
އެސްޑީއެފްސީގެ ހެޑް އޮފީސް ކައިރީ މީހަކު މަޑުކޮށްލައިގެން. (ފޮޓޯ/ކޮރަލް ގްލާސް މީޑިއާ)
ކުދި ވިޔަފާރިތަކަށް ދޫކުރި ކޮވިޑް ލޯނުގެ އިންޓަރެސްޓް ކަނޑާލައިފި
މި ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކް، އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ކޮވިޑް-19އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ އެތައް މިލިއަން ރުފިޔާއެއްގެ ލޯނުގެ އިންޓަރެސްޓްތައް ކަނޑާލަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލަން ނިންމިކަން ރައީސް އިއުލާން ކުރެއްވީ މާވެޔޮ މަގުގައި ހުންނަ އެމްޑީޕީގެ ހުވަދޫ ދާއިރާގެ ޖަގަހައިގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލް - ރައީސް ވިދާޅުވި ގޮތުގައި:
-
ލޯނުތަކުގެ އިންޓަރެސްޓް މާފުކުރުމުގެ އިތުރަށް މީގެ ކުރިން އިންޓަރެސްޓަށް ދައްކާފައިވާ ފައިސާ އެ ފަރާތްތަކަށް އަނބުރާ ދޭނެ
-
އެ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް ވަނީ އިތުރުކޮށްފައި

އެނގުން މުހިންމު - ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކޮވިޑާ ގުޅިގެން އެސްޑީއެފްސީއިން ވަނީ 2،133 ވިޔަފާރިއަކަށް 368 މިިލިއަން ރުފިޔާގެ ލޯން ދޫކޮށްފަ އެވެ.
'ވިޔަފާރި އެހީ'ގެ ނަމުގައި އެ ލޯނު ދިނީ:
-
500،000ރ.އާ ހަމައަށް
-
6% އިންޓަރެސްޓްގައި
-
ތިން އަހަރުން އަނބުރާ ދައްކަން ޖެހޭ ގޮތަށް
-
ލޯނު އަނބުރާ ދައްކަން ފަށަން ނުވަތަ ގްރޭސް ޕީރިއަޑަށް ހަ މަސް ދިން
-
އެ ލޯނު ދިނީ، ކޮވިޑާ ގުޅިގެން އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރަން ޝަރުތުކޮށް، އެ ކަމަށް އެއްބަސްވި ވިޔަފާރިތަކަށް
ބުނީ ކީކޭ؟ - ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލިކަން އިއުލާން ކުރެއްވި ސަބަބު ވިދާޅުވެދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ދޮރުން ދޮރަށް ހިނގުމުން ލިބުނު އެންމެ ބޮޑު ޝަކުވާއަކީ ކޮވިޑުގައި އާންމުންނަށް ދޫކޮށްފައި ހުރި ލޯނުތައް ދެއްކުމުގައި އުނދަގޫވެފައިވުމެވެ. އަދި އެ ލޯނުތައް ދެއްކުމަށް ލުއިތަކެއް ހޯދައި ދިނުމަށް އާންމުން އެދުނު ކަމަށް ރައީސް ވިދާޅުވި އެވެ.
"އެސްޑީއެފްސީއިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް މިއަދުން ފެށިގެން ދައްކާކަށް ނުޖެހޭނެ. އަދި އިންޓަރެސްޓަށް ދައްކާފައި ހުރި ފައިސާ އަޅުގަނޑުމެން އަނބުރާ ދޭނަން. އަދި ލޯނު ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް އަޅުގަނޑުމެން ދައްމާލާނަން،" އާންމުންގެ ޝައްކުވާއަށް ހައްލު ހޯދައިދޭން މިއަދު ސަރުކާރުން ނިންމި ނިންމުން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.