ފިތުރު ޒަކާތް ބަލައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރެއް (ފޮޓޯ/މޯލްޑިވްސް ޒަކާތު ހައުސް)

ޒަކާތް

ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 4 މިލިއަން ރުފިޔާ ލިބިއްޖެ

ބަނޑޭރިޕޭ ފިޔަވާ އެހެން އޮންލައިން ޕްލެޓްފޯމުތަކުން ޒަކާތް ދެއްކޭނީ މާދަމާގެ ނިޔަލަށް، ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ

ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެނގުން މުހިންމު - މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެހެން ނަމަވެސް: 

  • ބަނޑޭރިޕޭ ފިޔަވާ އެހެން އޮންލައިން ޕްލެޓްފޯމުތަކުން ޒަކާތް ދެއްކޭނީ މާދަމާގެ ނިޔަލަށް

  • ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ

ތަފްސީލް - ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ 20 ދުވަހު އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ބީއެމްއެލް މެދުވެރިކޮށް އޮންލައިންކޮށެވެ. ބީއެމްއެލްގެ ޕޯޓަލް މެދުވެރިކޮށް 2.2 މިލިއަން ރުފިޔާާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ. މީގެ އިތުރަށް ދެން ޒަކާތް ދައްކާފައިވާ ގޮތަކީ: 

  • މިނިސްޓްރީއަށް - 408،324ރ. 

  • އެމްއައިބީ - 739،219ރ. 

  • ބަނޑޭރި ޕޭ - 317،404ރ. 

  • ދިރާގު - 191،469ރ.

  • އުރީދޫ - 177،310ރ. 

  • ފަހިޕޭ - 380،719ރ. 

އެއީ ޖުމްލަ 4.5 ބިލިއަން ރުފިޔާ އެވެ. 

ޒަކާތް ދެއްކުން ފަސޭހަކޮށްދިނުމަށް އޮންލައިންކޮށް އެކި ޕްލެޓުފޯމުތައް މެދުވެރިކޮށް އެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެެވެ. މީގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓްރީގައި ޒަކާތް ބަލައިގަތުމަށް ހާއްސަކޮށްފައިވާ ކައުންޓަރު ތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު: 

  • އާދައިގެ ހަނޑޫ - 12ރ.

  • ތައިލެންޑް ހުދު ހަނޑޫ - 70ރ.

  • ރަތް ހަނޑޫ - 80ރ.

  • ބާސްމަތީ ހަނޑޫ (އާދައިގެ) - 70ރ.

  • ބާސްމަތީ ހަނޑޫ (މޮޅު) - 100ރ.

  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125ރ.

  • އާދައިގެ ފުށް -10ރ.

  • އާޓާ ފުށް -75ރ.

ފާހަގަކޮށްލެވޭ - މީގެ އިތުރުން ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް އެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން ކުރިއަށްދާނީ  އަމީނިއްޔާ ސްކޫލް ހޯލުގަ އެވެ.

ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ވެސް ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

  • މި މަހުގެ 8ގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރު 1 އިން ހަވީރު 4 އަށް

  • 9 ވަނަ ދުވަހު ހެނދުނު 11 އިން މެންދުރު ފަހު 15:30 އަށް 

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ؛

  • އާދައިގެ ހަނޑޫ

  • ތައިލެންޑް ހަނޑޫ

  • ބާސްމަތީ ހަނޑޫ

  • ރަތް ހަނޑޫ

  • ގޮދަން ފުށް

  • އާޓާ ފުށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް