އޮގަސްޓު 21، 2023: އިދިކޮޅު ޕީޕީއެެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖަލްސާއަށް ހުރަސް އަޅަން ފުލުހުން ދިޔައީ އަޅުގަނޑަށް ނޭނގި، ފެނުނީ ނޫހުން: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމާ ވިސްނަވާ ވިސްނަވާ ރޭ އަވަހާރަފުޅު ވެސް ނުލެއްޕެވުނު ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންއެފް) އުފެއްދުމުގެ  ޖަލްސާއަށް ހުރަސް އަޅަން ފުލުހުން ދިޔައީ އެމަނިކުފާނު އަންގަވައިގެން ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ދެއްވާފައި އޮތް އިރުޝާދާ ވެސް ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައި، އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެސްއޯ ފުލުހުން އެ ސަރަހައްދަށް ދިޔަކަން އެނގިވަޑައިގަތީ ނޫހުންނެވެ.

ވީ ކިހިނެއް؟ - ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ތާވަލުކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅީ، ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސް މުއިއްޒުގެ "އޯޑަރަށް" ކަމަށް އެ ޕާޓީން ތުހުމަތުކުރެ އެވެ. 

ފުލުހުންގެ އަމަލުތަކުގެ ސަބަބުން ރައީސް މުއިއްޒަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނު އެ ތުހުމަތުތައް ދޮގުކުރެއްވީ، މިއަދު އީދު ސަލާމް ކުރެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެހާ ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ [މިކަން މިގޮތަށް ވީ]. އަޅުގަނޑު ރޭގައި އުޅުނީ ދެ އިވެންޓެއްގައި. އިވެންޓް ނިމިގެން އަޅުގަނޑަށް މައުލޫމާތު މި އަންނަނީ އަދި ނޫހުން އަޅުގަނޑަށް ފޮޓޯ މި ފެންނަނީ އެސްއޯ ފުލުހުން ގޮސް އެތަނުގައި ބެރިކޭޑް ޖަހައި، ކަންތައްކެއް ހިނގިތަން. އެއީ ވަރަށް ހިތާމަ ކުރާ ކަމެއް. އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަނެއް އޮތް ކަމެއްގައި އެހެން ދިޔައިމަ

ރައީސް މުހައްމަދު މުއިއްޒު

ތަފްސީލު - އެ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސްގެ ޖަވާބަކީ ކޮބައިތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ރޭގެ ކަންތައް ހިނގައިދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކޮށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވައިގެން އެފަދަ ކަންކަމަށް ހުރަސް ނާޅަން ފުލުހުންގެ އިސް ވެރިންނަށާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވެސް މީގެ ކުރިން ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަޅުގަނޑު ބޭނުމެއް ނޫނޭ ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް، ރައްޔިތުން ހިފާ ހައްޔަރުކޮށް، އެއްވެސް ސަބަބެއް ނެތި. އެހެން އޮއްވާ ރޭގައި މި ފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނީ އެއްގޮތަކަށް ވެސް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެން،" ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވެސް އެ އިރުޝާދު އެބޭފުޅުންނަށް ދެއްވިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި އެވެ.

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ މި ގައުމުގައި އެ ހިސާބަށް ދިޔައިމާ. އަޅުގަނޑު ދަންނަވާނަމޭ އެފަދަ ކަމެއް ކުރަން ޖެހިއްޖިއްޔާ. އެއީ، ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް އަނިޔާކޮށް، ޖިސްމާނީ އަނިޔާކޮށް މި ކަހަލަ ކަންތައްތައް ނޫނީ މުގައްދަސް ތަނެއް، މިސްކިތެއް ކަހަލަ ތަނަކަށް ގެއްލުން ދިނީމަ އެނގޭނެ އެންމެނަށް ވެސް. އެ ހިސާބަށް ނުދަންޏާ [އެސްއޯ ފުލުހުން ފޮނުވައިގެ ނުވާނެ] ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ވަކި މީޑިއާތަކެއް ގެންގޮސްގެން ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވި އެވެ.

ފަނަރަ މިނެއްޓެއްހާ އިރު ރައީސް ނޫސްވެރިންނާ މި މައުލޫޫގައި ވާހަކަ ދެއްކެވި އިރު، ފުލުހުންނަށް އެ ދެއްވި 'ކްލިއާ އިންސްޓްރަކަޝަން'ގެ ވާހަކަ އެމަނިކުފާނު 10 ވަރަކަށް ފަހަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. 

"ސީޕީ [އަލީ ޝުޖާއު]އަށް ވެސް އެހެން އިސް ބޭފުޅުންނަށް ވެސް އަދި ހޯމް މިނިސްޓަރު [އަލީ އިހުސާން]އަށް ވެސް އަޅުގަނޑު ދީފައި އޮންނަ އިރުޝާދަކީ ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރާކަށް، އުދަނގުލެއް ކުރާކަށް އަޅުގަނޑުގެ ފަރާތުން ނާންނާނޭ އެއްވެސް އިންސްޓްރަކްޝަނެއް. އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން ނުދާނެއޭ. ގޮއްސިއްޔާ އެއީ، އަޅުގަނޑު އިސްވެ އެކަމުގެ ފިޔަވަޅު އަޅާނެ ކަމެކޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރީގައި ފެނިފައި އެބަހުރި ހަމަ ހިޔާލު ފާޅުކޮށްލާއިރަށް [ނުވަތަ] މަގުމައްޗަށް ނުކުންނައިރަށް ހަމަ ގެންގޮސް ޕިކަޕަށް އަޅާލައިގެން ގެންދަނީ ނޫންތޯ؟ އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން."

ރައީސް ވިދާޅުވި ގޮތުގައި:

  • ކޫއްޑޫގައި މަސްވެރިން މިފަހުން ކުރި މުޒާހަރާގައި ތަކެއްޗަށް ގެއްލުންދޭ ހިސާބަށް ބިރުވެރިކަން ދިޔައިރު ވެސް އެސްއޯ ފުލުހުން އެތަނަށް ފޮނުވަން "އަޅުގަނޑަށް އިންޓާނަލީ ޕްރެޝާ އައި" ކަމަށް

  • ނަމަވެސް އޭރުވެސް އެ މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން ނޮފުނުއްވައި ހިފެހެއްޓިން

  • އަޅުގަނޑު ވަރަށް ދެކޮޅު ހަދާ ކަމެއް އެސްއޯ ފުލުހުން ފޮނުވުމަކީ؛ އަދި 'އަމުދުން ސިޔާސީ ބަޔަކު ކުރާ ކަމަކާ ދެކޮޅަށް"

"އެހާ ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ [މިކަން މިގޮތަށް ވީ]. އަޅުގަނޑު ރޭގައި އުޅުނީ ދެ އިވެންޓެއްގައި. އިވެންޓް ނިމިގެން އަޅުގަނޑަށް މައުލޫމާތު މި އަންނަނީ އަދި ނޫހުން އަޅުގަނޑަށް ފޮޓޯ މި ފެންނަނީ އެސްއޯ ފުލުހުން ގޮސް އެތަނުގައި ބެރިކޭޑް ޖަހައި، ކަންތައްތަކެއް ހިނގިތަން. އެއީ ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަނެއް އޮތް ކަމެއްގައި އެހެން ދިޔައިމަ،" ރައީސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު ވަގުތުން އެކަމަށް އެޓެންޑް ވިން. އަޅުގަނޑު ހޯމް މިނިސްޓަރަށް ދެންނެވިން ގުޅާފައި ކިހިނެއްހޭ މިކަން މި ވީ، އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފައި އޮއްވާ. ދެން މިނިސްޓަރު ވެސް ވިދާޅުވީ، ތިމަންނަ ވެސް އޮންނާނީ މިކަން ސީޕީއަށް ދަންނަވާފައޭ."

މިސާލަކަށް ރޭގައި އަޅުގަނޑު އަނިޔާ ކުރަން ބޭނުންވިނަމަ، ރޭގައި ފުލުސް މީހާ ވެއްޓި އޭނާއަށް އަނިޔާވީމަ، އެއީ އަނެއްކާ ކަނޑައެޅިގެން ގާނޫނީ ކުށެއްގައި އޭގެ ބަދަލުގައި ހިފާ ހައްޔަރު ކުރަން ޖެހޭ ބަޔަކުވެސް ތިބޭނެ. އެކަމަކު އަޅުގަނޑު ބޭނުން ނުވީ. [އެއީ] އަޅުގަނޑު ދެކޮޅު ހެދި ކަމެއްގެ ސަބަބުން ދިމާވި ކަމެއްވީމަ. އަޅުގަނޑު ބޭނުން ނުވީ އެ ހިސާބަށް ދާކަށް [އެކަމަށް ފިޔަވަޅު އަޅަން]

ރައީސް މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެހާ 'ކްލިއާ އިންސްޓްރަކްޝަނެއް' ދީފައި އޮތް ކަމެއްގައި އެއާ ދިމާ އިދިކޮޅަށް ދިޔުމުން ސީޕީ ޝުޖާއުއާ ވެސް ސުވާލު ކުރެއްވި ކަމަށެވެ. 

"[ސީޕީއަށް ދެންނެވިން] އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރެވެން. ކާކު، ކޮން ގޮތަކަށް ދިން އިރުޝާދަކުން، ކިހިނެއް ހިނގި ކަމެއްތޯ. [އަދި] ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފައި، މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެން ޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް. އެއީ، އަޅުގަނޑު ޓޮލެރޭޓް ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ ރިޕޯޓު އައުމާ އެކު އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ އިތުބާރު އޮންނަން ބޭނުން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ރޭގައި ވެސް [ކެމްޕެއިން ބައްދަލުވުމުގައި] މި ދެއްކީ މި ވާހަކަ. ދައްކައި ނިމުނުއިރު މި އޮތީ އެކަން އެހެން ގޮތަކަށް ހިނގާފައި. ވަރަށް ހިތާމަކުރާ ކަމެއް، އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަން އޮތް ކަމެއްގައި އެހެން ދިޔައީމާ."

'މިކަމާ ހުރެ ރޭ ނުވެސް ނިދުނު'

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތާ ދެކޮޅަށް ފުލުހުން އަމަލު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ރޭ 'އުނދަގޫތަކެއް'ވި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހަކަށް ވެސް ގެއްލުން ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.  

"އަޅުގަނޑަށް ވެސް ފެނުނު ވީޑިއޯ، ހަމަ އަރައިގަނެގެން ފުލުހެއް ވެއްޓި، ފުލުސް މީހާއަށް ވެސް އަނިޔާވި. އެތައް ހިތާމަވެރި ކަމެއްވި. ބިކޯސް އަޅުގަނޑު ބޭނުން ނުވި ކަމެއް އަދި އަނެއްކާ ކަނޑައެޅިގެން ނުކުރަން ބުނެފައި އޮތް ކަމެއް ކުރީ،" ރައީސް ވިދާޅުވި އެވެ.

"އެކަމާ ހެދި [އެސްއޯ ފުލުހުން ދިޔުމުން] ހަގީގަތުގައި ވެސް މި ހުރީ [ކަންބޮޑުވެފައި]، ރޭގައި އަޅުގަނޑަށް ނުވެސް ނިދުނު. އަދި މިހުރީ ނުނިދާ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓް ލިބި، މި ކަމުގެ އަޑިއަށް ދެވި، މިކަން ހައްލު ވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެންނެއް."

އެއާ އެކު ދެން ވިދާޅުވި ގޮތުގައި ސަރުކާރުން އަނިޔާވެރިވާން ބޭނުންވި ނަމަ، ފުލުސް މީހާއަށް އަނިޔާވި މައްސަލާގައި ބަޔަކު ހައްޔަރު ވެސް ކުރެވޭނެ އެވެ. ނަމަވެސް އެކަން ކުރަން ބޭނުން ނުވީ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ރޭގައި އަޅުގަނޑު އަނިޔާކުރަން ބޭނުންވި ނަމަ، ރޭގައި ފުލުސް މީހާ ވެއްޓި އޭނާއަށް އަނިޔާވީމާ އެއީ އަނެއްކާ ކަނޑައެޅިގެން ގާނޫނީ ކުށެއްގައި އޭގެ ބަދަލުގައި ހިފާ ހައްޔަރު ކުރަން ޖެހޭ ބަޔަކު ވެސް ތިބޭނެ. އެކަމަކު އަޅުގަނޑު ބޭނުން ނުވީ. [އެއީ] އަޅުގަނޑު ދެކޮޅު ހެދި ކަމެއްގެ ސަބަބުން ދިމާވި ކަމެއްވީމަ. އަޅުގަނޑު ބޭނުން ނުވީ އެ ހިސާބަށް ދާކަށް [އެކަމަށް ފިޔަވަޅު އަޅަން]،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ:

  • ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނަން ވާނެ

  • ޕީއެންއެފް ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރި ބޭފުޅުންނަށް ވެސް އެ ހައްގު އޮންނަންވާނެ

  •  ބޭފުޅުންނަށް އެ ފުރުސަތު [ލިބި] ޖަލްސާ ބޭއްވިކަމަޓަކަށް 'އުފާ ވެސް ކުރަން'

  • އެބޭފުޅުންގެ ގާނޫނީ ކަންކަން ފުރިހަމަ ކުރެއްވުމުން މަރުހަބާ ވެސް ދަންނަވަން

'ހިލޭ ޝޯޝަލް ސެންޓަރުގައި ޖަލްސާ ބާއްވަން ހުއްދަ ދޭން އެންގިން'

ޕީއެންއެފުން ބާއްވަން ތާވަލްކުރި ޖަލްސާ ނުބޭއްވުމުން ދެން ޖަލްސާ އެހެން ތަނެއްގައި ބޭއްވޭނެ އިންތިޒާމް، ސްޕޯޓްސް މިނިސްޓްރު އަބްދުﷲ ރާފިއު މެދުވެރިކޮށް ހަމަޖައްސަން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޝޯޝަލް ސެންޓަރު ހިލޭ ދިނުމަށް ރާފިއުއަށް އެންގެވި ކަމަށެވެ.

"އެއީ ސްކޫލަކަށް ވުރެ ވެސް ބޮޑު ތަނެއް. އަޅުގަނޑު ދެންނެވީ، މިހާރުން މިހާރަށް ސްޕޯޓްސް މިނިސްޓަރު ރާފިއު އުޅުއްވާށޭ ޕީއެންއެފް އިސް ބޭފުޅުންނަށް ގުޅުއްވާފައި މިހާރު ވެސް ބޭނުންވެއްޖިއްޔާ ސޯޝަލް ސެންޓަރު ލިބޭ ގޮތަށޭ، އެތަން ދެއްވާށޭ. ހިލޭ ދެއްވާށޭ، ލާރި ވެސް ނުނަގާ،" ރައީސް ވިދާޅުވި އެވެ.

"ދެން މިނިސްޓަރު ގުޅުއްވީ މަލީހަށް. ގުޅުއްވާފައި، އެ މައުލޫމާތު ދެއްވި. މިހާރު ވެސް ބޭނުވެއްޖިއްޔާ އެތަން ރެޑީކަމަށް. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު އެބޭފުޅުން ރާޅުގަނޑަށް ބަދަލުވަނީ ނޫނީ އެތަނުގައި ޖަލްސާ ނުއެއް ފަށާ."

ރާފިއުއަށް އެގޮތަށް އެންގެވީ ރައީސް ވިދާޅުވި ގޮތުގައި ގިޔާސުއްދީން ސްކޫލްގެ ހުއްދަ އެ ސްކޫލުން ބާތިލުކުރި ކަމަށް ގަބޫލުކުރެއްވިގެންނެވެ.

"ދެން ސްކޫލެއްގައި އެބޭފުޅުން ބާއްވަން އޮތް ބައްދަލުވުން ނުބޭއްވިގެން ކެންސަލްވި ކަމަށް ނޫނީ ތަނެއް ނުލިބުނުކަން އަޅުގަނޑަށް މައުލޫމާތު ލިބުނީ. ސްކޫލްތައް ނުލިބިދާނެ ކަމަށް ގަބޫލުކޮށްފައި އަނެއްކާ އެޑިއުކޭޝަން މިނިސްޓަރު ވެސް ވިދާޅުވެފައި އޮތީ އެގްޒާމްތައް އަންނާތީ މިކަހަލަ ކަންތައްތަކެއް ހުރެގެން ކަމަށް [ކެންސަލްވީ]،" ރައީސް ވިދާޅުވި އެވެ.

ރައީސް އިންސްޓްރަކްޝަނެއް ދެއްވާފައި އޮއްވާ، ސަރުކާރުގެ ތެރެއިން ބަޔަކު މިގޮތަށް އަމަލުކުރީ ގަސްތުގައި ކަމަށް ގަބޫލުކުރައްވަންތޯ އާއި މިކަމުގައި އިހުމާލެއް އޮތް ނަމަ އެ މީހަކާ މެދު ވެސް އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވާނެތޯ ނޫސްވެރިޔަކު ދެންނެވުމުން ރައީސް ވިދާޅުވީ އެފަދަ ގޮތަކަށް އަދި އެއްވެސް މީހަކާ މެދު ތުހުމަތެއް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑު އެޕޮއިންޓް [އައްޔަން] ކޮށްފައި ހުރި މީހަކު ގަސްތުގައި އެފަދަ ކަމެއް ކޮށްފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ގަބޫލެއް ނުކުރާނަން ފުލުހުންގެ މުއައްސަސާ ތެރޭގައި ވެސް. އެކަމަކު ރިޕޯޓުގެ މައްޗަށް ބިނާކޮށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން،" އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވީ އެ ހަރަކާތަަށް ހުރަސް އެޅުމުގެ އެއްވެސް ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. އަދި ސްކޫލް ނުލިބުނު ގޮތާ އެކަންކަން ވެސް ބަލަން ޖެހޭ ކަމަށާއި އެއީ ވަރަށް 'މައިނާ ޑީޓެލްސް' ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި އެންމެ ބޮޑު ގޯހަކީ "ނުކުރަން ބުނި ކަމެއް ކޮށްގެން އޭގެން ނުކުތް ކޮންފްލިކްޓް" ކަން ފާހަގަކުރެއްވި އެވެ.

"ދެން އަޅުގަނޑު ހިތާމަކުރަނީ، މިހެން މިކަން އޮއްވާ ދެން ހަމަ ސިޔާސީ ބޭނުމުގައި އަޅުގަނޑު އަންގައިގެން ކުރި ކަމެކޭ، އަޅުގަނޑޭ އެސްއޯ ފުލުހުން ފޮނުވީ. ހަގީގަތަކީ އޭގެ ދިމާ އިދިކޮޅު،" އެންމެ ފަހު ބަހަކަށް އިންޓަވިއު ނިންމާލައްވަމުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ނީލް ސްޓީވަން

11 އޭޕްރީލު 2024
ފެންނަ ފެނުމުގަ ވެރިކަން ހޯދަން ކުޅުނު ގޭމު މޮޅު އެކަމަކު ސަރުކާރު ހިންގުމުގެ ތަޖުރިބާ އެންމެ ބަލިކަށި ސަރުކާރުކަމައް ފެންނަނީ ހޮޅު އަށިން ހޮޓާތަކުން މުއީޒައް ބަވާ އަޑުއިވެނީ ވެރިކަމައް ހަމަސް ހަމަނުވޭ ސަރުކާރައް ބަވާމީހުން ގިނަކަން ފާހަނގަ ކުރެވޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް