މާލޭ ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވެ ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި (ފޮޓޯ/އެމްއެންޑީއެފް)

މާލޭގައި ފެން ބޮޑުވެ، ފެން ހިންދަން ސިފައިން ނުކުމެއްޖެ

ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ވަނީ ހއ. އިން ފ. އަތޮޅާ ހަމައަށް ޔެލޯ އެއާޓު ވެސް ނެރެފައި

މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައި ވާތީ، ފެން ހިންދަން ސިފައިން ނުކުމެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރުން ފެށިގެން މާލެއަށް ގުގުރުމާ އެކު ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

އެނގުން މުހިއްމު - މިއީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ އައްސިދަ އެވެ. ކުރިންސުރެ ބެލެވޭ ގޮތުގައި އައްސިދާ ފެށޭނީ ބޯ ވިއްސާރައިންނެވެ. އެކަމަކު ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތަށް އައްސިދަ ވިޔަސް އެއީ މިހާރު ބަލާ މިންގަނޑުން ހުޅަނގު މޫސުމް ފެށުމެއް ނޫނެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ވަނީ ހއ. އިން ފ. އަތޮޅާ ހަމައަށް ޔެލޯ އެއާޓު ވެސް ނެރެފަ އެވެ.

ތަފްސީލް - އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ބައެއް ގެތަކަށް ފެން ވަންނަމުން ދާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް އެފްއާރުއެސް އާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގުޅުން ހުރި - މެޓުން ލަފާކޮށްފައިވަނީ މިރޭ 8:30 އާ ހަމައަށް ހއ. އިން ފ. އަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް