ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން މިރޭ ފޮނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ކޮވިޑް ތެރޭ އެސްޑީއެފްސީ އާއި އެޗްޑީއެފްސީ އިން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް މައާފު ކޮށްދެނީ

ކުރީގެ ސަރުކާރުން އެ ނިންމުން ނިންމާފައި އޮތް ނަމަވެސް، ވެރިކަން ބަދަލުވީއިރު އޮތީ އެކަން ނުވެ ކަމަށް ރައީސް ވިދާޅުވި

ކޮވިޑް ތެރޭ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް މާފްކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް އެދި ހުށަހެޅުމަށް، އީދު ބަންދު ނިމުމުން ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ، 21 ސެޕްޓެމްބަރުގައި ނިންމާފައިވާ ނިންމެކެވެ. މިހާރު މަޖިލިސް އިންތިހާބަށް ވަގުތު ކުޑަތަންވެފައި އޮއްވާ މި ސަރުކާރުން ވެސް އެގޮތަށް ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ  މިރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ.

ތަފްސީލު - ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވެގެން ދިޔައިރު އެ އިންޓްރެސްޓް މާފްކޮށްދީފައެއް ނުވެ އެވެ.

"މި ލޯނުގެ އިންޓްރެސްޓް އަރަމުން ގޮސް، ނުކަތާ ހިސާބަށް އެ ލޯނު ނެގި ފަރާތްތައް ވަނީ ގޮސްފައި. ދެން މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ، އެ އިންޓްރެސްޓް މާފް ކުރާނަމޭ. އެކަމަކު ނުކުރޭ،" ރައީސް ވިދާޅުވި އެވެ.

ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެމަނިކުފާނު ވިދާޅުވީ، އެކަން ނުކޮށް އޮތުމުން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެ ލޯނު ނެގި މީހުންނަށް އިންޓްރެސްޓް މައާފު ކޮށްދިނުމުގެ މަސައްކަތް ފެށި ކަމަށެވެ.

"މިދިޔަ ހަތަރު މަސް ތެރޭ އެ މަސައްކަތް ކުރެވިފައި ވަނީ. ކޮށް ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާފައި. އެހެންވީމަ، އިރާދަކުރެއްވިއްޔާ އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން،" ރައީސް ވިދާޅުވި އެވެ.

"އެ ލޯނު ނެގި ހުރިހާ އެންމެނަށް އިންޓްރެސްޓް މައާފް ވާނެ."

އެޗްޑީއެފްސީން ނެގި ލޯނުތަކުގެ އިންޓްރެސްޓް ވެސް މައާފް ވާނެ

ރައީސް މިރޭ ހާމަ ކުރެއްވި ގޮތުގައި، ކޮވިޑާ ގުޅިގެން ކުރީގެ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ނެގި ލޯނުތަކުގެ އިންޓްރެސްޓް ވެސް މައާފް ކުރުމަށް ވަނީ ނިންމާފަ އެވެ.

"އެ މީހުންނަށް ވެސް [އެޗްޑީއެފްސީ ލޯނު ނެގި މީހުން] އޮތީ މޮރިޓޯރިއަމްއަކުން މަހުން މަހުން ދައްކަން ޖެހޭ ވަރު ލަސްކޮށްދީފައި. ނަމަވެސް އިންޓްރެސްޓް އަރަމުން އަރަމުން ގޮސް ނުކަރާ ހިސާބުގައި އޮތީ،" ރައީސް ވިދާޅުވި އެވެ.

"އެ ވެސް މާފްކޮށްދޭނެ ކަމަަށް އެ ސަރުކާރުގައި ވާހަކަ ދެއްކި. އަމަލީ ގޮތުން ނުކުރޭ."

އެޗްޑީއެފްސީ ލޯނުގެ އިންޓްރެސްޓް ވެސް މައާފް ކުރުމުގެ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެކަމަށް ވެސް އީދު ބަންދު ނިމުމުން ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުބާއްވަމޭ އިންތިހާބެއް އައިސް ބޯމަތިވީމަ ކުރާކަށް. ފުރަތަމަ ދުވަހު ވެސް ފަށައިގެން މިއަދާ ހަމައަށް މި އަންނަނީ. އަދި ހަތަރު މަސް މިވީ،" މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ހަފްތާއެއްހާ ދުވަސް އޮއްވާ، މީގެ ކުރިން ސަރުކާރުން އިއުލާންކޮށްފައި ނުވާ ކަމެއް މިރޭ އިއުލާން ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ފޮނަދޫގައި މިރޭ ބޭއްވި އެ ޖަލްސާގައި ވެސް ރައީސް ވަނީ ސަރުކާރުން މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއޫތައް ފަސޭހަކަމާ އެކު ހިންގޭނީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންނެވެ.

ކޮމެންޓް (2)

ފީލިންގ

12 އޭޕްރީލު 2024
"..އަޅުގަނޑުމެން ނުބާއްވަމޭ އިންތިހާބެއް އައިސް ބޯމަތިވީމަ ކުރާކަށް..." ހަހަހަހަހަހަހަހަހާ
0 0

ހަމަހަމަކަން ކޮބާ

12 އޭޕްރީލު 2024
ދެން ބީއެމްއެލްގެ މޮރަޓޯރިއަމް ނެގި މީހުންނޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް