ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ފުލުހުން ޗެކްކުރަނީ: މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ދައުވާކުރާ މީހުން ސަލާމަތްވުން ރާއްޖޭގައި އާންމު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކޯޓުތަކުން ނިންމާ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ތަހުގީގު ދިޔަ ގޮތުގެ ތަފްސީލު ހާމަކުރަން ފަށައިފި

އެ މައުލޫމާތުތައް ހިއްސާކުރަން ނިންމާފައިވަނީ މިދިޔަ މަހު ހޯމް ލޭންޑް އެންޑް ޓެކްނޮލަޖީ މިިނިސްޓްރީން ފުލުހުންގެ ހިދުމަތަށް ދިން ހާއްސަ އިރުޝާދެއްގެ ދަށުން

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ނިމި ކޯޓުން ގޮތެއް ކަނޑައެޅުމުން އެ މައްސަލައިގެ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދިޔަ ގޮތާއި، ތަހުގީގުތަކުގައި ފާހަގަވީ ކަންކަމުގެ ތަފްސީލުތައް ހާމަކުރަން ފުލުހުން ފަށައިފި އެވެ.

ވީ ކިހިނެެއް؟ - އެ ތަފްސީލުތައް ހާމަކުރަން ފަށާފައިވާކަން އިއުލާންކުރީ، 119 ކިލޯގެ ޑްރަގު މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެއީ އެގޮތުން ފުލުހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

ދައުވާކުރި ތިން މީހުންގެ ތެރެއިން އެކެއްގެ މައްޗަށް މިދިޔަ މަހު ކުށް ސާބިތުވި އެ މައްސަލައިގެ ތަހުގީގުތައް ދިޔަގޮތާއި، ޝަރީއަތުގެ މަރުހަލާގައި ފާހަގަވީ ކަންކަމުގެ ތަފްސީލު އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހިއްސާކުރި އެވެ.

ބުނީ ކީކޭ؟ - އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލާގައި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ ޕްރެޒެންޓޭޝަނެއް، ސީންތަކުގެ ފޮޓޯތަކާ އެކު ފުލުހުން ދެއްކި އެވެ.

އެއަށް ފަހު ޗީޕް ސްޕްރިންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 27ގައި ހޯމް ލޭންޑް އެންޑް ޓެކްނޮލަޖީ މިިނިސްޓްރީން ފުލުހުންގެ ހިދުމަތަށް ދިން ހާއްސަ އިރުޝާދުގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން އިރާޝާދު ދީފައިވަނީ:

  • ބޮޑެތި މައްސަލަތަކާ ގުޅިގެން ކޯޓުން ގޮތެއް ނިންމުމަށް ފަހުގައި އެކަމާ ގުޅޭ ތަފްސީލުތައް ދިވެހި ރައްޔިތުންނާ އަދި މީޑިއާތަކާ ހިއްސާކުރަން

"ކުރިއަށް އޮތް ތަނުގައި މިގޮތަށް ކޯޓުތަކުން ނިންމާ މިފަދަ ބޮޑެތި ހުރިހާ މައްސަލައެއްގައި މި އުސޫލުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމަލުކުރެވެމުންދާނެކަން ވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" ކޭސްތަކުގެ މައުލޫމާތު އެގޮތަށް ހާމަކުރަން ފުލުހުންގެ ހިދުމަތަށް އިރުޝާދު ލިބުނު މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ޝާކިރު ވިދާޅުވި އެވެ.

އެ މައުލޫމާތު ހިއްސާކުރާނީ، އޭނާ ވިދާޅުވި ގޮތުން، ޝަރުއީ ކޯޓުތަކުން އެ މައްސަލައެއް ނިންމުމުން ފުލުހުން ބާއްވާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެއަށް ފަހު:

  • ތަހުގީގުތައް ދިޔަ ގޮތުގެ ތަފްސީލު ހިއްސާކުރަން ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާނެ 

  • މައްސަލައިގެ ތަހުގީގުގާއި ޝަރީއަތުގެ މަރުހަލާގައި ފާހަގަވީ ކަންކަން އެ މައްސަލައިގެ ތަހުގީގު ޓީމުން ހިއްސާކުރައްވާނެ

ހޯމް ލޭންޑް މިނިސްޓްރީގެ އިރުޝާދު މިއައީ މަސްތުވާތަކެއްޗާއި މީހުން މެރުން ފަދަ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާ ގިނަ ބަޔަކު ސަލާމަތްވުމަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ހިނގާ ކަމަށް ވެފައި އޮއްވަ އެވެ. ފުލުހުން ބުނާ ގޮތުގައި ސަލާމަތްވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުންނަނީ ހުށައަޅައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް