ރައީސް މުއިއްޒު ތިނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ގދ. ތިނަދޫ

ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ރަސްމީކޮށް ބަދަލުކޮށްފި

ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ރައީސް ދެއްވީ އެ ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިގެންވާ އެންމެހާ ބާރުތައް ލިބުމުގައި ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަން ހައްލުކޮށްފައި

އެންމެ ފަހުން ގދ. ތިނަދޫ ރަށު ކައުންސިލްގެ ނަން ތިނަދޫ ސިޓީ ކައުންސިލްގެ ނަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފަ އެވެ.

ވީ ކިހިނެއް؟ - ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ރައީސް ދެއްވީ، އެކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިގެންވާ އެންމެހާ ބާރުތައް ލިބުމުގައި ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަން ހައްލުކުރުމަށް އެމްޑީޕީގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު އިއްޔެ ތަސްދީގު ކުރެއްވުމަށް ފަހު އެވެ.

ތަފްސީލު - ރައީސް އޮފީހުން ބުނީ މި ބަދަލު ރައީސް ގެންނެވީ އިއްޔެ އިން ފެށިގެން ކަމަށާއި އެކަން އިއުލާން ވެސް ކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްެޕެއިނާ ދިމާކޮށް ތިނަދުއަށް ވަޑައިގެން، ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެފައިވާ ކަމަށް ވިދާޅުވެ، ތިނަދުއަކީ ސިޓީއެއް ކަމަށް އިއުލާން ކުރެއްވި އެވެ.

  • އެއާ އެކު ގާނޫނީ މައްސަލަތަކެއް ފެންމަތިވެ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ނިންމާފައި ވަނީ އަލުން އިންތިހާބު ކުރެވެންދެން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް

  • ގާނޫނީ މައްސަލަތައް ކުރިމަތިވުމާ އެކު، އެމްޑީޕީން ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ހުށަހެޅި

އެނގުން މުހިއްމު - ރައީސް އިއްޔެ ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން؛

  • ސިޓީއެއްގެ ދަރަޖަ ދޭ ރަށެއްގެ ކައުންސިލުގެ ފަސް އަހަރުގެ ދައުރުގެ ބާކީ އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަަމަ، ސިޓީ ކައުންސިލަަކަށް އެ ކައުންސިލް ބަދަލުވާނީ އަލަށް އިންތިހާބުވާ ކައުންސިލަކުން ފެށިގެން ކަމަށް

  • އަދި އެ ކައުންސިލެއްގެ ދައުރުގެ ބާކީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އެއީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވާނެ ކަމަށް؛ އެ އާ އެކު އޭރު އިންތިހާބުކޮށްފައިވާ ރަށު ކައުންސިލް ވެސް ސިޓީ ކައުންސިލަކަށް ބަދަލުވާނެ ކަމަށް 

މިއާ އެކު ތިނަދޫ ކައުންސިލްގެ ރައީސަކީ މިހާރު ތިނަދޫ ސިޓީ މޭޔަރެވެ. އެ ކައުންސިލްގެ މެންބަރުންނަކީ ސިޓީ ކައުންސިލްގެ މެންބަރުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް