ތިނަދޫގެ މިސްކިތުގައި މިއަދު އިމާމްވެ ހުކުރު ކުރި، އާހިލް މުހައްމަދު ޒާހިރު: ރާއްޖޭގެ އެކި މިސްކިތްތަކުގައި މިއަދު އިމާމުވެ ނަމާދު ކުރި ޒުވާން ހަތީބުން

ހުކުރު ހުތުބާ

އުފާވެރި ހުކުރެއް؛ ރާއްޖޭގެ އެކި ހިސާބުތަކުން މިއަދު ފެނުނީ ޒުވާން ހަތީބުން

މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ޒުވާނުން އިމާމުވެ ހުކުރު ނަމާދު ކުރި ފުރަތަމަ ފަހަރު

މިއަދުގެ ހުކުރު ނަމާދަށް ފަހު މުޅި ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން އަންނަނީ މަރުހަބާ އާއި ތައުރީފްގެ ބަސްތަކެވެ. އުފާވެރި ޝުއޫރުތަކާއި ހެޔޮ ދުއާ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ގިނަ ޒުވާނުންނާއި ކުޑަކުދިން އެކި ރަށްރަށުގައި އިމާމުވެ ހުކުރު ކުރި އިރު، މިއީ ހަގީގަތުގައި ވެސް ގިނަ ބަޔަކަށް ލިބުނު އުފާވެރިކަމެކެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ދަށުން، މާލޭގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމުވެ ހުކުރު ކުރީ، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ހުޅުމާލޭގައި ހުންނަ މަސްޖިދުލްއަމާނީގައި ހުކުރުކުރި، ތާޖުއްދީން ސްކޫލުގެ ދަރިވަރު، ހުސެން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް، އޭނާގެ ފަރާތުން ފެނުނީ ޝައުގުވެރިކަމާއި އެކަމަށް ބެހެއްޓި ސަމާލުކަމެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްްޓްރީން ބޭއްވި ޕްރޮގްރާމްގެ ބައެއް ކުދިންނާ މިނިސްޓަރު ޝަހީމް ބައްދަލުކޮށްލައްވަނީ

"ވަރަށް ކުޅަދާނަ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ނޫސްތަކުން ނޭނގުނު ނަމަ އެކަން ފާހަގަނުވާހާ ފުރިހަމަ،" ޒައިން ހުތުބާ ކިޔާ މަންޒަރުގެ ވީޑިއޯ ޝެއާކޮށް، ފޭސްބުކްގައި މީހަކު ލިޔުނެވެ.

ގުރުއާނުން 11 ފޮތް ހިތުދަސްކޮށްފައިވާ ޒައިންއަކީ 17 އަހަރުގެ ކުއްޖެކެވެ.

ތައިބާ މިސްކިތުގައި އިމާމުވެ ހުކުރު ކުރީ، އިމާމުންގެ އާއިލާއަކުން ނުކުތް ސުލައިމް މުހައްމަދު ލަތީފެވެ. ގުރުއާނުން 23 ފޮތް ހިތުދަސްކޮށްފައިވާ މި ދަރިވަރަކީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 12ގައި ކިޔަވާ ޒުވާނެކެވެ.

މާލޭ ހުކުރު މިސްކިތުގައި އިމާމުވެ ނަމާދުކުރީ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، އަބްދުﷲ ނިޔާފްގެ ދަރިފުޅު ނައުފަން ނިޔާފެވެ. އޭނާ ވެސް ވަނީ ގުރުއާނުގެ ބޮޑު ބައެއް ހިތުދަސްކޮށްފަ އެވެ.

"ނައުފަން އަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ކުއްޖެއް ވެސް މެ،" ސީއެޗްއެސްއީގެ ދަރިވަރާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

މާލޭ ހުކުރު މިސްކިތުގައި އިމާމްވެ ނަމާދު ކުރި ނައުފަން

އީދު މިސްކިތުގައި އިމާމުވެ ނަމާދުކުރީ، ހއ. ތަކަންދުއަށް އުފަން ޒުވާން ހަތީބު އަބްދުލްމަތީން މުހައްމަދެވެ.

މަތީން ބުނިގޮތުގައި މިފަދަ ދީނީ ކަމެއްގައި ބައިވެރިވުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ.

"އެންމެ ފަހުން އިމާމަކަށް މިވީ. ވަރަށް އުފާވެއްޖެ މިއަދު،" އަރަބިއްޔާގެ ދަރިވަރު ބުންޏެވެ.

މާލެ އެކަންޏެއް ނޫނެވެ؛ ރަށްރަށަށް ވެސް މިއަދަކީ ހާއްސަ ހުކުރެކެވެ.

އެގޮތުން ހދ. މަކުނުދޫގެ އެއް މިސްކިތުގައި މިއަދު އިމާމުވެހުކުރު ކުރީ، އެ ރަށު ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރު ރައްޔާން މުހައްމަދެވެ. އަނެއް މިސްކިތުގެ އިމާމަކީ ރައްޔާންގެ އިސްލާމް ޓީޗަރު އަޝްފާގް މުހައްމަދެވެ. ޓީޗަރަކާއި ދަރިވަރަކު މިފަދަ މަގާމެއްގައި ތިބުމުން ވެސް ގިނަ ބަޔަކު އެކަން އުފަލާއެކު ފާހަގަކުރި އެވެ.

ހދ. މަކުނުދޫގައި މިއަދު ހުކުރުކުރި އެ ރަށު ސްކޫލުގެ ދަރިވަރު ރައްޔާން
މ. މުލީގައި 15 އަހަރުގެ ހޫދު މިއަދު ހުކުރު ކުރަނީ

"މިއަދަކީ މަކުނުދޫގެ ސްކޫލަށް ވެސް ތާރީހީ ދުވަހެއް،" ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ވިދާޅުވި އެވެ.

މ. މުލީގައި އިމާމުވެ ހުކުރުކުރީ، 15 އަހަރުގެ މުހައްމަދު ހޫދު އަހުމަދެވެ. އެހާ ކުޑަކުއްޖަކު، ފުރިހަމައަށް ހުތުބާ ކިޔާ ނިންމާލި ވީޑިއޯ ގިނަ ބަޔަކު ޝެއާކުރީ ތައުރީފްގެ ބަސްތަކާ އެކު އެވެ.

މިއަދަކީ ގދ. ތިނަދުއަށް ވެސް ތާރީހީ ދުވަހެކެވެ. އެ ރަށުގެ އެންމެ ބޮޑު މިސްކިތުގައި އިމާމްވެ ހުކުރުކުރީ، މިހާތަނަށް އެ މަގާމަށް އިސްކުރި އެންމެ ޅަ ޒުވާނާ އެވެ.

އާހިލް މުހައްމަދު ޒާހިރަކީ ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒެކެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވި ހުކުރު ނަމާދުގެ އިމާމަކަށް، ޒުވާން އާހިލް އިސްވެ، އޭނާ ހޯދި އެ ކާމިޔާބީ ވެސް އެ ރަށުގެ މީހުން ފާހަގަކުރަމުން އަންނަނީ ފަހުރުވެރިކަމާ އެކު އެވެ.

މަސްޖިދުލް އަމާނީގައި މިއަދު ޒައިން ހުކުރު ކުރަނީ

ޒުވާން ހަތީބުންގެ އިތުރުން، މިއަދު މާލޭގެ އިސްލާމީ މަރުކަޒުގެ ބަންގި ގޮވީ ވެސް ކުޑަކުއްޖެއް ކަމަށްވާ، ލައިތު ބުން ނިއުޝާދެވެ.

"ގައުމުގެ މިސްރާބު ހުރީ ހެޔޮ ދިމާއަށް. މިކަން ބަދަލުކުރަން ފުރުސަތު ދީގެން ނުވާނެ،" އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަގީގަތަކީ ކޮބާ

15 މާރިޗު 2024
މާޝާﷲ. ވަރަށް އުފާވެރި ދުވަހެއް. މާތްﷲ އެކުދިންނަށް ރަހްމަތް ލައްވާންދޭވެ. އާމީން
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް