ ތެރޭގައި އެހާމެ މަޝްހޫރު ވެސް މެ އެވެ.

ޓީޗަރެއްގެ ގޮތުންނާއި ސްކޫލް ހިންގުމުގެ ދާއިރާގައި 12 ވަރަކަށް އަހަރު ހޭދަކުރެއްވި އެވެ. އޭގެ ފަހުން އޭނާ ދިރިއުޅުން ބަދަލުކުރެއްވީ ސްރީ ލަންކާއަށެވެ.

މިޔާދާ ވިދާޅުވި ގޮތުގައި އާންމުންނަށް ހިދުމަތްކުރުން ނޫން އެހެން އެއްވެސް މަގުސަދެއް އޭނާގެ ނެތެވެ. 

"އަޅުގަނޑު ބޭނުންވަނީ މަޖިލިހަށް ދެވުނީމާ ވެސް މީހުންގެ އިތުބާރާއި އިހުތިރާމާއި ލޯބި އަޅުގަނޑުގެ އެންމެ މުހިންމު އެއްޗިއްސަކީ. އިންސާނިއްޔަތުކަން. އިހުސާސްތައް ދެނެގަތުން. މިއަށް ފަހު އިތުރު ކަމަކަށް އަޅުގަނޑު ވިސްނާނީ،" އޭނާ ވިދާޅުވި އެވެ.

"އެބައި ނެތިއްޔަކާ ކިތައްމެ މޮޅަށް ކިޔަވާފައި ހުއްޓަސް، ކިތައްމެ އެކްސްޕީރިއަންސް އަދި ކިތައްމެ ލާރިއަކާއި ބާރެއް އޮތަސް، އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ނުކުރެވޭނެ."

ކޮމެންޓް (4)

އަސްދަނޑި

15 އޭޕްރީލު 2024
މުއިއްޒު މި އުޅެނީ ޑިމޮކްރަސީގެ އަސާސްތައް ފުނޑާލަން. ދުވަސްކޮޅަކުން ތިޕާޓީވެސް ފުނޑިގެންދާނެ. ވެރިކަން ނިމޭ ހިސާބަށް ބަލަން ތިބެމާ!
2 0

ހަސަނު

15 އޭޕްރީލު 2024
ތިޔަ ވިދާޅުވި "ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާއި އާސަރީ ހޮސްޕިޓަލްގައި އިންޓަނޭޝަނަލް މާކެޓިންއާ ބެހޭ އިސް މަގާމުތަކަކީ" ވަޒީފާ އެއްގެ ގޮތުގައި މުސާރަ ލިބޭގޮތަށް ކުރި މަސައްކަތެެވެ. އެކަމުގައި މީހުންނަށް ހިދުމަތް ފޯރުކޮށްދިނުމަކީ ކުރަން "ޖެހޭ" މަސައްކަތެވެ. މިފަދަ ވާހަކަ ދައްކަވާއިރު އެއީ "ދަރުމައަށް" ކޮށްދެެއްވާފައި ހުންނަ މަސައްކަތް ގޮތަށް ދޭހަވާތީ ދަންނަވާލީއެެވެ. ދަރުމައަށް ކުރެއްވި ނުވަތަ ކުރައްވާ މަސައްކަތެއް އޮތްނަމަ، އެކަމެއް ފާހަގަކޮށްލެއްވި ނަމަ ރަނގަޅުވީހެވެ.
5 0

ސަމީރާ

15 އޭޕްރީލު 2024
ޕްރައިމަރީއެއް ބާއްވައިގެން މީހަކު ހޮވީމާ އެ ނޫން މީހަކަށް، ޕާޓީގެ ފަރާތުން ތާއީދު ކުރުމަކީ ޑިމޮކްރަސީގެ ހާދަ ރީތި މިސާލެކެވެ. ޝުކުރިއްޔާ ރައިސް
6 0

ސަނައްޓޭ

15 އޭޕްރީލު 2024
@ސަމީރާ ހަމަ ތެދެއް ތި ބުނީ. ރައީސްމީހާގެ ލަދު ނެތީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް