ހުޅުމާލެ ފަޅުގަައި ސަފާރީތައް އަޅާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ސަފާރީތަކުގައި ޓްރެކިން ޑިވަސް ހަރުކުރުން ލާޒިމުކޮށްފި
ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނީޓާކޮށް ބެލެހެއްޓުމާބެހޭ އުސޫލުގެ ދަށުން އޫރު މަހާއި ބަނގުރާ ހުންނަ ސަފާރީ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކުރުން ލާޒިމު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އިދާރާގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި އެ އުޅަނދުފަހަރަށް އައިސްގޮސް ހަދާ އުޅަނދުތައް މޮނީޓާކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - 2018 ވަނަ އަހަރު އެކުލަވާލާފައިވާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ އުސޫލަށް އިސްލާހު ގެނެސް، ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދެވޭ އުޅަނދުފަހަރާއި ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަންޖެހޭ ތަނަށް ގެންދިއުމަށްޓަކާ އެތަކެތި އުފުލާ އުޅަނދުފަހަރުގެ އިތުރުން އިތުރު އުޅަނދުފަހަރުގައި ވެސް ޓްރެކިން ޑިވައިސް ހަރުކުރުން ވަނީ ލާޒިމްކޮށްފަ އެވެ.
އޭގެ ތެރޭ ހިމެނެނީ
-
ރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު
-
ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު
-
ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު
މި އުސޫލަށް މި މަހުގެ 15 އިން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އުސޫލާ ހިލާފުވާ އުޅަނދުފަހަރަށް ފިޔަވަޅު އަޅާނެ ކަމަށާއި ހުރިހާ އުޅަނދެއްގެ ހަރަކާތްތައް ކަސްޓަމްސް އިން މޮނީޓާ ކުރާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.