ފުވައްމުލަކު ތުނޑީގައި މީހުން މާހިބުން ދުއްވަން ގޮސް މޫދަށް އެރެނީ، ހުކުރު، 1 އޭޕްރިލް 2022 (ފޮޓޯ/ ސާރިމް ފޮޓޯސް/ފުވައްމުލައް)

ފުވައްމުލައް

ފަތުރުވެރިޔާ އަތުުން ވައްކަން ކުރުން: ޓޫރިޒަމަށް އަސަރުކުރާނެތީ ކައުންސިލްގެ ކަންބޮޑުވުން

ކައުންސިލުން ބުނީ އާންމު ތަންތަނުގައި އަގުބޮޑެތި ސާމާނު ނުބެހެއްޓުމަށް ފަަތުރުވެރިން ހޭލުންތެރި ކުރަން ގެސްޓުހައުސްތަކާ ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށް

ފަތުރުވެރިކަމުގައި ފުވައްމުލަކަކީ ރާއްޖޭގެ ބްރޭންޑަކަށް ހަދަން އެ ރަށުގެ ކައުންސިލުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަނިކޮށް އެ ރަށަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ އަތުން އަގުބޮޑެތި މުދާތަކެއް ވަގަށް ނެގި ހާދިސާއެއް ފެންމަތިވުމުން ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކަށް ގޮސް އުޅުނު ބްރެޒިލް ފަތުރުވެރިއެއްގެ އަތުން ޑްރޯންއަކާއި ފައިސާތަަކެއް އިއްޔެ ނެގި ވައްކަމުގެ ހާދިސާ ހިނގި ގޮތް ފަތުރުވެރިޔާ ކިޔައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ތަފްސީލް - މި މައްސަލައާ އެކު ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ފުވައްމުލައް އިޝްތިހާރު ކުރުމަށް ކައުންސިލުން ކުރާ މަސައްކަތަށް މީގެެ ސަބަބުން ގޮންޖެހުން ކުރިމަތިވެދާނެކަން ކައުންސިލުން ގަބޫލު ކުރެ އެވެ.

"މި ރަށުގައި ވައްކަމަކީ ހިނގާ ކަމެއް. އެހެން ނަމަވެސް ފަތުރުވެރިއެއްގެ އަތުން މިގޮތަށް ވައްކަން ކުރީމާ އެ ވާހަކަ ފެތުރި ފަތުރުވެރިކަމަށް އަސަރު ކުރާނެ،" ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮނޑުދޮށް ފަދަ އާންމު ތަންތަނުގައި އަގުބޮޑެތި ސާމާނު ނުބެހެއްޓުމަށް ފަަތުރުވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ގެސްޓުހައުސްތަކާ ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ފުލުހުންނާ ގުޅިގެން ކުށުގެ ވެށި ރަނގަޅު ކުރަން ވެސް މަސައްކަތް ކުރާނަން. ޓޫރިސްޓް ޕޮލިސް ތައާރަފު ކުރުމާއި މަގުތައް އަނދިރިކޮށް ހުރުން ފަދަ ކަންކަން ހައްލުކޮށް ފަތުުރުވެރިން ހޭލުންތެރި ކުރުން ވެސް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ފުވައްމުލަކަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެންގުޅުނު ޑްރޯން އަކާއި އޭނާގެ ދަބަސްތަކެއް ވަގަށް ނެގި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އިއްޔެ ބުނެފައިވަނީ އެކަމުގައި ޝާމިލުވާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

ފަތުރުވެރިޔާ ބުނެފައިވާ ގޮތުން އޭނާ ބީޗުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ސާމާނުގެ ތެރޭގައި އޭނާގެ ޑްރޯން އާއި ފޯނުގެ އިތުރުން ކްރެޑިޓް ކާޑުތަކާއި 1،500ރ. އާއި 200 ޑޮލަރު ހިމެނެ އެވެ.

  • މޫދަށް ފޭބުމުގެ ކުރިން ޑްރޯން ދުއްވަން ހުއްޓާ، ދެ ފިރިހެން ކުއްޖަކު އޭނާ ގާތަށް އައިސް ޑްރޯންގެ އަގާއި އެއާ ގުޅޭ އެހެން ސުވާލުތައް ކުރި ކަމަށް ފަތުރުވެރިޔާ ބުނި

  •  އޭނާ ލަފާކުރަނީ އެއީ 15 އަހަރާއި 17 އަހަރުގެ ދެ ދަރިވަރުން ކަމަށް

  • އެ ކުދިންނާ އެކު ދެތިން މިނެޓު ވާހަކަ ދައްކަން ހުރުމަށް ފަހު ޑްރޯން އާއި އޭނާ ގެންގުޅުނު އެހެން ތަކެތި ބީޗުގައި ބެހެއްޓުމަށް ފަހު އޭނާ އެރުނީ މޫދަށް

  • މޫދުގައި ހުއްޓައި، އެ ކުދިން އޭނާގެ ސައިކަލް ނަގާތަން ފެނުނު؛ އެއްވެސް މީހަކު އެ މީހުން ނުހުއްޓުވާ

  • އެއަށް ފަހު ތުވާލި ދަށުގައި އޮތް ޑްރޯން އާއި ބީޗުގައި ބަހައްޓާފައި ހުރި ދެ ދަބަސް ވެސް ވަނީ ނަގައިގެން ގެންގޮސްފައި؛ ދަބަސްތަކުގައި ވޮލެޓާއި ސައިކަލުގެ ތަޅުދަނޑި ފަދަ ސާމާނު ހުންނާނެ

ކޮމެންޓް (4)

ބޭން ޔަހޫދީން

26 މާރިޗު 2024
އިޒުރޭލްގެ މީހުން ރާއްޖެ އައިސް ވާނެހާ އެއްޗެއްވާން ސަރުކާރުން މިއޮތީ ދޫކޮށްލައިގެން. އެމީހުން ރާއްޖޭ އައިސްފިނަމަ ތިއަށްވުރެ ހިތާމަހުރި ކަންކަން ފެންނާނެކަން ޔަގިން.
0 1

ހިތަދޫ 2

26 މާރިޗު 2024
ދުނިޔޭގަ ނޯންނާނެ ވަގުން ނޫޅޭ އެއްވެސް ތަނެއް، މިކަމަށް ތާއީދު ކުރަނީކީ ނޫން އެކަމަކު ފަތުރުވެރިންވެސް ހޭލުންތެރިވާން ވާނެ، ތިކަން ކުރިމީހުން ހައްޔަރު ކުރާނެ ކަމަށް އުއްމީދު ކުރަން.
0 1

އަސްސަމް

26 މާރިޗު 2024
@ހިތަދޫ 2 މީގެ 30 އަހަރު ކުރިން ގައިމު މި ރާއްޖޭގަ މިކަހަލަ ކަންކަން އިންތިހާއަށް މަދު ވާނެ.
0 0

އިސްމާއީލް ރަފީގް

25 މާރިޗު 2024
ފުވައްމުލަކު މީހުން ވައްކަން ކުރާކަން ކައުންސިލުންވެސް ކޮމްފޯރމް ކޮށްދީފި
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް