ތިމަރަފުށީގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން

ތިމަރަފުށީގައި 'ސަރުކާރު ކެންޑިޑޭޓު' މައްސަލައިގައި ޕީއެންސީ ސަޕޯޓަރުން މުޒާހަރާ ކޮށްފި

މިނިސްޓަރު ޝިޔާމް ވިދާޅުވީ ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންނެވި ސަނާހުއަށް ރައީސް މުއިއްޒު ސިޔާސީ ގޮތުން އިތުބާރު ނުކުރައްވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އަހްމަދު ރިޔާޒަށް ތާއީދު ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ބައެއް ވަޒީރުން ތ. ތިމަރަފުއްޓަށް މިއަދު ވަޑައިގަތުމުން، އެ ދާއިރާގެ ޕީއެންސީ ޓިކެޓް ލިބުނު އިބްރާހިމް ސަނާހް (ސަންޓޯ)ގެ ސަޕޯޓަރުން މުޒާހަރާކޮށްފި އެވެ.

އެނގުން މުހިންމު - ސަނާހަށް ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންނެވި ނަމަވެސް، ސަރުކާރުން އޭނާއަށް ތާއީދެއް ނުކުރެ އެވެ. އެ ދާއިރާއިން ރައީސް މުހައްމަދު މުއިއްޒު ތާއީދު ކުރެއްވުމަށް ނިންމަވާފައި ވަނީ އަހްމަދު ރިޔާޒަށެވެ. އަހްމަދު ރިޔާޒަކީ، އެ ދާއިރާގެ މިހާރުގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒުގެ ބޭބެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބައެއް މިނިސްޓަރުން ތިމަރަފުއްޓަށް ވަޑައިގެންނެވީ އަހްމަދު ރިޔާޒަށް ކެމްޕެއިން ކޮށްދެއްވުމަށެވެ. މި ހަރަކާތް މިއަދު މެންދުރު 2:15ގައި ބޭއްވުމަށް ފުރަތަމަ ދައުވަތު ދީފައި އޮތީ، ތިމަރަފުށީ ޖަގަހައަށެވެ. އެއާއެކު، މުޒާހަރާގެ ކުރިން ސަނާހު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައި އެކްސްގައި ޕޯސްޓެއް ލިޔުއްވައިފަ އެވެ.

ސަނާހު ވިދާޅުވި ގޮތުގައި:

  • ޕީއެންސީގެ ތިމަރަފުށި ދާއިރާގެ ރައީސް އަކީ އޭނާ

  • އެ ރަށުގެ ޕީއެންސީގެ ޖަގަހަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވަނީ ހުޅުއްވައިދެއްވާފައި؛ ޕީއެންސީގެ އިތުރު ޖަގަހެއް އެ ރަށުގައި ނުހުންނާނެ.

ބުނީ ކީކޭ؟ - "ބައާވާތް ކުރަން ނޫޅުއްވާ. ރަށުގެ މަސްލަހަތު ނަގާލަން ނޫޅުއްވާ!!" ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ސަނާހު އެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"ލަދުހަޔާތް ކެނޑުނަސް މީދެން ބޮޑުވަރެވެ. ބަޢާވާތް ކުރަން ވަކިކަމެއް ނޯވެއެވެ. @MNP_Secretariat [އެމްއެންޕީ] އަށް މީހުން ނުލިބި ސަޕޯޓް ނެތުމަކީ ޕީޕީއެމް-ޕީއެންސީގެ މައްސަލައެއްހެއްޔެވެ؟"

ތަފްސީލު - ތިމަރަފުށީގައި މުޒާހަރާ ކުރި ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖަލްސާ ބާއްވަމުން ދިޔަ ސަރަހައްދުގައި ކުރަމުންދިޔަ މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ސަނާހެވެ. އެގޮތުން:

  •  ޖަލްސާގެ ޕޯޑިއަމްގައި އެ ވަގުތު ވާހަކަ ދައްކަވަން ހުންނެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާ ދެކޮޅަށް މެގަފޯނުން ސަނާހް ފާޑުވިދާޅުވަމުންދާ އަޑު އިވޭ

  • އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ފުލުހުން ހަރަކާތްތެރިވަމުން ދިޔަ

  • ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ވަކި ހިސާބެއްގައި ބޭތިއްބުމަށް ޓޭޕް ދަމާފައި 

"ތިއީ ޕީއެންސީ ކެންޑިޑޭޓެއް ނޫން،" އަހްމަދު ރިޔާޒަށް ނިސްބަތްކޮށް، މުޒާހަރާގެ ބައިވެރިން ގޮވާ އަޑު އިވެ އެވެ.

ތިމަރަފުށީގައި ކުރި މުޒާހަރާގެ ތެރެއިން

ސަނާހު 'ދައުރު'އަށް ވިދާޅުވީ، މައްސަލަ ހޫނުވީ އަހްމަދު ރިޔާޒުގެ ކެމްޕެއިން ޖަގަހަ ޕީއެންސީގެ ނަމުގައި ހުޅުވަން އުޅުމުން ރަށުގެ ޕީއެންސީގެ ސަޕޯޓަރުން އެކަމާ ދެކޮޅުހެދުމުން ކަމަށެވެ. ފަހުން ޖަލްސާ ބާއްވާ ތަން ބަދަލު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ޖަލްސާ ބޭއްވި ސަރަހައްދުގައި ރައްޔިތުން ޝުއޫރު ފާޅު ކުރީ. އެއީ، ޕީއެންސީގެ ޓިކެޓް އަޅުގަނޑަށް ލިބިފައި އޮއްވާ ސަރުކާރުން އެހެން މީހަކަށް ތާއީދު ކުރާތީ،" މިވަގުތު ކަނޑުމަތީގައި ހުންނެވި ސަނާހު ވިދާޅުވި އެވެ.

ސަނާހުއަށް ރައީސްގެ އިތުބާރެއް ނެތް: ޝިޔާމް

މިނިސްޓަރުންގެ ޓީމް ތިމަރަފުށީގައި ޖަލްސާ ބޭއްވުމަށް ފަހު، ތިމަރަފުށި ދާއިރާގައި ދެން ހިމެނޭ ތ. މަޑިފުއްޓަށް މިހާރު ވަނީ ވަޑައިގެންފަ އެވެ. 

މަޑިފުށީގައި  މިވަގުތު ހުންނެވި ޝިޔާމްއަށް ގުޅުމުން އޭނާ 'ދައުރު'އަށް ވިދާޅުވީ، މުޒާހަރާކުރީ "އަޅުގަނޑުމެން ތެރެއިން ނުތަނަވަސްވެފައި އޮތް ޓީމެއް" ކަމަށެވެ.

ނުތަނަވަސްވީ ކީއްވެގެންތޯ އެހުމުން ވިދާޅުވީ، "ސަރުކާރު ކެންޑިޑޭޓާ އެކު މަސައްކަތް ކުރާތީ" ކަމަށެވެ.

"ސަރުކާރުގެ ކެންޑިޑޭޓުގެ ޖަގަހައެއް އެއީ. ސަރުކާރުގެ ކެންޑިޑޭޓަކަށް ވާނީ ރައިސުލްޖުމްހޫރިއްޔާ ސިޔާސީ ގޮތުން އިތުބާރު ކުރައްވާ ބޭފުޅެއް. މި އިންތިހާބުގައި ރައިސުލްޖުމްހޫރިއްޔާއަށް ސިޔާސީ ގޮތުން އިތުބާރު މި އޮތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ އަހްމަދު ރިޔާޒަށް،" ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ސަނާހަށް ސިޔާސީ ގޮތުން ރައީސްގެ އިތުބާރެއް ނެތެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް