ބާޒާރުގައި ވިއްކަން ހުރި ބިސް. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކުކުޅު ބިސް ގަންނައިރު ރަނގަޅީ ފިނިކުރި ބިސް ގަތުން: އެމްއެފްޑީއޭ

ކުކުޅު ބިސް ގެންގުޅުމާއި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެފްޑީއޭ އިން ބުނި

ކުކުޅު ބިސް ގަންނަ އިރު ރަނގަޅީ ފިނިކޮށް އައިސްއަލަމާރީގައި ބަހައްޓާފައި ހުރި ބިސް ގަތުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޯދަ މަހަކީ ކުކުޅު ބިސް ބޭނުންކުރާ މިންވަރު އިތުރުވާ މަހެއްކަމުން، އެ އިދާރާ އިން ވަނީ ބިސް ބޭނުންކުރާ އިރު އަދި ވިއްކާ އިރު ވެސް ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހަނދާންކޮށްދީފަ އެވެ.

ތަފްސީލް - އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުކުޅު ބިސް ގެންގުޅުމާއި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންކަމުން ބިސް ގަންނަ އިރު އަދި ވިއްކާ އިރު އާއި ބޭނުން ކުރާ އިރު ސަމާލުކަން ދެންޖެހޭ ކަންތައްތަކެއް އެ އިދާރާ އިން ވަނީ ހަނދާންކޮށްދީފަ އެވެ.

އެގޮތުން؛

  • ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން

  • ފިނިކޮށް އައިސްއަލަމާރީގައި ހުންނަ ބިސް ގަތުމަށް އިސްކަންދިނުން

  • ބިސްގަންނަ އިރު ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުން، އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ނުގަތުން

  • ރެނދުލާފައި ހުންނަ ބިސް ނުގަތުން

  • ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިސް ނުގަތުން

  • ބިސް ދޮވެގެން ބޭނުން ނުކުރުން؛ ބިސް ދޮވުމުން ބިހުގެ ތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލްވުމަށް މަގުފަހިވޭ

  • އައިސްއަލަމާރީގައި ބިސް ރައްކާކުރާ އިރު އެހެން ކާބޯތަކެތި ތަގައްޔަރު ނުވާނެހެން ބެހެއްޓުން

  • ރޯނުފިލުވާ ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާއެއްޗެހި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުން

  • މިފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރުވަންދެން ނުބެހެއްޓުން

ކޮމެންޓް (1)

ބިސްމޭން.

15 މާރިޗު 2024
މި ރާއްޖޭގައި ހެޔޮ އަގެއްގަ ފިނިކުރި ބިސް ގަންނަން ލިބޭނީ ކޮންތާކު؟ އަސްލު އެޗްޕީއޭ އިން ކުރަންވީ ކަމަކީ ރައްޖޭގެ ހާލަތާއި ބައްދަލު އެޑްވައިސް ނެރެންވީ. ބިހަކީ ރައްޖެއަށް ގެންނައިރު، ބާޒާރު ފިހާރަތަކުގަ ވިއްކަން ހުންނައިރު، އަދި އެއްތަކުން އަނެއްތަނަށް، އެއްރަށުން އަނެއް ރަށައް ގެންދާއިރު ވެސް ފިނިކޮށްފައި ހުންނަ އެއްޗެއް ނޫން. އެހެންވެ، މިކަން މިހެން އޮއްވާ، އެކަމަށް ބަދަލު އަންނާނެ ސިޔާސަތުތަކެއް ނުހަދާ، ރައްޔިތުން ކައިރީ ފިނިކުރި ބިސް ގަތުން ރަގަޅޭ ބުންޏަސް، ތިޔަ ބިހެއް މި ގައުމަކުން ނުލިބޭނެ. ވަރަށް ސަލާމް އެޗްޕީއޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް