ގއ. މާމެންދޫގައި މިއަދު ހަވީރު ހިންގި މާރާމާރީ

މާރާމާރީ

މާމެންދޫގެ ކެމްޕޭން ތެރެއިން މާރާމާރީ؛ ދެ ކޮޅުން ވެސް ތުހުމަތު

އެ ހަރަކާތުގައި ބައިވެރިވި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، އިދިކޮޅު ސަޕޯޓަރުން ބުނީ ފުރަތަމަ ހަމަލާދެއްވީ ނަރީޝް ކަމަށް

މިއަދު ގއ. މާމެންދޫގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ބޭއްވި ކެމްޕޭން ހަރަކާތެއްގައި ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ ދެމެދުގައި މާރާމާރީ ހިންގައިފި އެވެ.

ވީ ކިހިނެއް؟ - އެ މާރާމާރީ ހިންގީ ޕީއެންސީގެ ފަރާތުން ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް ދީދީ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ބައިވެރިވުމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވެސް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ބަޔަކު ނަރީޝްއަށް ހަމަލާދިން މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ނަމަވެސް، އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ތަފްސީލު - ނަރީޝަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް، އެމްޑީޕީގެ ސަޕޯޓަރުން ވަނީ ދޮގުކޮށްފަ އެވެ. އެކަން ހިނގިއިރު އެ ތަނުގައި ހުރި އަހްމަދު ވަސީމް ނަމަކަށް ކިޔާ މާމެންދޫ މީހަކު މިރޭ 'ދައުރު'އާ ވާހަކަ ދައްކަމުން ބުނީ، ފުރަތަމަ ހަމަލާދެއްވީ ނަރީޝް ކަމަށެވެ.

އޭނާ ބުނި ގޮތުގައި އިބްރާހިމް ދީދީ އާއި ނަރީޝްގެ އިތުރުން އެފްއެސްއެމްގެ ޑެޕިއުޓީ ސީއީއޯ ވެސް ހިމެނޭ ވަފުދެއް މިއަދު މާމެންދޫއަށް އައީ ޕީއެންސީން ރާވައިގެން ބޭއްވި ރޯދަ ވީއްލުމަކަށެވެ.

"ވީ ގޮތަކީ މި ރަށު ބަނދަރުގައި މި ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ޖަހާފައި ހުރި ބޮޑު ޕޯސްޓަރެއް ހުރެގެން ހަޖަމުނުވީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ތަނުން ހިނގި ހަމަނުޖެހުމުގައި މާމެންދޫގެ ދެ ޒުވާނަކަށް ނަރީޝް ހަމަލާދެއްވި އެވެ.

"ނަރީޝް އައިސް އެ ތަނުން އެކެއްގެ ކަރުގައި ހިފާފައި، ކޮއްޕާލާފައި ބުނީ މި ތަނުން ދާށޭ. ކަލޭމެން ނުޖެހޭނޭ މިތަނުގައި ތިބޭކަށް. ކިޔާފައި މާރާމާރީ ހިިންގީ،" ވަސީމް ބުންޏެވެ.

އަނިޔާ ލިބުނު މީހުންގެ ތެރެއިން ވާހަކަދެއްކި، އާތިފް އާދަމް ބުނީ މިއަދު މެންދުރު އޭނާ ބަނދަރަށް ދިޔައިރު އެމްޑީޕީ ކެންޑިޑޭޓުގެ 40 ވަރަކަށް ފޫޓުގެ ޕޯސްޓަރު ހުރީ ފިޔާތޮށި ކުލައިގެ ފޮތިގަނޑަކުން ނިވާކޮށްފައި ކަމަށެވެ.

ގއ. މާމެންދޫގައި ބަނދަރުގައި ޖަހާފައި ހުރި އެމްޑީޕީ ކެންޑިޑޭޓުގެ ޕޯސްޓަރު ނިވާކޮށްފައި

އެގޮތަށް ހުރުމުން، ޕީއެންސީގެ ކެންޑިޑޭޓު ރަށަށް އައި ވަގުތުގައި އޭނާއާ ސުވާލުކުރި ކަމަށް އާތިފް ބުންޏެވެ.

"އަޅުގަނޑު ބުނިން [އެމްޑީޕީ ކެންޑިޑޭޓު ދެކެ] ބިރުގަންނަނީތޯއޭ، ފަރުދާ ދަމާފައި ހުރީމަ. އެހެން ބުނީމަ ނަރީޝް އައިސް އަޅުގަނޑު ކޮއްޕާލާފައި މިތަނުން ނައްޓާލާށޭ ބުނީ،" އޭނާ ބުންޏެވެ.

އެކަން ހުއްޓުވަން ދިޔަ އެހެން މީހަކަށް ވެސް ހަމަލާދިން ކަމަށެވެ. 

އޭނާ ބުނީ އެ މަރާމާރީ ފުލުހުންނަށް ރިޕޯޓުކުރުމުން، ފުލުހުން އައިސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ފޮޓޯ ނެގި ކަމަށެވެ. އަދި ސިއްހީ މަރުކަޒުން ފަރުވާ ހޯދުމަށް ފަހު މައްސަލަ ކުރިއަށްގެންދާނެ ކަމަށް ބުނި ކަމަށް ވެސް އާތިފް ކިޔައިދިނެވެ.

ގއ. މާމެންދޫގައި މިއަދު ހަވީރު ހިންގި މާރާމާރީގައި އަނިޔާ ލިބުނު އެމްޑީޕީގެ ސަޕޯޓަރެއް

ނަމަވެސް އޭނާ ބުނީ އޭގެ ފަހުން ފުލުހުންގެ ފަރާތުން މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިރޭ 'ދައުރު'އާ ވާހަކަ ދައްކަވަމުން ނަރީޝް ވަނީ އޭނާގެ މައްޗަށް އިދިކޮޅު ސަޕޯޓަރުން ކުރާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން މާމެންދުއަށް ދިޔައިރު ވެސް ޒުވާބު ކުރަމުންދިޔައީ. ބަނދަރުގައި ހުރި އެމްޑީޕީގެ ޕޯސްޓަރެއް ފޮރުވި މައްސަލައިގައި. އެ ޕޯސްޓަރު ޖެހީ ވެސް ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެނީ،" ނަރީޝް ވިދާޅުވި އެވެ.

"އެ ޒުވާބުގައި ތިއްބާ އަޅުގަނޑުމެންނަށް ދެވެނީ. އަޅުގަނޑުގެ ފަހަތުން އައި މީހެއް، އަޅުގަނޑު ގައިގައި ދެ ފަހަރަކަށް ޖެހީމަ މައްސަލަ ގޯސްވީ."

ނަރީޝް ވިދާޅުވީ އެ މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކުރި ކަމަށާއި ފަހުން އޭނާ ދޫކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮމެންޓް (1)

ައެނީ

24 މާރިޗު 2024
މި އެއްކަލަ ލާރިގުނާ މެޝިންދޯ . އާން ، މެޝިން ނުހަދާނެ ދޮގެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް