ވީއައިއޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި މަގުތައް ބެލެހެއްޓުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރުން (ފޮޓޯ/އެމްއޭސީއެލް)

ވީއައިއޭގެ މަގުތައް ހަދައި ބަލަހައްޓަން އާރުޑީސީއަށް

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި މަގު ބޭނުންކުރާ މީހުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ފަސޭހަވެގެން ދާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަގުތައް ހަދައި ބެލެހެއްޓުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑިސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓުގެ މަގުތައް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އާރުޑީސީއާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން:

  • އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު

  • އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު

ވީއައިއޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި މަގުތައް ބެލެހެއްޓުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރުން (ފޮޓޯ/އެމްއޭސީއެލް)

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، އެއާޕޯޓުގެ ލޭންޑް ސައިޑުގެ މަގު ހަދައި މަގުތަކުގެ މަރާމާތުކޮށް، ރީސާފޭސް ކުރުމުގެ މަސައްކަތް އާރުޑީސީން ކުރާނެ އެވެ.

މީގެ އިތުރުން، މަގުތައް ގަވާއިދުން ބަލަހައްޓައި މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅުކޮށް، އިމާރާތްތައް މަރާމާތުކޮށް، މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތްތަައް ކުރާނެ އެވެ.

ހަމަ އެއާ އެކު:

  • މަގުތަކުގެ ފެން ހިންދުމުގެ ނިޒާމުތަކާއި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރާނެ

  • އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި ދުވާރު އަދި އެ ނޫން ވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރާނެ

  • ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ކުރާނެ

ބުނީ ކީކޭ؟ - ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގެ ކުންފުންޏަކާ އެކު މަގުހެދުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށެވެ.

އެމްއޭސީއެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އޮތް ނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ، އެ މަސައްކަތްކުރަން ޖެހެނީ، އެ ޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށް ފަހު ކަމަށް ވުމުން، މަސައްކަތްތައް ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"އެމްއޭސީއެލް އަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއާޕޯޓެއް ހިންގާ ބައެއް. މި ތިން ކަންތަކުގެ ތެރެއިން ތިޔަބޭފުޅުންގެ އެކްސްޕަޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ޝަރީފް ވިދާޅުވި އެވެެ

އެ ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އާރުޑީސީގެ ކުރިމަގު ބިނާކުރަމުން ދާނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކާ އެކު މަސައްކަތްކޮށް، އިތުރަށް ފުޅާކޮށްގެން ކަމަށެވެ.

ވީއައިއޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ، މަގުތައް ބެލެހެއްޓުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލު ކުރުން (ފޮޓޯ/އެމްއޭސީއެލް)

ފާހަގަ ކުރެވޭ - އެމްއޭސީއެލް އިން ބުނީ އާރުޑީސީއާ ހަވާލުކޮށްގެން އެއާޕޯޓުގެ މަގުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަނީ އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންނާއި އެހެނިހެން ފަރާތްތަކުގެ ފަސޭހަ އާއި ސަލާމަތާއި ރައްކާތެރިކަމަށް އެމްއޭސީއެލް އިން ކުރާ މަސައްކަތްތަކުގެ ތެރޭ ހިމަނައިގެން ކަމަށެވެ.

މި މަސައްކަތްތަކާ އެކު، އެއާޕޯޓުގެ ލޭންޑް ސައިޑްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި، މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށް ވުރެ އެތައް ގުނައެއް ފަސޭހަވެގެން ދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް