ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު އާއިޝަތު ޝިހާމް މިއަދު މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/މަޖިލިސް)

އައިޝަތު ޝިހާމް

ަިއިސްރާފު ހުއްޓާލައިގެން އެހެން ގައުމުތަކުން ވެސް އާސަންދަ ދެވޭނެ: މިނިސްޓަރު

ރާއްޖޭގައި ވިއްކާ ބޭސް މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު 70 ގުނަ ބޮޑު އަގެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި

އާސަންދައިގެ ދަށުން ކުރާ އިސްރާފުތައް ހުއްޓާލެވުމުން ހިދުމަތްދޭ މީހުންގެ އަދަދު މަދުނުކޮށް މިހާރު ހިދުމަތްދޭ ގައުމުތަކުގެ އިތުރު ގައުމުތަކަށް ވެސް އާސަންދައިގެ ހިދުމަތް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ދެވޭނެ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރުން ކުރި ސުވާލުތަކަށް ޖަބާވު ދެއްވަމުންނެވެ. މިނިސްޓަރު ހާޒިރުކޮށްފައި ވަނީ ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ހަމަޖައްސާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީވެ، އެކަމާ ގުޅޭ ގޮތުން ބައެއް ކަންކަން ސާފު ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ހުށަހެޅުމަކަށެވެ.  އޭގެ ތެރޭގައި ހިމެނެނީ:

  • އެ ދެ ގައުމުން އާސަންދަ ލިބޭނީ ކޮން ހިދުމަތަކަށްތޯ ސާފުކުރުމަށް

  • މިހާރު އިންޑިއާއިން ލިބޭ ހިދުމަތްތައް އެއަށް ވުރެ އަގުބޮޑުކޮށް ހޯދުމަށް ޔޫއޭއީ އާއީ ތަލެންޑަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ ބެލުމަށް

  • އޭގެ އިތުރުން މިހާރު އޮތް ބަޖެޓުން މިކަންކަން ހަމަޖައްސާ ނަމަ، ހިދުމަތް ދެވޭ މީހުންގެ އަދަދު ކިހާވަރަކަށް މަދުވާނެތޯ ސުވާލު ކުރައްވާފައިވޭ

ތަފްސީލު - އޭގެ ޖަވާބުގައި މިނިސްޓަރު މަޖިލީހުގައި އިއްވި ބަޔާނުގައި ވިދާޅުވީ މި އަހަރަށް އާސަންދައިން ބަޖެޓްކޮށްފައިވާ ފައިސާގެ ތެރެއިން، ޔޫއޭއީ އާއި ތައިލެންޑުން އެ ހިދުމަތް ދިނުމަށް ސިޔާސަތުތައް އަދި ވެސް ދަނީ އެކުލަވާލަމުން ކަމަށެވެ.  ނަމަވެސް އެ ހިދުމަތް އެ ދެ ގައުމަށް ތައާރަފް ކުރާނެ ތާރީހެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

"މި ބަދަލާއެކު ވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަށް އުނިކަމެއް ނާންނާނެ މިގޮތުން ހިދުމަތް ދޭނެ މޮޑެލްތަކާއި ކަވަަރު ކުރާނެ ހިދުމަތްތަކާ އަދި ހަރަދު ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން. އަދި މިކަން ނިމުމުން މިކަމުގެ ތަފްސިލުތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރެވި، އިއުލާން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

 އޭނާ ވިދާޅުވި ގޮތުގައި މިހާރު އާސަންދަ ނިޒާމް ހިންގަމުން އަންނަނީ ވަރަށް ބޮޑަށް ފައިސާ އިސްރާފު ކުރެވޭ ގޮތަށެވެ. އަދި އެ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ބަދަލުތައް ގެނެވުނީމަ، [އިސްރާފުތައް ހުއްޓާލުމުން] އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިހާރު އާސަންދަ ދޭ ގައުމުތަކުގެ އިތުރުން، އެހެން ގައުމުތަކުގައި ދެވޭނެ ކަމަށް. މިހާރު ހިދުމަތް ލިބޭ ފަރާތްތަކުގެ އަދަދު އެއްގޮތަކަށް ވެސް އުނި ނުވާނެ އަދި އެ ހިދުމަތުގެ ފެންވަރު ވެސް އުނި ނުވާނެ،" މިިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރޮޒައިނާ އާދަމް، މިނިސްޓަރާ ސުވާލު ކުރައްވަނީ

އާސަންދަ އިސްރާފާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ:

  • މިދިޔަ އަހަރު ބަޖެޓުގައި އާސަންދައަށް 1 ބިލިއަން ކަނޑައަޅިއިރު، 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައި

  • 2.3 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަން ހަރަދުކޮށްފައި ވަނީ ބޭސް ގަތުމަށް

"ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާ އިރު 70 ގުނަ ބޮޑު އަގުތަކެއް. އަދި ދުނިޔޭގެ ބާޒާރުގައި ބޭސް ލިބެން ހުންނަ އަގުތަކަށް ވުރެ 1.5 ގުނަ ބޮޑުކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ފާހަގަކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

 އަހަރަކަށް އަހަރެއް އަސަންދައަށް ކުރާ ހަރަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ:

  •  2023 ވަނަ އަހަރު ނިމުނު އިރު އާސަންދައިގެ ހަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅައިބަލާއިރު %40 އިތުރުވެފައި ކަމަށް

  • ފާއިތުވި ފަސް އަހަރުގެ ތެރޭގައި އާސަންދަ ސުކީމަށް ހިނގި ހަރަދުތައް އެވްރެޖްކޮށް %61 ވަނީ އިތުރުވެފައި 

"އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ނިސްބަތުން، މުޅި ޖުމުލަ ގޮތެއްގައި ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ، ހުރީ ތަރައްގީވެފައިވާ ގައުމުތަކާ ދާދި އެއް މިންވަރެއްގައި. އަދި މިއީ މިސަރަހައްދުގެ ގައުމުތަކާ އަޅާބަލާ އިރު ގާތްގަނޑަކަށް ދެގުނަ ބޮޑު މިންވަރެއް،" ނަމަވެސް އަދިވެސް ދިވެހިން އެދޭ ގޮތަކަށް ސިއްހީ ފަރުވާ ލިބުމުގެ އިންތިޒަމް ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އާސަންދަ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތުން، ވަރަށް ބޮޑެތި އިސްރާފުތަކެއް އެބަހުރިކަން ފާހަގަވޭ

އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސުކީމަށް ވެސް ބަޖެޓުކޮށްފައިވަނީ 1 ބިލިއަން ރުފިޔާ. ނަމަވެސް އާސަންދައަށް ނިމިދިޔަ 2023 ވަނަ އަހަރު ވެސް 2.3 ބިލިއަން ރުފިޔާ ހިނގާފައިވާ އިރު، މީގެ ތެރެއިން 1 ބިލިއަނަށް ވުރެ ގިނައިން ހަރަދުކުރެވިފައިވަނީ ބޭހަށް 

ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު 70 ގުނަ އަގުތަކެއް. އަދި ދުނިޔޭގެ ބާޒާރުގައި ބޭސް ލިބެން ހުންނަ އަގުތަކަށް ވުރެ ދޮޅު ގުނަ ބޮޑުކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައި

އަހަރަކަށްވުރެ އަހަރެއް، އާސަންދައަށް ކުރާ ހަރަދު ބޮޑުވަމުން ގޮސްފައިވާއިރު، 2023 ވަނަ އަހަރު ނިމުނު އިރު އާސަންދައިގެ ހަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅައިބަލާއިރު %40 އިތުރުވެފަ އެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އާސަންދަ ސުކީމަށް ހިނގި ހަރަދުތައް އެވަރެޖްކޮށް %61 ވަނީ އިތުރުވެފައި 

އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ނިސްބަތުން، މުޅި ޖުމުލަ ގޮތެއްގައި ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ، ހުރީ ތަރައްގީވެފައިވާ ގައުމުތަކާއި ދާދި އެއް މިންވަރެއްގައި. (7.6% ޖީޑީޕީ)

އަދި މިއީ މިސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ގާތްގަނޑަކަށް ދެގުނަ ބޮޑު މިންވަރެއް

އެހެންނަމަވެސް، ރާއްޖޭގެ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައެއް ނުވާކަމަށް އެންމެންވެސް ގަބޫލުކުރޭ

އެއީ ދިވެހީންގެ ބޭސްފަރުވާއަށް މިހާ ބޮޑު ހޭދައެއް ކުރާއިރުވެސް، ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމުގައިވާ މީހާ އާއި އާއިލާ ސޯޝަލް މީޑިއާގައި ބޭސްފަރުވާ ހޯދުމަށް މާލީ އެހީއަށް އެދެމުންދާކަން މިހާރު ވެސް ފާހަގަކުރެވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް