ފިޔާ އަދި އަލުވި ބަސްތާތަކެއް. (ދައުރު ފޮޮޓޯ/އިބްރާހިމް އިފާޒު)

ރާއްޖެ-އިންޑިއާ

ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދީފި

މިއީ ހާއްސަ ހުއްދައެއްގެ ދަށުން 1981 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އަށް އަސާސީ ކާބޯތަކެތި އެކްސްޕޯޓު ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ކަނޑައެޅި ފަހަރު

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހާއްސަ ހުއްދައެއްގެ ދަށުން ކުރިއަށް އޮތް އަހަރަށް ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި އެވެ.

ވީ ކިހިނެއް ؟ - ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ، ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިން އިރު %5 އިތުރުކޮށްދީފައިވާ ކަމަށެވެ.

ތަފްސީލް - މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ. 

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފަ އެވެ. އެގޮތުން: 

  • ހިލަ/ހިލަވެލީގެ ކޯޓާ ވަނީ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައި. މިއީ %25ގެ ކުރިއެރުމެއް

  • އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އިތުރު ދިރުމެއް ލިބޭނެ ކަމެއް ކަމަށް

  • ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ ވަނީ %5 އިތުރުކޮށްފައި

އިންޑިއާގައި ހައްދާ އަދި އުފައްދާ ހަނޑޫ، ހަކުރު އަދި ފިޔާ ބޭރުކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް އިރު ވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެ ތަކެތި އެކްސްޕޯޓް ކޮށްފަ އެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީ އިން އާއްމުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާ އިން މި ތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެ އަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެ އަށް މި ތަކެތި އެކްސްޕޯޓު ކުރާނެ އެވެ.

އިންޑިއާ އިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ ގެ ދަށުން ރާއްޖެއަށް މިފަދަ ދާއިރާތަކުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ފާހަގަ ކުރެވޭ ކަމެއް - ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރަން ކޯޓާ އިތުރުކުރިކަން އިންޑއިާ އިން އިއުލާނު ކޮށްފައި ވަނީ ރާއްޖެއިން އިންޑިއާ އަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވަނިކޮށެވެ.

އެގޮތުން: 

  • ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާގެ ކުންފުންޏަކާ އެކު ވަނީ މަސައްކަތް ފަށާފައި

  • ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް މިހާރު ވަނީ ހަދާފައި؛ އެ އެއްބަސްވުމުގެ ދަށުން ގަތް ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ އައުމުގެ މަގުމަތީ

  • ބޭސް އިންޑިއާ އިން ގެނައުން ހުއްޓާލުމަށްޓަކައި ސީދާ ޔޫރަޕް އަދި އެމެރިކާ އިން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް