ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ދެނީ (ފޮޓޯ/އިމިގްރޭޝަން)

އިމިގްރޭޝަން

ސިޓީތަކާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށަނީ

މާލެއެކޭ އެއްގޮތަށް ހުރިހާ ސިޓީއަކާއި އަތޮޅު ވެރިކަން ކުރާ ރަށެއްގައި އައިޑީކާޑު ދޫކުރަން ފަށަން ވެސް ވަނީ ނިންމާފައި

ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލްތަކުގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ހިދުމަތް އަތޮޅުތަކުގައި ފަށާނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވީ ޕާސްޕޯޓްގެ ހިދުމަތް ރަށްރަށުގައި ދޭން ތައްޔާރުވަމުންދާއިރު އެ ހިދުމަތް ފޯރުކޮށްދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންދާ ކަމަށެވެ.

"މިހާރު ވެސް ސިޓީތަކުންނާއި ބައެއް އަތޮޅު ކައުންސިލްތަކުން ވަރަށް ބޮޑަށް ޝަައުގުވެރިކަން ފާޅުކޮށް އިންތިޒާމުތައް ހަމަޖައްސަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ހުރިހާ ސިޓީއަކުން އަދި ހއ. ދިއްދޫގައި ޕާސްޕޯޓު ދޫކުރާ ކަމަށެވެ.

"ރައީސްގެ ނިންމެވުމާ ގުޅިގެން އަޅުގަނޑުމެން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. މުވައްޒަފުންނެގުމުގެ މަސައްކަތާ ޕާސްޕޯޓް ސެޓްއަޕް ހެދުމުގެ ކަންތައް ކައުންސިލްތަކާ ގުޅިގެން ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

މިއީ އާންމުންނަށް ލުއިފަސޭހަ އަކަށް ދޭން ނިންމި ހިދުމަތްތަކެއް ކަމަށް ޝަމްއާން ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުން ޕާސްޕޯޓް ހެއްދުމަށް އަތޮޅުތެރެއިން މަހެއްގެ މައްޗަށް އެވްރެޖުކޮށް 1،200 އެއްހާ މީހުން މާލެ އާދެ އެވެ.

ޕާސްޕޯޓް ހެއްދުމަށް މާލެ އައިސް ރައްޔިތުން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓްގެ ހިދުމަތް ދޭން ފެށުމުން ރައްޔިތުންގެ އަތުން ދާ ހަރަދު ކުޑަވާނެ ކަން ޝަމްއާން ފާހަގަ ކުރެއްވި އެވެ.

  • އެގޮތަށް މާލެ އަންނަ މީހުން އެވްރެޖުކޮށް 5،000ރ. - 6،000ރ. ހަރަދު ކުރޭ

  • އަހަރެއްގެ މައްޗަށް 77.7 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ހޭދަވޭ

އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ވެސް އަތޮޅުތެރޭ ފަށަނީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ނައިބު އަހުމަދު އާލީ ވިދާޅުވީ މާލެއެކޭ އެއްގޮތަށް ހުރިހާ ސިޓީއަކާއި އަތޮޅު ވެރިކަން ކުރާ ރަށެއްގައި އައިޑީކާޑު ދޫކުރަން ފަށާނެ ކަމަށެވެ.

"ޓާގެޓަކީ މުޅި މަސައްކަތް ނިމިގެންދާއިރު ހުރިހާ ރަށެއް އަދި ސިޓީތަކުގައި މާލެ އެކޭ އެއްގޮތަށް އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ވެސް ގާއިމުވެގެން ދިޔުން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޢާއިދު

29 މާރިޗު 2024
އަލަށް ކުރާކަމެއްތަ؟ ބޮޑުވަރު! މިހާރުވެސް ތިކަން ކުރެއެއް ނޫންތަ؟ ތިމެންނަމެން އިތުރު މިވެނި ރަށްތަކެއްގަ ފަށަނީ އޭ ބުނެބަލަ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް