ދަރުމަވަންތަ ހޮސްޕިޓަލް

ސިވިލް ކޯޓު

ދަރުމަވަންތަ އެޅި ސިންގަޕޫރު ކުންފުންޏަށް 2 ލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފި

އެ ޕްރޮޖެކްޓްގެ ދަށުން މީރާއަށް އެ ކުންފުނިން ދައްކަން ޖެހޭ ޓެކްސްއަކީ ދައުލަތުން ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައެޅި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުންޏަށް 2 ލައްކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ދައުލަތުގެ މައްޗަށް ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ ޖުލައި މަހު ޗަންގް ހުއާ ކުންފުނީގެ ފަރާތުން ދައުލަތާ ދެކޮޅަށް މި ދައުވާކޮށްފައި ވަނީ 1 މާޗް 2016ގައި އެ މަޝްރޫއު 140 މިލިއަން ޑޮލަރަށް (2.2 ބިލިއަން ރުފިޔާ) އޭރުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޖީއެސްޓީ ނުހިމަނާ ގޮތަށް ކަމަށް ބުނެ އެވެ. އެހެންވެ ކޯޓުގައި އެ ކުންފުނިން އެދިފައި ވަނީ:

  • ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ދައްކަން ޖެހޭ ޖީއެސްޓީއަކީ ދައުލަތުން ޒިންމާވާން ޖެހޭ ފައިސާގެ އަދަދުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް

  • އެގޮތުގެ މަތިން، އެ ކުންފުނިން މީރާގެ މައްޗަށް ދައުވާ ކުރުމާ ހަމައަށް ދައްކާފައިވާ ޖީއެސްޓީގެ ތެރެއިން، ދައުލަތުން ޗަންގް ހުއާއަށް ދައްކަން ޖެހި ނުދައްކައިވާ 227،560ރ. އަކީ ދައުލަތުން ޗަންގް ހުއާއަށް ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައެޅުމަށް

  • އަދި އެ ފައިސާ އެ ކުންފުންޏަށް އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް

ތަފްސީލު - ދައުވާ ކުރިތާ އަހަރެއްހާ ދުވަސް ފަހުން ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ހުކުމް ކުރައްވާފައިވާނީ ސިންގަޕޫރު ކުންފުނިން އެދުނު ގޮތަށް، އެ ޕްރޮޖެކްޓާ ގުޅިގެން މީރާއަށް ދައްކަން ޖެހޭ ޓެކްސްއަކީ ދައުލަތުން ޒިންމާވާން ޖެހޭ ފައިސާ ކަމަށެވެ. އަދި ދައުވާ ކުރުމާ ހަމައަށް މީރާއަށް އެ ކުންފުނިން ދައްކާފައިވާ ފައިސާގެ ތެރެއިން ދައުލަތުން ނުދީ ހުރި 227،560ރ. ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

އެ ފައިސާ އެކީ އެއްފަހަރާ ދައްކައި ހަލާސްކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައި ވަނީ ހުކުމް ކުރި ތާރީހުން ފެށިގެން އެއް މަސް ތެރޭގަ އެވެ.

ފަންސަވީސް ބުރީގެ މި އިމާރާތް އެޅުމުގެ ޕްރޮޖެކްޓްގެ ޓެކްސްއަށް އިތުރަށް އަރާ އަދަދެއް ހުކުމަކުން ނޭނގެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ގުޅުންހުރި - މި މަޝްރޫއު ސިންގަޕޫރު ކުންފުންޏާ އޭރު ޔާމީންގެ ސަރުކާރުން ހަވާލު ކޮށްފައި ވަނީ އާންމު ބިޑަކަށް ނުގޮސް، މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްގެނެވެ. އެހެންވެ އޭރު ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެ، މަޝްރޫއު ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން ވެސް ފާޑުކިޔެވެެ. އަދި:

  • އެކަން އޭރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބެލުމަށް ފަހު ނިންމީ ކޮރަޕްޝަނެއް ނެތް ކަމަށް 

  • އޭގެ ފަހުން އާ ސަރުކާރާ އެކު ކޮމިޝަންގެ މެމްބަރުން ބަދަލުވެ، އަލުން އެ މައްސަލަ ބެލި ނަމަވެސް ފަހުން އެ މައްސަލައަށް ވީ ގޮތެއް ނޭނގެ 

  • އޭރު 'މިހާރު' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗަންގް ހުއާ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، ސިނާމަލާ ބްރިޖު އެޅި ޗައިނާގެ ސީސީސީސީގެ ސަބްސިޑަރީ ކުންފުނި ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން އެއަށް ވުރެ ކުޑަ އަގެއް ކަމަށްވާ 53 މިލިއަން ޑޮލަރު (821 މިލިއަން ރުފިޔާ) ހުށަހަޅާފައި ވަނިކޮށް

  • އެއީ ޗަންގް ހުއާ ކުންފުނިން ހުށަހެޅި އަގަށް ވުރެ 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ކުޑަ އަގެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް