އިސްލާމް ދީނާ ހިލާފު ލިޔުންތައް އެޅި ދެ ފަތުރުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ (ފޮޓޯ/އެމްވީ ކްރައިސިސް)
ހުޅުމާލޭގައި އިސްލާމް ދީނާ ހިލާފު ލިޔުންތަކެއް ބެހި ދެ ފަތުރުވެރިޔަކު ހައްޔަރުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނަސޯރާދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބެހި ބިދޭސީ ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭ ފޭސް2ގެ ހިޔާ ޓަވަރުތަކުގައި ހުންނަ މެއިލް ބޮކްސްތަކަށް އިސްލާމް ދީނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ދެ އަންހެނެކެވެ.
ތަފްސީލް - އެ ދެމީހުން ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތައް ކައިރީ ހަރަކާތްތެރިވާ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. ކްރިސްޓިއަން ދީނުގެ ލިޔުންތަކާއި ވީޑިއޯތައް ދިވެހި ބަހަށް ތަރުޖަމާކޮށް އެ އެއްޗެހި ފެންނާނެ ލިންކުތައް ހިމެނޭ ކާޑުތަކެއް އެމީހުން ވަނީ މެއިލް ބޮކްސްތަކަށް އަޅައިފަ އެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޖަރުމަނު ވިލާތަށް ނިސްބަތްވާ އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.