އެއާޕޯޓްގެ އާ ޓާމިނަލް ބިލްޑިން، ހުޅުލެ، 5 އެޕްރިލް 2024. މި ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހިމެނޭ. އަދި 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ. (ދައުރު ފޮޓޯ/ އަލީ ރަފީގު)
ޑްރަގު ލަގެޖެއް ވަގަށް ބޭރު ކުރަން އުޅުނު ކަމުގެ ތުހުމަތަށް އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި
ޑްރަގު ހުރި ލަގެޖެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. މިކަމުގެ މޭސްތިރިޔާ ކަމަށް ތުހުމަތުވާ މުވައްޒަފު ކޯޓުން ވަނީ މިއަދު ދޫކޮށްލައިފަ އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު މެދު ތެރޭ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މި މައުލޫމާތު ހާމަ ކުރީ، މިރޭ ފުލުހުންގެ މީޑިއާ ގްރޫޕުގައި 'ދައުރު'ން މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ.
ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު އެ ގްރޫޕަށް ފޮނުވި ޖަވާބުގައި ވިދާޅުވި ގޮތުގައި:
-
މިދިޔަ މަހު 15ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ބޭރު ކުރަން އުޅުނު އެ ލަގެޖްގައި މަސްތުވާތެކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި މެތްގެ 4.5 ކިލޯއަށް ވުރެ ގިނަ ޑްރަގު ހުރި ކަމަށް
-
"އުސޫލުން ބޭރުން" މި ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރު ކުރަން އުޅުމުގެ މައްސަލާގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފައިވޭ
-
އޭގެ އިތުރުން އެ ލެގެޖްއާ ހަވާލުވާން ދިޔަ މީހާ އާއި ޕާކިސްތާން މީހެއް ވެސް މި މައްސަަލާގައި ހައްޔަކޮށްކޮށްފައިވޭ
"މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިޔުމުން މި މައްސަލާގައި ހިމެނޭ އެންމެ އިސް މީހާ ކަމަށް ބެލެވޭ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ދޫކޮށްލާފައިވޭ،" މި މައްސަލާގައި އެއްވެސް މީހަކު ދޫކޮށްލާފައިވޭތޯ އެހި ސުވާލުގެ ޖަވާބުގައި މީޑިއާ އޮފީޝަލް ވިދާޅުވި އެވެ.
ޝަރުތުތަކާ އެކު އޭނާ ދޫކޮށްލާފައި ވަނީ "ކޮންމެވެސް ވަރަކަށް ހެކި" ހުއްޓާ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ފެންމަތިވި މިފަދަ މައްސަލައެއްގެ ހަބަރުތައް
އެނގިފައިވާ ގޮތުގައި މި ލަޖެޖަކީ ޕާކިސްތާން މީހާ އެގައުމުން ރާއްޖެ އައި އިރު ގެނައި ލަގެޖެކެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ، "މިއީ ޖިނާއީ ބޮޑު ތަހުގީގެއް ކުރަމުންދާ މައްސަލައެއް" ކަމަށެވެ.
"އަދި މިކަމުގައި ގިނަ މުވައްޒަފުންތަކެއް ހިމެނޭތީ އެކަން ވަރަށް ސީރިއަސްކޮށް ދަނީ ބަލަމުން؛ މިވަގުތަށް ހިއްސާ ކުރެވެން ހުރި މައުލޫމާތުތަކަކީ އެއީކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ކުރީކޮޅު ވެސް މިފަދަ މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ތަހުގީގު ކުރި އެވެ. އޭރު ފުލުހުން އެ މައްސަލަ ބެލީ، ޑްރަަގު ހުރި ދެ ފޮށި އެއާޕޯޓް ތެރެއިން ގެއްލިގެންނެވެ.