ވައިކަރަދޫގައި ރޭ ކުރި މުޒާހަރާގެ ތެރެއިން

ކަރަންޓު

ވައިކަރަދޫ 'ކަނު އަނދިރީގައި، އޮންނަތާ ފަސް ދުވަސް؛ އާންމުންގެ ކެތްތެރިކަން ކޮޅުންލައިފި

އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވީ ބޭނުން ކުރަމުން އައި ދެ ޖެނެރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު ގޮވުމާ ގުޅިގެން

ހދ. ވައިކަރަދޫން 24 ގަޑިއިރަށް ކަރަންޓް ލިބުން ހުއްޓި، ކަރަންޓް ކެނޑޭތާ ފަސް ދުވަސްވެފައިވާ އިރު، ރަށުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވައިކަރަދުއަށް ކަރަންޓް ދެމުން އަންނަ އެ ރަށު ފެނަކަ ބްރާންޗްގެ ޖެނެރޭޓަރެއް ހަލާކުވެ، ރަށުން ކަރަންޓް ކެނޑެން ފެށީ މިދިޔަ އާދިއްތަ ދުވަހުންގެ ރޭގަ އެވެ. އޭގެ ފަހުން، މިހާރު އެ ރަށަށް ކަރަންޓް ދެމުން އަންނަނީ އެކި ސަރަހައްދުތަކަށް ގަޑި ބަހައިގެން ވަކި ތާވަލެއްގެ ދަށުންނެވެ.

އެކަމާ އާންމުން ރޭ 12 ޖަހަންދެން ވެސް މުޒާހަރާކޮށްފައިވެ އެވެ.

ތަފްސީލު - ވައިކަރަދޫ ކައުންސިލްގެ މެންބަރު އައިޝަތު ހަނީފާ މިއަދު 'ދައުރު'އަށް ވިދާޅުވީ، އަދިވެސް އެ މައްސަލަ ހައްލުނުވާ ކަމަށެވެ. އަދި ރަށުގައި ބޭނުން ކުރަމުން އައީ ވަރަށް ދުވަސްވީ ދެ ޖެނެރޭޓަރު ކަމަށާއި ހަލާކުވެފައި ވަނީ އެއިން އެއް ޖެނެރޭޓަރު ކަމަށް ހަނީފާ ވިދާޅުވި އެވެ.

"އަސްލު ރޯދަމަސް ވީމަ އާއި ހޫނު ގަދަ ދުވަސްވަރަށް ވުމުން ލޯޑް ބޮޑުވެގެން ނުހިފެހެއްޓުނީ. އެހެންވެ މިހާރު ޓައިމް ޓޭބަލްއަކަށް ވަކި ގަޑިތަކަކަށް އެންމެނަށް ވެސް ހަމަހަމައަށް ކަރަންޓް ލިބޭ ގޮތަށް ދެމުން ގެންދަނީ،" ހަނީފާ ވިދާޅުވި އެވެ.

"މިހާރު ފަސް ވަރަކަށް ދުވަސް މިވީ ކަނު އަނދިރީގައި އޮންނަތާ. ރަށުގެ ކޮންމެވެސް ދެ ހިސާބެއް އޮންނާނެ އަނދިރީގައި، އެއް ހިސާބަކަށް ކަރަންޓު ދީފިއްޔާ އަނެއް ދެ ހިސާބު އޮންނަނީ އަނދިރީގައި."

ހަނީފާ ވިދާޅުވި ގޮތުގައި ރޯދަމަސް ކަމަށް ވެފައި، އާންމުންނަށް ކަރަންޓު ފަދަ އަސާސީ ހިދުމަތެއް ރަނގަޅަށް ނުލިބި ހަފްތާއެއްހާ ދުވަސް ނެގުމަކީ އެންމެންގެ ވެސް ކަންބޮޑުވުމެކެވެ.

"ރޯދަމަސް ތެރެ މި ދަނީ. އަޅުގަނޑުމެންގެ އެދުމަކީ ވީހާ ވެސް އަވަހަކަށް މިކަމުން އަރައިގަނެ، ސަރުކާރުގެ ތެރެއިން މިކަމަށް ލުޔެއް ހޯދައިދިނުން،" ހަނީފާ ވިދާޅުވި އެވެ. 

މިއަދު ހަވީރު ވެސް އާންމުން ވަނީ މިކަމުގައި މުޒާހަރާ ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ވައިކަރަދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރު ޝަހީދާ މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޖެނެރޭޓަރު ހަލާކުވުމަށް މެދުވެރިވެރިވީ މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ރަނގަޅަށް އިންޖީނު ނުބެލެހެއްޓުމުންނެވެ. އެހެންކަމުން މިއީ ކުރީގެ ސަރުކާރުގައި، އެ ބްރާންޗް ހިންގަން ތިބި މީހުންގެ އިހުމާލުގެ ސަބަބުން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ބުނަން ޖެހޭ ސަބަބަކީ، 2020 ވަނަ އަަހަރު [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި ރަށަށް ދިން 250 ކިލޯވޮޓްގެ ޖެނެރޭޓަރު އިންސްޓޯލްކުރުމަށް ފަހު، އޭތި ގޮވުމާ ހަމައަށް އޭގެ އެއްވެސް ސާވިސްއެއް ކޮށްފައި ނެތް ކަމަށް އޭތި ސާވިސްކުރަން އައި ދެ އިންޖިނިއަރުން އެ އޮތީ ލިޔުން ދީފައި،" މީގެ ދެ މަސް ކުރިން އެ ބްރާންޗްގެ މެނޭޖަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަހީދާ ވިދާޅުވި އެވެ.

"ދެން އެހާ ދުވަސް ވަންދެން ސާވިސްނުކޮށް، އެންމެ ދުވަހަކު ވެސް ރެސްޓެއް ނުދީ، ހަތަރު އަހަރު ވަންދެން ހިންގީމާ އެ ހުރީ ހިންގިފަތާ. އެހެންވީމަ، މަރާމާތުނުކޮށް ހިންގީމަ ޖެނެރޭޓަރު ހަލާކުވީ."

ވަައިކަރަދޫގައި ކަރަންޓް ދިނުމަށް ހަދާފައިވާ ތާވަލް

ޝަހީދާ ވިދާޅުވި ގޮތުގައި ކަރަންޓްގެ މައްސަލަ ރަށުގެ ބައެއް ރައްޔިތުން އުޅެނީ "ސިޔާސީ ކޮށްލައިގެން"ނެވެ. ނަމަވެސް މިއަދު މި ހިސާބަަށް އަންނަން ޖެހުނީ މިދިޔަ ފަސް އަހަރު އެ ރަށުގެ ކަރަންޓް މައްސަލަ އެމްޑީޕީގެ ސަރުކާރަށް ހައްލު ނުކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަށްސަތޭކެއްހާ މީހުން ދިރިއުޅޭ ވައިކަރަދޫގައި އޮންނަނީ %100 އިދިކޮޅު އެމްޑީޕީގެ ކައުންސިލެކެވެ.

ޝަހީދާ ވިދާޅުވީ ފެނަކަ ހެޑް އޮފީހުން އާ ޖެނެރޭޓަރެއް މިހާރު ގެނެސްފައިވާ ކަމަށާއި އޭތި އެ ރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރަށަށް ޖެނެރޭޓަރު ފޮނުވުމަށް [ހެޑް އޮފީހުން] ބަޔަކާ ހަވާލުކޮށްފައި ކަމަށް މައުލޫމާތު ލިބެނީ. މިހާރު ދެ ދުވަހެއް ވެއްޖެ. ދެން އެ ހަވާލުވި ބަޔަކަށް އެ ގެންނާނެ އެއްޗެއް ނުލިބިގެން ލަސްވަނީ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

މިއަދަކީ ބަންދު ދުވަހެއް ނަމަވެސް ހެޑް އޮފީސް ހުޅުވައިގެން ރަށަށް ޖެނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކޮށްދޭނެކަމުގެ ޔަގީން އެ އޮފީހުން ރޭ ދީފައިވާ ކަމަށް ވެސް ޝަހީދާ ވިދާޅުވި އެވެ. 

"ހަވާލުވި ފަރާތަށް މިއަދު ޖެނެރޭޓަރު ލޯޑް ނުކުުރެވޭ ކަމުގައިވާ ނަމަ، ކޮންމެވެސް އެއްގޮތަކުން ވިޔަސް ފޮނުވައިދޭނެ ކަމަށް [ހެޑް އޮފީހުން ބުނެފައި ވަނީ]. ޖެނެރޭޓަރު ރަށާ ހަމައަށް އައުމާ އެކު 12 ގަޑިއިރު ތެރޭ ކުރަން ޖެހޭ ކަންކަންކޮށް، ކަރަންޓް ދޭ ގޮތަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކަ ހެޑް އޮފީހުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

މަގޭ

23 މާރިޗު 2024
މިދިޔަ ފަސް އަހަރު ދުވަހު ވެސް ފެނަކައިގަ ހުރީ މިއަދާ ހަމައަށް ހުރި މުވައްޒަފުން. ޢިންޖީންގެ ސާވިސްކުރުމާ އިސްކޮށް ހަވާލްވެހުރީ އޭރުވެސް މިހާރުވެސް ޕީޕީއެމްެއަށް ނިސްބަތްވާ ބޭފުޅެޢް. ވީމާ ތިކަން މިއަދު ސިޔާސީ މީހަކަށް ހިންގުން ލިބުނީމަ ސިޔާސީ ކުރެވޭކަށް ނެތް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް