އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ މިއަދު މަޖިލީހުގައި ސުވާލުކުރުމުގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

ތައުލީމު

އޯލެވެލްގެ ޓާގެޓަކާ ހަމައަށް ނުދެވޭ؛ ކުދިން ފާސްވާ ނިސްބަތް ދަށް: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މި ނަތީޖާ ބަދަލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް

އޯލެވެލް އިމްތިހާނުގައި ކަނޑައަޅާފައިވާ ލަނޑުދަނޑި އަކީ ފަސް މާއްދާއިން ނިސްބަތްވާ ދަރިވަރުންގެ އަދަދު %65 އަށް މަތިވުން ކަމަށް ވިޔަސް އެ ޓާގެޓާ ހަމައަށް ވާސިލް ނުވެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ރާއްޖޭގައި ރައްޔިތުންގެ ކުރިއެރުމަށާއި މީހުން ބިނާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ދޭ ތައުލީމުގެ ފެންވަރު ދަށްވުން ކަމަށް ވޯލްޑް ބޭންކް އިން ވަނީ ބުނެފަ އެވެ.

ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ތައްޔާރުކުރާ ހިއުމަން ކެޕިޓަލް އިންޑެކްސް (އެޗްސީއައި)ގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެޗްސީއައި ހިސާބުކޮށް، ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި:

  • އެވަރެޖްކޮށް ރާއްޖޭގައި މީހުން 12.4 އަހަރު ވަންދެން ތައުލީމު ހާސިލްކުރޭ

  • ނަމަވެސް، ތައުުލީމުގެ ފެންވަރަށް ބަލާއިރު އެއީ 8.17 އަހަރު ވަންދެން ތައުލީމް ހާސިލްކުރުމާ އެއްފަދަ

  • އެހެންކަމުން، ފެންވަރު ދަށްވުމުގެ ސަބަބުން ތައުލީމުގެ 4 ވަރަކަށް އަހަރު ބޭކާރުވޭ

ރާއްޖޭގެ އެޗްސީއައި ސްކޯއަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ، ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުންނެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުގެ މި ވާހަކަތަކާ ގުޅޭ ގޮތުން މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގައި، އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވެސް ވަނީ ތައުލީމީ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - ޝަފީއު ވިދާޅުވި ގޮތުގައި، ބައިނަލްއަގްވާމީ ކަރިކިއުލަމަށް، ޔުނިވާސަލް ލެވެލްއަށް ރާއްޖޭގައި ކިޔަވައިދޭން ފެށި ނަމަވެސް ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ތައުލީމީ ފެންވަރު ދަށްވުމުގައި މިނިސްޓަރު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ، އޯލެވެލް އިމްތިހާނުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ ހަމައަށް ވާސިލް ނުވެވުމެވެ.

"ހަގީގަތުގައި، ފަސް މާއްދާއިން ފާސްވާ ނިސްބަތް %65އަށް ވުރެ މަތި ވާން ޖެހުނު ނަމަވެސް ހަގީގީ މާނައިގައި އެހާ ހަމައަށް ވާސިލެއް ނުވެވޭ. އެއީ ވޯލްޑް ބޭންކުން ފާހަގަ ނުކުރި ކަމުގައި ވިޔަސް، ޑާޓާތަކަށް އެކަނި ބަލާލިޔަސް އަޅުގަނޑުމެންނަށް އެނގޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ނަތީޖާއާ ގުޅިގެން ދަރިވަރުންގެ ތައުލީމީ ފެންވަރަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގައުމީ ލެވެލްގައި މަސައްކަތް ކުރަން ޖެހޭ ކަމެއް،" ޝަފީއު ވިދާޅުވި އެވެ.

އޯލެވެލްގެ ލަނޑުދަނޑިއާ ހަމައަށް ވާސިލް ނުވި ނަމަވެސް، ރާއްޖެއަކީ ތައުލީމީ ގޮތުން މި ސަރަހައްދުގެ އެހެން ގައުމުތަކާ ބަލާއިރު ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ބައިނަލްއަގްވާމީ ކަރިކިއުލަމަށް، ޔުނިވާސަލް ލެވެލްއަށް ކިޔަވައިދޭ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް

  • ބައިނަލްއަގްވާމީ ކަރިކިއުލަމަށް، އޭލެވެލް އާއި އޯލެވެލް ބައްޓަންކޮށްގެން ކިޔަވައިދޭ ގައުމުތައް މި ސަރަހައްދުގައި މަދު

  • 'ޔުނިވާސަލް ގޯލް އޮފް ޕްރައިމަރީ އެޑިއުކޭޝަން'ގެ ލަނޑުދަނޑި މި ސަރަހައްދުން އެންމެ ފުރަތަމަ ހާސިލް ކުރި ގައުމަކީ ވެސް ރާއްޖެ، އަދިވެސް އެ ލަނޑުދަނޑި ހާސިލް ނުކުރެވޭ ގައުމުތައް މި ސަރަހައްދުގައި އެބަހުރި

އެނގުން މުހިއްމު - އޯލެވެލް އާއި އޭލެވެލްގެ ޖުމްލަ ނަތީޖާ ދަށްވި ނަމަވެސް، މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން ދުނިޔޭގެ ގަދަ ދިހައެއްގެ ވަނަތަކުގައި ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ދަރިވަރުން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް