ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ކ) އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސ. ޖައިޝަންކަރު ނާމް ސަމިޓްގެ ހަވާސާގައި ބައްދަލުކުރައްވަނީ.

ކާބޯތަކެތީގެ ކޯޓާ އިތުރުކޮށްދިނުމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ވަރުގަދަކަން: ޒަމީރު

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ އަވަށްޓެރިންނާ މެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ މަތީގައި އެ ގައުމު ދެމި އޮތް ކަމަށް

ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން އިތުރުކޮށްދިނުމުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ވަރުގަދަކަން ހާމަވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް ؟ - ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިންކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ކޯޓާއަށް %5 އިތުރުކޮށް، ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިއްޔެ ވަނީ އިތުުރުކޮށްދީފަ އެވެ. 

އިންޑިއާ އިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގެ ދަށުން ރާއްޖެއަށް މިފަދަ ދާއިރާތަކުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކޯޓާ ހަމަޖައްސައިންކަމަށްޓަކައި އިންޑިއާ އާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައި ޒަމީރު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • އެކަމުން ދޭހަވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން

  • ކުރިއަށް އޮތް ތަނުގައި ވެސް ވިޔަފާރީ އާއި އިގްތިސޯދީ ގުޅުންތައް ދެމެހެއްޓުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަަ ކޮމިޓްމަންޓް

މި ޕޯސްޓަށް ރިޕްލައިކުރައްވާ ޖައިޝަންކަރު އޭނާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާއިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ އާއި ސަރަަހައްދީ ސަލާމަތާއި، ކުރިއެރުމަށް ގެންގުޅޭ 'ސަގާ' ޕޮލިސީގައި އިންޑިއާއިން ވަރުގަދައަށް ސާބިތުވެ އޮތް ކަމަށެވެ.

ފާހަގަ ކުރެވޭ ކަމެއް - ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރަން ކޯޓާ އިތުރުކުރިކަން އިންޑިއާއިން އިއުލާންކޮށްފައި ވަނީ ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފެށިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވަނިކޮށެވެ.

އެގޮތުން: 

  • ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހައްދަން ޗައިނާގެ ކުންފުންޏަކާ އެކު ވަނީ މަސައްކަތް ފަށާފައި

  • ކާޑުގެ ބާވަތްތައް ގެންނަން ތުރުކީއާ އެކު އެއްބަސްވުމެއް މިހާރު ވަނީ ހަދާފައި؛ އެ އެއްބަސްވުމުގެ ދަށުން ގަން ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ އައުމުގެ މަގުމަތީ

  • އިންޑިއާއިން ބޭސް ގެނައުން ހުއްޓާލައި ސީދާ ޔޫރަޕާއި އެމެރިކާއިން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް