ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ބައި މަހެއް ތެރޭ ނިމޭނެ. (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ގުޅިފަޅު

ގުޅިފަޅު ހިއްކުމުގެ ފުރަތަމަ ބައި މަހެއް ތެރޭ ނިމޭނެ: މުއްތޮލިބު

މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް، ރައީސް މުއިއްޒު އިއުލާނު ކުރެއްވި 85 ހެކްޓަރުގެ ބިން ހިއްކުން ފަށާނީ އޭގެ ފަހުން ކަމަށް

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކޮށްފައިވާ މަޝްރޫއު ކުރިއަށް އޮތް މަހެއް ތެރޭ ނިމޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިތުރު 85 ހެކްޓަރު ހިއްކުމުގެ މަޝްރޫއު ފަށާނީ އޭގެ ފަހުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ބޮސްކާލިސްއާ މިހާރު ހަވާލުކޮށްފައިވާ މިންވަރަށް ކުރިއަށް އޮތް މަހެއް ތެރޭ ބިން ހިއްކާ ނިންމޭނެ ކަމަށެވެ.

"ރައީސް ފަހުން އިއުލާނު ކުރެއްވި [އިތުރު] 85 ހެކްޓަރުގެ ބިން ހިއްކުމަށް. އެއީ މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ ތެރޭ ހިމެނޭ މަސައްކަތެއް ނޫން ވީމާ، މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ މަސައްކަތް ނިމުނީމާ އިތުރަށް ހިއްކަން ޖެހޭ ބައި ހިއްކުމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި ހަ މަސް ތެރޭ އެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.

"މި މަސައްކަތާ ގުޅިފަވޭ ތިލަމާލެ ބްރިޖު މަސައްކަތް ވެސް. ގުޅިފަޅުގެ އިރުން ހުޅަނގަށް ދިގު މަގެއް އޮންނާނެތީ އެ ބައި އަޅުގަނޑުމެން ކޮންޓްރެކްޓަރާ ހަވާލު ކުރަން ޖެހޭ. ބިން ހަވާލުކުރެވެން އަންނަނީ ހިއްކާފައި އޮތް ސަރަހައްދުގައި ޝޯ ޕްރޮޓެކްޝަން ނިންމާލެވިގެން،" އޭނާ ވިދާޅުވި އެވެ.

މަގު ހަދަން ބޭނުންވާ ބިން ވެސް މި އަހަރު ތެރޭ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއާ ހަވާލުކުރެވޭނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު:

  • އަމަލީ މަސައްކަތް ފެށީ މިދިޔަ އަަހަރުގެ 2 ޖުލައިގައި

  • އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)އަށް

  • އެ ތަނުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކުރީ ސަރުކާރުން ވަނީ ނިންމާފައި

  • އެ ތަނުން އިތުރު ބިން ހިއްކަން ނިންމާ ރައީސް މުއިއްޒު އެކަން އިއުލާނު ކުރެއްވީ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް