ޕީއެންސީގެ ލީޑަރުޝިޕުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ (ފޮޓޯ ދައުރު/އަޒްމީ)

ޕީއެންސީ ވެރިން ޔާމީނަށް؛ މިހާރު ތިދާ ގޮތުން ސިޔާސީ ކުރިމަގެއް އެބަ އޮތްތޯ؟

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ވަނީ ކުރީގެ ރައީސް ޔާމީން އެބޭފުޅުންނާ މެދު އަމަލު ކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ޕީޕީއެމް/ޕީއެންސީގެ އިސް ވެރިން އިއްޔެ ހާއްސަ ބައްދަލުވުމެއް ބޭއްވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ ގޮތުން އާއްމުންނަށް މައުލޫމާތު ދިނުމަށެވެ. އެކަމަކު ޕާޓީގެ ލީޑާޝިޕްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނަވާ ހަތް ބޭފުޅުންގެ ވާހަކަތައް މުޅިން ވެސް އަމާޒުކުރެއްވީ އެ ބޭފުޅުން މާލިމީއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރެއްވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށެވެ.

އެ ބޭފުޅުން ދޫކުރައްވައި، ޔާމީން އުފައްދަވާ އާ ޕާޓީ، ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމާފައިވާއިރު، ހުރިހާ ބޭފުޅުން ޔާމީނަށް އަމާޒު ކުރައްވައި ޝަކުވާތަކާއި ފާޑުކިޔުންތައް ބަންޑުންކޮށްލެއްވި އެވެ. އަދި ޔާމީން މިހާރު ހިޔާރުކުރައްވާފައިވާ މަގުން، ސިޔާސީ ކުރިމަގެއް ފެނިވަޑައިގަންނަވާނެތޯ ވެސް ސުވާލު އުފެއްދެވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ޔާމީނަށްޓަކައި ލީޑާޝިޕުން ނުކުރާ މަސައްކަތެއް ނޯންނާނެ އެވެ. އޭނާގެ ބަހުން ނަމަ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި، ރޯދަމަހަށްޓަކައި ޔާމީން ގެއަށް ގެނެސްދެއްވާށޭ ވިދާޅުނުވާ ލީޑަރަކު ޕީޕީއެމް/ޕީއެންސީގައި ނުހުންނަވާނެ އެވެ.

"އާދޭސް މައްޗަށް އަޅުގަނޑުމެން އާދޭސް ދެންނެވިން. އޭގެ ސަބަބުން ސަރުކާރަށް މަޖުބޫރުވީ ފުރަތަމަ ފަހަރަށް ޔާމީން ގެއަށް ބަދަލުކުރުމަށް،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް މިއަދު ގޭގައި ހުންނެވެނީ ވެސް އިހްލާސްތެރިކަމާ އެކު ޕީޕީއެމް/ޕީއެންސީގެ ވެރިން ކޮށްދެއްވި މަސައްކަތްތަކުންނެވެ. އަދި މިހާރު ކޮންމެ ވާހަކަތަކެއް ދެއްކެވި ނަމަވެސް އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ލީޑަރުޝިޕުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ކައުންސިލަރު ޝުޖާއު ވާހަކަ ދައްކަވަނީ (ފޮޓޯ ދައުރު/އަޒްމީ)

"އަޅުގަނޑުމެން ކީއްތޯ ކުރީ؟ އަޅުގަނޑުމެން އުޅުނީ މުޒާހަރާތަކުގައި އަނިޔާވާ މީހުން ގޮވައިގެން ހޮސްޕިޓަލުގައި. މީހުން ހައްޔަރުކޮށް މުއްދަތު ޖަހައިފި ނަމަ، އެ މީހުންގެ އާއިލާ ބެލެހެއްޓުމަށް. އެ މީހުން ޖަލުން ދޫކޮށްލީމައި، ލީޑާޝިޕުން ކޮންމެެވެސް އެކަކު ދާނެ އިސްތިގްބާލު ކުރަން،" ޝުޖާއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވެ، 'ގައުމު ސަލާމަތް ކުރެވުނީ' އޭރު ލީޑާޝިޕުގައި އެ އޮތް ބަދަހިކަމުގެ ސަބަބުންނެވެ. އަދި ޖަލު ބަންދުން ސަލާމަތްވެ، ޔާމީނަށް މިއަދު ގޭގައި އެ ހުންނެވެނީ ވެސް އެ ކުރި މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

ޝުޖާއުގެ ވާހަކަތަކަށް، ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވެސް ބާރު ދެއްވި އެވެ. އޭނާ ވިދާޅުވީ ޔާމީނަށްޓަކައި ކޮންމެ ރެއަކު ވެސް އެ ބޭފުޅުން މަގުމައްޗަށް ނުކުންނައިރު، މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅުއްވައި، ކޯޓުތަކަށް ދެކޮޅަށް ދުވެވަޑައިގެންނެވި ކަމަށެވެ.

އެކަމަކު އޭނާ ފާހަގަކުރެއްވީ، ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔައިރު، މިހާރު އެމަނިކުފާނާ އެންމެ އަރިސްކޮށް ތިއްބެވި ވަކީލުން ކޮންމެ ފަހަރަކު ހުށަހަޅުއްވާ 300-400 ސަފްހާގެ ރިޕޯޓުން ހިފުނު ބޭނުމެއް ނެތް ކަމެވެ.

"ޔާމީނަށް ލުޔެއް ލިބުނިއްޔާ ލިބުނީ ކޯޓުގައި އެމަނިކުފާނު ދެއްކެވި ވާހަކައިން. ވަކީލުންގެ ވާހަކައިން ލިބުނު އެއްވެސް ކުރިއެރުމެއް ނެތް،" ކުރީގެ ނައިބު ރައީސް އަދި މިހާރު ޔާމީންގެ އަރިހުގައި އެންމެ އިސްކޮށް ހުންނަވާ ޑރ. މުހައްމަދު ޖަމީލަށް އިޝާރަތްކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށްޓަކައި ޕީޕީއެމް/ޕީއެންސީގެ އިސް ވެރިން ކުރެއްވި މަސައްކަތް، އޭރު ޖަލުގައި ހުންނެވި އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ އޮންނާނީ ދެ ގޮތެކެވެ. އެއީ، ޔާމީންއާ ބައްދަލުކުރައްވާ ވަކީލުން ވިދާޅުވާ ވާހަކައަކާއި އާއިލާގެ މެމްބަރުން ބުނެދޭ ވާހަކަތަކެވެ. ލީޑާޝިޕުން އެއްވެސް ކަމެއް ނުކުރާ ކަމަށް މިއަދު ޔާމީން ވިދާޅުވާއިރު، އޭގެ އެއް ސަބަބަކީ އެ މަސައްކަތް ވާކީލުންނާއި އާއިލާގެ ބޭފުޅުން ޔާމީނަށް ކިޔައި ނުދިނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޕީއެންސީގެ ލީޑަރުޝިޕުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް (ވ) އާއި އަބްދުއްރަހީމް (ފޮޓޯ ދައުރު/އަޒްމީ)

"އަނެއް ސަބަބަކީ ސިޔާސީ ބޭނުމަކަށްޓަކައި ޔާމީން ހަމަ ކަނޑައެޅިގެން [އެހީނުވާ ކަމަށް] ބުނުން،" އޭނާ ވިދާޅުވި އެވެ.

އިއްޔެ މެންދުރު ބޭއްވި އެ ފޯރަމުގައި، ޝުޖާއު އާއި އާދަމް ޝަރީފްގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއިި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި އިތުރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ހުރިހާ ބޭފުޅުން ވެސް ކުރެއްވީ އެއް ޝަކުވާއެކެވެ. ޔާމީނަށްޓަކައި އެ ބޭފުޅުން ވެވަޑައިގެންނެވި ގުރުބާނީ އާއި އޭގެ އަގުވަޒަން ނުކުރައްވައި، ޔާމީން މިހާރު އެހެން ބައެއް މާ އަރިސް ކުރައްވައިގެން އުޅުއްވުމެވެ.

އެގޮތުން ޔާމީންގެ ޑރ. ޖަމީލާއި ކުރީީގެ ޓެކްނޮލަޖީ މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނާ އެކު ޔާމީން ކުރިއަށްދާ މިސްރާބާ ގުޅޭ ގޮތުން ވެސް ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެން ރައީސް ޔާމީނަށް ވަރަށް އިހްތިރާމް ކުރަން. އަޅުގަނޑުމެން އަދިވެސް ގަބޫލުކުރަނީ އެއީ ވަރަށް ވަރުގަދަ ވިޝަނަރީ ލީޑަރެއް ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެކަމަކު ޔާމީން ވިސްނައިވަޑައިގަންނަވަން ޖެހޭ، މިހާރު ކުރިއަށް އެ ވަޑައިގަންނަވާ ގޮތުން ސިޔާސީ ކުރިމަގެއް ފެނިވަޑައިގަންނަވާނެތޯ."

ކޮމެންޓް (2)

ޕާޕާ

8 އޭޕްރީލު 2024
ހުސް ޔާމީނަށް ދޯކާ ދިން މީހުން.
1 1

ޖިމަންނަ

8 އޭޕްރީލު 2024
ނުހައްގު ހުކުމުގައި ކިތައްވަނަ ދުވަސްތޯމީ؟ ފުރަތަމަ ކުރަންބުނި ކަންކަން ހަދާންނެތުނީތޯ؟ ޙައްޤު ހުކުމަކަށް ވެރިކަން ލިބުނީމާ ބަދަލުވީތޯ. ހުސްގޮނޑި ކޮބާތޯ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް